ދުބާއީގެ ކުންފުންޏަކުން އަގު ބޮޑު ރިސޯޓެއް ހަދަން އިއުލާނުކުރީ ސިނާއީ ރަށެއް

އެފްއޭއެމް ހޯލްޑިންސްއަކީ، 2005 ވަނަ އަހަރު ދުބާއީގެ ވިޔަފާރިވެރިޔާ ޑރ. ފައިސަލް އަލީ މޫސާ އަލް ނަގްބީ އުފެއްދެވި ކުންފުންޏެކެވެ. މިހާރު އެއީ އާންމުންނަށް ހިއްސާ ވިއްކައިގެން ހިންގާ ޕަބްލިކް ކުންފުންޏެކެވެ.

އެފްއޭއެމް ހޯލްޑިންސް އިން ފޮނަގާދޫގައި ހަދާ ރިސޯޓް ކަމަށް ބުނެ އިއުލާނުކުރި ކުރެހުން

ދުބާއީގެ އެފްއޭއެމް ހޯލްޑިންސް އިން ރާއްޖޭގައި 3.3 ބިލިއަން ރުފިޔާ (217 މިލިއަން ޑޮލަރު) ގެ ރިސޯޓެއް ތަރައްގީ ކުރަން އިއުލާނު ކޮށްފައިވާ ރަށަކީ ސިނާއީ މަސައްކަތަށް ދޫކޮށްފައިވާ ރަށެއްކަން ހާމަވެއްޖެ އެވެ.

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، އިއްޔެގެ ނިޔަލަށް ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ބޭއްވި އަރަބިއަން ޓްރެވަލް މާކެޓް ފެއާގައި އިއުލާނުކުރި އެ މަޝްރޫއު ހިންގަން ހަމަޖައްސާފައިވާ ރަށެއް ކަމަށް އެ ކުންފުނިން ބުނެފައި ވަނީ ލ. އަތޮޅު / ހައްދުމަތީ، ފޮނަގާދޫ ކަމަށެވެ. އެ އަތޮޅު އިސްދޫ އާއި އިސްދޫ އެއްފަހަށް އޮންނަ އިދާރީ ވަކި ރަށަކަށް ބަލާ ކަލައިދޫއާ އެއް ފަޅެއްގެ ތެރޭ ރަށާ 700 އެއްހާ މީޓަރު ކައިރީގައި އޮންނަ އެ ރަށަކީ މޫދުވިނަ ފާމެއް ހިންގަން ހަސަން މޫސާ ކިޔާ މީހަކަށް 2012 ވަނަ އަހަރުން ފެށިގެން 21 އަހަރުގެ މުއްދަތަކަށް ދޫކޮށްފައި އޮތް ރަށެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "މި" ނޫހަށް ވިދާޅުވީ އެ ރަށަކީ އެއްވެސް އިރަކު ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައަޅާފައި އޮތް ރަށެއް ނޫން ކަމަށެވެ. އަދި، އެ ރަށް ކައުންސިލުގެ އިހްތިސޯސަށް ވެސް ނުވަންނާތީ، އެ ރަށުގައި ޓޫރިޒަމް މަޝްރޫއެއް ހިންގޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

އެފްއޭއެމް ހޯލްޑިންސްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، އަލްމަހްރާ ރިސޯޓުގެ ނަން ދީފައިވާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ދެ މަހެއްހާ ދުވަހުގެ ތެރޭ ފަށާނެ އެވެ. އަދި 2025 އަށް މަސައްކަތް އެއްކޮށް ނިމޭނެ އެވެ. އެ ކުންފުނިން ބުނާ ގޮތުގައި އެ މަޝްރޫއުގެ 20 ޕަސެންޓް މިހާރު ވެސް ވަނީ ވިކިފަ އެވެ.

އަލްމަހްރާގެ ރިސޯޓުގެ ފާހަގަތައް

  •  100 މޫދު ވިލާ
  •  40 ބީޗު ވިލާ
  •  10 ވީއައިޕީ ވިލާ
  •  ޖިމަކާއި، ސްޕާއެއް
  •  ކޮންމެ ޔުނިޓަކު ސްވިމިން ޕޫލެއް
އެފްއޭއެމް ހޯލްޑިންސް: ކޮންބައެއް؟ އެފްއޭއެމް ހޯލްޑިންސްއަކީ، 2005 ވަނަ އަހަރު ދުބާއީގެ ވިޔަފާރިވެރިޔާ ޑރ. ފައިސަލް އަލީ މޫސާ އަލް ނަގްބީ އުފެއްދެވި ކުންފުންޏެކެވެ. މިހާރު އެއީ އާންމުންނަށް ހިއްސާ ވިއްކައިގެން ހިންގާ ޕަބްލިކް ކުންފުންޏެކެވެ. މައިގަނޑު ވިޔަފާރިއަކީ ރިއަލް އެސްޓޭޓެވެ. އިމާރާތް ކުރުން، ކެމިކަލް އުފެއްދުން، އައިޓީ އަދި ފިލްމު އުފެއްދުމުގެ ވިޔަފާރި ވެސް އެ ކުންފުނީގެ ކުޑައިގެ ދަށުން ހިނގަ އެވެ. އަލްމަހްރާ ރިސޯޓަކީ ދުބާއީން ބޭރުގައި އެ ކުންފުނިން އިއުލާނުކުރި ފުރަތަމަ މަޝްރޫ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.