ފުލުހުން އއ. ރަސްދޫގެ ފުލުސް މަރުކަޒުގައި ބަންދުކޮށްފައި ހުރި މީހަކު ހައްޔަރު ގޮޅިން ބޭރަށް ނެރެފައި ހުއްޓާ ފިލާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
ދިވެހި ފުލުހުން ބުނީ ތުހުމަތެއް ވެގެން ހައްޔަރަށް ނަގައި ރަސްދޫގައި ގާއިމުވެ އޮންނަ ފުލުހުން ބަލަމުން ގެންދިޔަ މައްސަލައެއްގައި ހިމެނޭ އުމުރުން 25 އަހަރުގެ ދިވެއްސަކު އިއްޔެ، ހައްޔަރު ގޮޅީން ބޭރަށް ނެރެފައި ހުއްޓާ ފިލައިގެން ގޮސްފައިވާތީ އެ މީހާ ހޯދަމުން ގެންދާ ކަމަށެވެ.
ރަސްދޫ ފުލުހުގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލި އެ މީހާ އަކީ ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ކޯޓުން ދީފައި ހުރި މީހެކެވެ. އޭނާއަށް ތުހުމަތުވެގެން ބަލަމުން ދިޔަ މައްސަލައަކީ ކޮބައި ކަމެއް ސާފެއް ނުވެއެވެ.
އެނާ ފިލައިގެން ދިޔައީ ފުލުސް ސްޓޭޝަނުގެ ތަނެއް ފަޅާލައި ރަސްދޫ ފުލުސް ސްޓޭޝަނުން ވައްކަން ކޮށްގެން ކަމަށް އަޑުތައް ފެތުރިފައި އޮތް ނަމަވެސް އެކަން ފުލުސް އިދާރާއިން ދޮގު ކުރެ އެވެ.
ފުލުހުންގެ ބަންދުން މީހުން ފިލުން ރާއްޖޭގައި އެހާ އާންމެއް ނޫނެވެ. އެހެން ނަމަވެސް ޖަލުން މީހުން ފިލުމުގެ ހާދިސާތައް ރާއްޖޭގައި ވެސް ހިނގަ އެވެ.