ކޭޕާކުގެ ފްލެޓް ގަނެފައިވާ މީހުން ޝަކުވާއެއް އޮތްނަމަ ހުށައަޅަން އެދިއްޖެ

ފުލުހުން ބުނީ ކޭ-ޕާކް ރެސިޑަންސް އެޕާޓްމަންޓްތައް އެކި ފަރާތްތަކަށް ވިއްކާ ލިބުނު ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވިގެން ހުށައަޅާފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މައި އިދާރާ

"ކޭޕާކް ރެސިޑެންސް" ގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ލަގްޒަރީ ފްލެޓްތައް ގަނެފައިވާ މީހުން އެއްވެސް ޝަކުވާއެއް އޮތް ނަމަ އެކަން ފުލުހުންގެ ހިދުމަތަށް ހުށައެޅުމަށް އެ މުއައްސަސާއިން އެދިއްޖެ އެވެ.

"ކޭޕާކް ރެސިޑެންސް" ގެ ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހި އެ މަސައްކަތް ކުރާ ކޮރެއާ ކުންފުނި -- ހަންބޯ ޓެކްގެ ރާއްޖޭގެ އޭޖެންޓް ވަނީ މައްސަލަ ފުލުހަށް ގެންގޮސްފައެވެ. އަދި އެ ކުންފުނީގެ ތުހުމަތުތައް ތަހުގީގު ކޮށް ދިނުމަށް ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އާބަންކޯ އިން ފުލުހުންގެ ކިބައިން ވަނީ އެދިފައެވެ.

ފުލުހުންގެ ހިދުމަތުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހަންބޯ ކުންފުނީެ ނަމުގައި ހަދާފައިވާ ފޯޖް ލިޔެކިޔުންތަކެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން ކޭ-ޕާކް ރެސިޑަންސް އެޕާޓްމަންޓްތައް އެކި ފަރާތްތަކަށް ވިއްކާ ލިބުނު ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވިގެން ހުށައަޅާފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފްލެޓްތައް ގަނެފައިވާ މީހުން އެއްވެސް ޝަކުވާއެއް އޮތް ނަމަ އެކަން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކްގެ ކައިރިން 14 ބުރިއަށް އިމާރާތް ކޮށްފައިވާ "ކޭޕާކް ރެސިޑެންސް" ގެ މައްސަލަ ފުލުހަށް ހުށައަޅާފައިވާކަން ޗައިނާގެ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުން ހާމަކޮށް ބުނެފައިވަނީ ނުއަގުގައި އެތައް ބަޔަކަށް ފްލެޓް ވިއްކާފައިވާ ކަމަށާ ކުންފުނީގެ ގަރާރެއް ބޭނުން ކޮށްގެން އެއްބަސްވުންތައް ވެސް ހަދާފައިވާ ކަމަށެވެ. އަދި މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތު ކަމަށް ބުނެ އޮޅުވާލައިގެން ބައެއް އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެޕާޓްމަންޓްތަކުގެ އަގުގެ ބަދަލުގައި ކާރާއި އެ ނޫންވެސް ތަކެތި ބައެއް މީހުންގެ އަތުން ނަގާފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ. އަދި އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކައި ފައިސާ ނަގާފައިވާ ކަންވެސް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުން ތުހުމަތު ކުރެއެވެ.

ހަންބޯ ޓެކް ކޮމްޕެނީގެ ބަސް

މި މައްސަލައާ ގުޅިގެން ކޮރެއާގެ ހަންބޯ ޓެކް ކޮމްޕެނީ ލިމިޑެޓުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި 2017 ވަނަ އަހަރު އުފެއްދި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓަކީ "ކޭޕާކް ރެސިޑެންސް" ގެ ރާއްޖޭގެ އެޖެންޓްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އެ ކުންފުންޏަށް އެހީތެރިވުމާއި އެޕާޓްމަންޓްތައް މާކެޓްކުރުމާއި ވިއްކުން ފަދަ މަސައްކަތްތައް ކުރުމަށް ކަމަށެވެ.

ނަމަވެސް ހަންބޯ މޯލްޑިވްސްއާއެކު އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދަން ތަފާތު ދަތިތައް ކުރިމަތިވުމުގެ ސަބަބުން މެއި 2، 2023 ގައި އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަަމަށެވެ. ކޮރެއާގެ ހަންބޯ ޓެކް ކޮމްޕެނީން ވަނީ އެ ނިންމުމުގެ ސަބަބުން ކަސްޓަމަރެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި "ކޭޕާކް ރެސިޑެންސް" ގެ މަޝްރޫއާ ގުޅިގެން ހުއްދަ ނެތް އެއްވެސް ފަރާތަކާއި މުއާމަލާތް ނުކުރުމާއި އެފަދަ ކަންކަމުގައި ސަމާލު ވުމަށް ކަސްޓަމަރުންނަށް ވަނީ އިލްްތިމާސް ކޮށްފައެވެ. 

ކޭޕާކް ޕްރޮޖެކްޓްގެ މައިނޯރިޓީ ހިއްސާދަރަކީ ރާއްޖޭގެ ހަސަން މަމްދޫހް (މަންޑޭ) އެވެ. 

މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓުން

މި މައްސަލަ ފެންމަތިވުމާއެކު ތަހުގީގު ކުރިއަށްދާތީ ފުލުހުންގެ އެދުމަތިން ކޯޓު އަމުރަށް މަންޑޭގެ ޕާސްޕޯޓް ހިފައްޓާފައިވެ އެވެ.

ކޭ-ޕާކް ހިންގަން އާބަންކޯ އިން އެއްބަސްވުން އޮކްޓޯބަރު 9، 2016 ގައި ހަދާފައިވަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަންބޯ ޓެކް އާ އެކުގަ އެވެ. ހަންބޯ ކޮމްޕެނީއަކީ މަޝްރޫއު ހިންގައި މާކެޓް ކުރުން ފަދަ ކަންކަމާ ރާއްޖޭން ހަވާލުވި ކުންފުންޏެވެ. މި މައްސަލާގައި ފުރަތަމަ ފުލުހަށް ދިޔައީ ހަންބޯގެ ރާއްޖޭ ކުންފުނީގެ މައި ހިއްސާދާރު އަދި ކޮންޓްރެކްޓަރު ޖިން އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.