"ސިޔާސީ ފުރޮޅުމާއި އިގްތިސޯދު ސީދާ ކުރުމުގަ ނޫސްވެރިންގެ ޒިންމާ ވަރަށް ބޮޑު"

ކޮންމެ އަހަރެއްގެ މޭ މަހުގެ 3 ވަނަ ދުވަހަކީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން 1993 ވަނަ އަހަރު އދ. ޔުނެސްކޯއިން ކަނޑައެޅި ދުވަހެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްކޮންފަރެނެސް އެއް ބޭއްވުމަށް ފަހު ނޫސްވެރިންތަކަކާއެކު -- ރައީސް އޮފީސް

ރާއްޖެއަށް އަންނަ އިޖުތިމާއީ ބަދަލުތަކާއި ސިޔާސީ ފުރޮޅުންތަކާއި، އަދި އިގްތިސޯދުގެ މިސްރާބު ސީދާ ކުރުމުގައި ދިވެހި ނޫސްވެރިންގެ ޒިންމާ ވަރަށް ބޮޑު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

ކޮންމެ އަހަރެއްގެ މޭ މަހުގެ 3 ވަނަ ދުވަހަކީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަން 1993 ވަނަ އަހަރު އދ. ޔުނެސްކޯއިން ކަނޑައެޅި ދުވަހެވެ.  -- މި އަހަރަކީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަ ކުރަން ކަނޑައެޅިތާ 30 އަހަރު ފުރޭ އަހަރެވެ.

މި އަހަރުގެ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާންމު ކުރެއްވި ހިތޯބުގައި އެ މަނިކުފާނު ވިދާޅުވެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަ ކުރާއިރު، އެންމެ ބޮޑަށް ހަނދާނުގައި ބަހައްޓަން ޖެހެނީ މުޖުތަމައުގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމުގައި ނޫސްވެރިން އަދާކުރާ މުހިންމު ދައުރަށް ކަމަށެވެ. 

"... އިޖުތިމާއީ ގޮތުން ގައުމަށް އަންނަ ބަދަލުތަކާއި ސިޔާސީ ގޮތުން ގައުމަށް ކުރިމަތިވާ ފުރޮޅުންތަކާއި، އަދި އިގްތިސޯދީ ގޮތުން ގައުމަށް ކުރިމަތިވަމުން އަންނަ ކޮންމެ ބަދަލެއްގެ މިސްރާބު ސީދާ ކުރުމުގައި ނޫސްވެރިންގެ ޒިންމާ ވަރަށް ބޮޑެވެ. މިނިވަން ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރު ވަނަ ބާރު ކަމުގައި މާނަ ކުރެވެނީ މި ސަބަބަށްޓަކަ އެވެ،" ރައީސް ވިދާޅުވި އެވެ. 

ރައީސް އަދި ވިދާޅު ވެއެވެ: "... ޒިންމާދާރުކަމާއެކު މައުލޫމާތު ހޯދައި ފެތުރުމަށް ދިވެހި ނޫސްވެރިން ކުރަމުން އަންނަ ބުރަ މަސައްކަތްތަކުން، އަޅުގަނޑުމެންގެ މުޖުތަމައަށް ހެޔޮ ބަދަލުތައް އަންނަމުންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަމެވެ." 
   
ރައީސް ސޯލިހު މިއަދު ވިދާޅުވީ ދިވެހި ނޫސްވެރިކަމުގެ މާޒީގެ އިބްރަތުން ކުރިމަގު އުޖާލާ ކުރަން މަސައްކަތް ކުރުމަކީ، ކޮންމެ ނޫސްވެރިއަކާއި ކޮންމެ ނޫސް އިދާރާއެއްގެ ވެސް ޒިންމާއެއް ކަމަށާއި ރާއްޖޭގެ ނޫސްވެރިކަން އެންމެ ފުރިހަމަ މިނިވަންކަމުގައި ދަމަހައްޓަން ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. 

އަދި ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ ފަރުދަކަށް ލިބިދޭކަން ސަރުކާރުން އަބަދުވެސް ކަށަވަރު ކުރާނެ ކަމަށެވެ. 

ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭ އެންމެ ބޮޑު ހައްގަކީ މަލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީ އާއި އިންޓަނެޓްގެ ލުއި ފަސޭހަ ކަމާއެކު، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުން ހިފުމުގެ ދާއިރާ މިހާރު މިއޮތީ ވަރަށް ބޮޑަށް ފުޅާވެފައި ކަމަށާއި މައުލޫމާތު ހޯދުމާއި މައުލޫމާތު ފެތުރުމުގެ ވަސީލަތްތައް އެތައް ގުނައެއް އިތުރުވެ، ފުރިހަމަ ތެދު މައުލޫމާތަށްޓަކައި ރައްޔިތުން ގޮވާ ގޮވުމުގެ އަޑު އެތައް ގުނައަކަށް އިތުރު ކަމަށެވެ.

ޑިމޮކްރެސީގެ މަގުގައި ރާއްޖެއަށް ލިބުނު ކުރިއެރުންތަކުގެ މައިގަނޑު އެއް އަސްލަކީ މައުލޫމާތު ފެތުރުމުގެ ދާއިރާއިން ދިވެހި ނޫސްވެރިން ކުރި މިންނެތް މަސައްކަތް ވެސް ރައީސް ވިދާޅުވި އެވެ. 

"... ގާނޫނީ އޮނިގަނޑުގެ ތެރެއިން އާންމު ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށް ދިނުމުގެ މައިގަނޑު ބާރަކަށްވީ ވެސް، އެ ހައްގުތަކާ މެދު އާންމު ރައްޔިތުންގެ މެދުގައި، ނޫސްވެރިކަމުގެ ޒަރީއާއިން އުފެދިގެން ދިޔަ ހޭލުންތެރި ކަމެވެ. ހަމަ އެފަދައިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން، އެ ހައްގުތަކަށް އެދި ރައްޔިތުން އުފުލަން ފެށި އަޑުތަކެވެ." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ނޫސްވެރި ކަމުގެ މިނިވަންކަމުގެ ހައްގު ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ހުރިހާ ނޫސްވެރިންގެ ވެސް މަސްއޫލިއްޔަތެކެވެ. އަދި މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާ ކުރުމަކީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގާ ގުޅިފައިވާ ޒިންމާތަކަށް ފުރިހަމައަށް ރައްކާތެރިވުމެވެ. 

އޭގެތެރެއިން އެންމެ ބޮޑު ޒިންމާއަކީ، ކޮންމެ ހަލަތެއްގައި ވިޔަސް އިތުބާރު ހުރި ތެދު މައުލޫމާތު ފެތުރުން ކަމަށާއި މިނިވަންކަމާއެކު ނޫސްވެރިކަން ކުރުމުގެ ހައްގު އޮތް އިރު އަނެކުންނަށް ލިބިގެންވާ، އަބުރާއި އިއްޒަތާއި އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ހައްގު ރައްކާތެރި ކޮށްދިނުމަކީ ނޫސްވެރިއެއްގެ ޒިންމާއެއްކަމުގައި ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ.  

"ނޫސްވެރިންގެ އެންމެ އިސް ވާޖިބަކަށް ވާންވީ، އެންމެހައި ފަރުދުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް، އެ މުޖުތަމައެއްގައި ދިރިއުޅޭ އެންމެންގެ އިންސާނީ އަސާސީ ހައްގުތައް ހިމާޔަތް ކޮށްދީ ރައްކާތެރި ކޮށްދިނުމަށް މަސައްކަތް ކުރުމެވެ. ތެދު މައުލޫމާތު ލިބުމަކީ އެންމެ އަސާސީ އެއް ހައްގަށް ވާއިރު، ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭން ވާނީ ސާފު ތެދު މައުލޫމާތުކަން ކަށަވަރެވެ. ރައްޔިތުންގެ މެދުގައި ފަތުރާ މައުލޫމާތުގައި ދޮގާއި ޝައްކާއި ވަހުމާއި ޔޯލަތައް އެކުލެވިއްޖެ ނަމަ، ފަރުދީ އެތައް ހައްގެއް ގެއްލިގެން ދިއުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ." 

ޑިމޮކްރެޓިކް މުޖުތަމައުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ދީފައިވާ މަތިވެރި މަގާމާއި، އެ މިނިވަންކަމަށް ދީފައިވާ ހާއްސަ ސަމާލުކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އޭގެ ސަބަބުން، ޑިމޮކްރެސީގެ ހަމަތައް ހިފެހެއްޓުމުގައި، ގައުމުތަކުން ވަނީ ވަރަށް ގިނަ ކުރިއެރުންތައް ހޯދައިފި ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމާ މެދު ޑިމޮކްރެޓިކް މުޖުތަމައު ދެކެނީ، ހަމައެކަނި އަސާސީ ހައްގެއްގެ ގޮތުގައެއް ނޫން ކަމަށާއި މިހާރު އޮތް ގަބޫލު ކުރުމަކީ، އެއީ ހުރިހާ އިންސާނީ ހައްގުތަކެއްގެ ދިރުން ކަމަށެވެ.

ކޮމެންޓް

1
450
އަހުމަދު އަލީ
1 year ago

ކޮތަޅު ސީދާ ކޮށްބަލަ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.