ޕެއެޓޮންގްޓާން ޝިނަވަޓްރާ ވާދަ ކުރައްވާނީ ބިލިއަނަރު ޝިނަވަޓްރާގެ އާއިލާއިން އުފެއްދި ޕޮޕިއުލިސްޓް ހަރަކާތުގެ ފޭއު ތައި ޕާޓީންނެވެ.
ތައިލެންޑުގައި ދެން ބޮޑުވަޒީރު ކަމަށް ވަޑައިގަތުމާ އެންމެ ކައިރީ ހުންނެވި ލީޑިން ކެންޑިޑޭޓަކީ ޕެޓޮންގްޓާން ޝިނާވަޓްރާ އެވެ. ބޮޑުވަޒީރު އިންތިހާބަށް ދެ ހަފުތާއާ ކައިރިވެފައި އޮއްވާ އެކަމަނާއަށް ފިރިހެން ބޭފުޅަކު ލިބި ވަޑައިގެންފި އެވެ.
އިދިކޮޅު ފޭއު ތައި ޕާޓީގެ ލީޑަރު ކަން ވެސް މިހާރު ކުރައްވާ ޕައެޓޮންގްޓާން ސިނަވަޓްރާ ވަނީ ދަރިފުޅު އުފަންވެ ވަޑައިގަތްކަން އެކަމަނާ އިންސްޓަގްރާމްގައި އިއުލާންކޮށް ހޮސްޕިޓަލުގައި ދަރިކަލުންނާއި ފިރިކަލުންނާއެކު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާ ކުރައްވާ އެވެ. މިއީ ޕައެޓޮންގްޓާންގެ އަށް ލިބި ވަޑައިގެންނެވި ދެވަނަ ދަރިފުޅެވެ.
ފިރިކަލުންނާއި އަލަށް އުފަންވެ ވަޑައިގެންނެވި ދެވަނަ ދަރިފުޅުގެ ފޮޓޯ އިންސްޓަގްރާމްގައި ހިއްސާ ކުރައްވާ އެކަމަނާ ތުއްތު ދަރިފުޅު ތައާރަފް ކޮށްދެއްވާފައި ވަނީ "ޕްލޫއެންކްތަސިންސުކްސަވަޓް" ގެ ނަމުންނެވެ. އަދި ވިދާޅުވެފައި ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.
"ޝުކުރިއްޔާ ހުރިހާ ސަޕޯޓަކަށް،" އުމުރުފުޅުން 36 އަހަރުގެ ޒުވާން ސިޔާސީ ލީޑަރު، އެކަމަނާގެ ބައި މިލިއަނަށް ވުރެ ގިނަ ފޮލޯވަރުންނަށް ލިޔެފައި ވެއެވެ. "ފުރަތަމަ މަންމަ ރަނގަޅުވާން މަޑުކޮށްބަލަ، ދެން ޕްރެސްއާ ބައްދަލު ކުރާނީ!"
މިދިއަ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ޕައެޓޮންގްޓާންގެ ބައްޕާފުޅު، ކުރީގެ ބޮޑު ވަޒީރު ތަކްސިން ޝިނަވަޓްރާ ވިދާޅުވީ އޭނާގެ ކާފަދަރިފުޅު - ހަތް ވަނަ ކާފަދަރިފުޅު - އުފަންވެ ވަޑައިގަތުމުން އުފާ ކުރައްވާ ކަމަށެވެ.
"އަހަރެންގެ ހަތް ކާފަދަރިން ވެސް އުފަންވީ އަހަރެން ރާއްޖެއިން ބޭރުގައި މަޑުކުރަން ޖެހިފައި ވަނިކޮށް" ޓަކްޝިން ލިޔުއްވާފައި ވެއެވެ. "އަހަރެންގެ ކާފަދަރިން ބަލަހައްޓަން އެނބުރި ގައުމަށް ދިއުމުގެ ހުއްދައަށް އެދިވިދާނެ މި އަންނަ ޖުލައި މަހު އަހަރެންގެ އުމުރުން ގާތްގަނޑަކަށް 74 އަހަރު ވުމުން،"
މި މަހު ބާއްވާ އިންތިހާބުގެ ކެމްޕޭން ފެށި ފަހުން ޕޯލްތަކުން ދައްކާ ގޮތުގައި ބޮޑުވަޒީރު ކަމަށް ވޯޓުލާ މީހުންގެ ފުރަތަމަ ނުވަތަ ދެވަނަ ޗޮއިސްއަކީ ޕައެޓޮންގްޓާން އެވެ. ފަހުގެ ޕޯލް ސާވޭތަކުން މި މަހުގެ 14 ވަނަ ދުވަހު ބާއްވާ އާންމު އިންތިހާބަށް އިދިކޮޅު ޕާޓީތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާއިރު، ޕައެޓޮންގްޓާންގެ ބޮޑުދައިތާފުޅު ޔިންގްލަކް ޝިނާވަޓްރާގެ ސަރުކާރު ވައްޓާލުމަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ބޮޑުވަޒީރު ޕްރަޔޫތު ޗާން-އޯޗާއަށް މި އިންތިހާބު ކާމިޔާބު ކުރުމުގައި ވަރަށް އުނދަގޫތަކާ ދިމާވާނެ ކަމަށް ބެލެވިފައި ވެއެވެ.
ކުރީގެ ބޮޑު ވަޒީރު ޔިންގްލަކްގެ ޝިނަވަޓްރާގެ ބޭބޭފުޅު އަދި ޕެޓޮންގްޓާންގެ ބައްޕާފުޅު ބިލިއަނަރު، ތަކްސިން ޝިނަވަޓްރާގެ ސަރުކާރު 2006 ވަނަ އަހަރު ވައްޓާލީ އަސްކަރީ ބަޣާވާތެއްގަ އެވެ. ބޮޑުވަޒީރު ތަކްސިން އާއި ބޮޑުވަޒީރު ޔިންގްލަކް ވެސް ދިރިއުޅުއްވަނީ އަމިއްލަފުޅަށް އަރުވާލެވި ގައުމުން ބޭރުގަ އެވެ. އެއީ އެ ބޭފުޅުން ސިޔާސީ ގޮތުން އެނބުރި އައުން ހުއްޓުވުމަށް ފަރުމާކޮށްފައިވާ ޖަލު ހުކުމްތަކުން ސަލާމަތް ވުމަށެވެ.
ޕެއެޓޮންގްޓާން ޝިނަވަޓްރާ ވާދަ ކުރައްވާނީ ބިލިއަނަރު ޝިނަވަޓްރާގެ އާއިލާއިން އުފެއްދި ޕޮޕިއުލިސްޓް ހަރަކާތުގެ ފޭއު ތައި ޕާޓީންނެވެ. ރަށްރަށާއި ސިޓީތަކުގެ މަސައްކަތްތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ފޭއު ތައި ޕާޓީއަށް 2019 ވަނަ އަހަރު އިންތިހާބުގައި ގިނަ ގޮނޑިތައް ކާމިޔާބު ކުރެވުނެވެ. ނަމަވެސް ސަރުކާރެއް އެކުލަވާލެވޭ ގޮތެއް އެފަހަރަކު ނުވި އެވެ.