މި ސަރުކާރު މި ދަނީ ނިމެން، ކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް ކުރާނެ: މުނައްވަރު

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވަރަށް ފާސްޓްކޮށް ދެން ނިމުމަކަށް އަންނާނެ. ހަމަ ނިމުމާއެކީ މި މައްސަލަ އަލުން ފައްޓާނަން"

މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ޑރ. މުނައްވަރު މައުލޫމާތު ދެއްވަނީ

ޗާގޯސް އާއި ރާއްޖޭގެ އިން ވަކި ކުރުމުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯސް އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމުގެ ސަަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށާ މި ސަރުކާރު ނިމުމާއެކު އެ ސަރަހައްދު ހޯދުމަށް ކުރެވެން ހުރި މަސައްކަތް ފައްޓަވާނެ ކަމަށް ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

މުނައްވަރު މިހެން ވިދާޅުވީ ޗާގޯސްގެ މައްސަލާގައި ސިޔާސީ ޕާޓީތަކާއި ކުރީގެ ބައެއް ބަންޑާރަ ނާއިބުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައެވެ. އިޓްލޮސްގެ ނިންމުމާއެކު ފުށުއަރާ ސަރަހައްދުން ރާއްޖެ އަށް 47،232 އަކަ ކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ.

މުނައްވަރު މިއަދުވެސް ވިދާޅުވީ އިޓްލޮސްގެ ނިންމުން އައީ ދިވެހީންނާއި އެއްކޮޅަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އެއީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށް ވިދާޅުވި އެވެ. 

ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަށް ކުރެވެން އޮތް މަސައްކަތަކީ ކޮބައިތޯ އާއި އެ މަަސައްކަތް ކުރާނެތޯ ސުވާލު ކުރުމުން މުނައްވަރު ވިދާޅުވީ ސަރުކާރުން އެކަން ނުކުރާނެ ކަމަށެވެ. ކަނޑުން ބައެއް ގެއްލުނު ކަމަށް ގަބޫލު ނުކުރާ ބަޔަކަށް އެ ނިންމުން އެޕީލް ނުކުރާނެ ކަމަށާ ނަމަވެސް ދިވެހި ރައްޔިތުންގެ ފަރާތުން އެކަން ކުރެވެން އޮތް ގޮތެއް އޮތްތޯ ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންގެ ފަރާތުން އެޕީލް ކުރުމަށްޓަކައި އެއްވެސް ޖާގައެއް އޮތްްތޯ މި ދަނީ ބަލަމުން. އެއްވެސް ޖާގައެއް އޮތް ކަމަށް ވެއްޖިއްޔާ އެޕީލް ކުރާނަން،" 

މުނައްވަރު ވިދާޅުވީ ރައީސް ސޯލިހްގެ މިވެރިކަން ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި އޭރުން އެ މައްސަލަ ކުރިއަށް ގެންދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަަމަށް ބަޔަކު ބުނެފާނެ ކަމަށާ ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތްގޮތް ހުންނާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވަރަށް ފާސްޓްކޮށް ދެން ނިމުމަކަށް އަންނާނެ. ހަމަ ނިމުމާއެކީ މި މައްސަލަ އަލުން ފައްޓާނަން. ދެން ފައްޓާނެ ގޮތް ނޭންގޭނެ އޭ އެ ބޭފުޅުން ވިދާޅުވާނެ. އެ ބޭފުޅުންނަކަށް ނޭންގޭނެ. ކުދިވެރީންނަށް ނޭންގޭނެ. އެކަމަކު އަޅުގަނޑު މި ދަންނަވަނީ ވަރަށް ސާފުކޮށް މައްސަލަ ބެލޭނެ ގޮތްގޮތް ހުންނާނެ. އެގޮތަށް ބެލޭނެ

ޑރ. މުހައްމަދު މުނައްވަރު | ކުރީގެ ބަންޑާރަ ނާއިބު

މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުން: ގިނަ ޕާޓީތަކުން ބައިވެރިވި -- މި

ދެވަނަ ދައުރެއް ދީފިނަމަ ވަރަށް ނުރައްކާ

މުނައްވަރު ވަނީ ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފޮނުއްވެވި ސިޓީއާ ގުޅިގެން ވަރަށް ބޮޑަށް ސުވާލު އުފައްދަވާފައެވެ. މުނައްވަރު ވަނީ އެފަދަ ވެރިއަކަށް ދެވަނަ ދައުރެއް ދިނުމަކީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވި އެވެ.

"މި މީހުންނަށް ދެވަނަ ދައުރެއް ލިބިއްޖެއްޔާ ހަނިމާދޫ ކަމެއް ދޭނީ މި ތަނުން ތަނެއް ކަމެއް އުތުރު ތިލަފަޅުކަމެއް ދޭނީ ނޫނީ ދެން ކޯންޗެއް ކަމެއް ނޭންގޭ. މި ނޫނީ ދައުލަތް ހިންގަން ތިބި ބަޔަކަށް ދައުލަތަށް ވާނުވާ ނޭންގި އެއް ނެތް. އެއީ ކަނޑުން އެއްބައި ގެއްލުނީމަވެސް އަތްތިލަ ބަޑި ޖަހަނީ. މި މީހުން ހަމައެއް ނޫން. ގަމާރީ އެކަންޏެއް ނޫން، ހަމަވެސް ނޫނީ،" މުނައްވަރު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކަނޑައެޅިފައެއް ނުވާ ކަމަށް ބުނާ ބުނުމަކީ ބޮޑު ދޮގެއް ކަމަށްވެސް މުނައްވަރު މިއަދު ވިދާޅުވި އެވެ. އަދި އިޓްލޮސް އިން ނިންމުން ނިންމާފައި ވަނީ ރާއްޖޭން އެދުނު ގޮތަށް ރާއްޖެއަށް ފައިދާ ހުރި ގޮތަކަށް ކަމަށް ސަރުކާރުން ކިތަންމެ ވަރަކަށް ބުނި ނަަމަވެސް ހަގީގަތް ބަދަލު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"މޮޅެއް ނުވާނެ ނޫންތޯއޭ ކަނޑައެޅިފައި އޮތް 200 މޭލުން ދެބައިކުޅަ އެއްބައި ދޫކޮށްލީމަ. މޮޅެއް ނުވާނެ ނޫންތޯ. ކޮން ލޮޖިކަކުންތޯ 100 މޭލު އޮތް ތަނަކުން 50 މޭލު އެ މީހުންނަށް ދީފައި މޮޅުވީއޭ ބުނީމަ. އަޖައިބު ވެދާނެ. ދިވެހި ދައުލަތުގައި ފުރަތަމަ ހުންނާނެ ސިޔާސީ ނުވާނެ ކަންކަން. އޭގެ ތެރެއިން އެއް ކަމަކީ ރާއްޖޭގެ ސަރަހައްދު،" މުނައްވަރު ވިދާޅުވި އެވެ.

އިޓްލޮސް އިން ނިންމުން ނިންމާފައި ވަނީ ރާއްޖޭން އެދުނު ގޮތަށެވެ. ދެ ގައުމުގެ ސަރަހައްދުން 200 މޭލު ބޭރަށް އިން ނަގާއިރު، ފުށުއަރާ ހިސާބު ބެހުމަށް އޮންނަނީ ދެ ގައުމަށް އެއްވަރުވާ ގޮތަށެވެ. މޮރިޝަސް އިން ދައުވާކުރަމުން ދިޔައީ އެ ގައުމުގެ އިން ކަނޑައަޅާއިރު، 200 މޭލު ފަށާ ހިސާބެއްގެ ގޮތުގައި ޗާގޯސްގެ ބޭރުން އޮންނަ ބްލެއިމަން ފަރު ބެލުމަށެވެ.

އެކަމަކު ރާއްޖެއިން ބުނަމުން ދިޔައީ ބްލެއިމަން ފަރަކީ ހަމައެކަނި ހިކި ދިޔައިގައި ފެންނަން އޮންނަ ތަނަކަށް ވެފައި، މީހުންނަށް ދިރިއުޅެވޭ ވަރުގެ ތަނަކަށް ނުވާތީ، އެއީ އިން ކަނޑައެޅުމުގައި ބެލޭނެ ހިސާބެއް ނޫންކަމަށެވެ. އިއްޔެ އިޓްލޮސް މައްސަލަ ނިންމީ ރާއްޖެއާ އެއްކޮޅަށެވެ. އެހެންވެ، އެއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ސަރުކާރުން ބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.