ބަޖެޓްގެ ދަރަނި ހެސްކިޔާފަ މަތިވުމުގެ ބިރެއް އޮތްއިރު މުސާރަތައް މައްޗަށް ޖައްސަން ހަރަދު ކުރާނެ ފައިސާ ނެރެނީ ކިހިނެއް ހެއްޔެވެ؟ މުސާރަ ބޮޑު ކުރަނީ ލޯނު ނަގައިގެން ހެއްޔެވެ؟ ނޫނީ އާ ޓެކުހެއް ތައާރަފު ކޮށްގެން ލިބޭ ފައިސާއިން ހެއްޔެވެ؟
އަހަރު ފަށާއިރު ގާނޫނު ބުނާ މުއްދަތުގެ ތެރެއިން ބަޖެޓް ފޮތުގައި ކޮންމެ އެއްޗެއް ވެސް ޖެހިދާނެ އެވެ. އެ ވަށައި ޖައްސަން ކޮންމެ ފަދަ ވާހަކައެއް ވެސް އޭރެއްގެ ސަރުކާރެއް ރުހޭ ގޮތަށް ފައިނޭންސް މިނިސްޓަރު ދައްކަވާފާނެ އެވެ. އެއްކޮށް ކަނޑައި ގުނަކޮށް ގެއްލަން ނޭނގޭ މީހާއަށް ވެސް އެއީ ހައިރާންްވާރުގެ ކަމަކަށް ނުވާނެ އެވެ.
ކޮންމެ ސަރުކާރަކުން ވެސް އާ އަހަރުގެ ބަޖެޓުގައި ރައްޔިތުންނަށް ދައްކާނެ ފޮނި ހުވަފެންތައް ޖަހަ އެވެ. މިކަން ހިނގާނީ ވެސް މިހެނެވެ.
ރާއްޖެއަށް އަލަށް ގެންނާނެ އާ މަަޝްރޫއުތަކުން އިތުރުން އާމްދަނީ ހޯދާނެ އާ ގޮތްތައް ބަޖެޓްގައި ހިމަނަ އެވެ. މި އަހަރަށް ފާސްކޮށްދިން ބަޖެޓުގައި ވެސް ބަޖެޓް ދަރަނި ކުޑަކޮށް އާމްދަނީ އިތުރު ކުރާނެ ގޮތް ތަކެއް ކަނޑައަޅާފައިވެ އެވެ. އަދި ސަރުކާރު މުވައްޒަފުންގެ މުސާރައިގައި އޮތް ނަހަމަކަން ނައްތާލުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް ސާފުކޮށް ބުނެފައި ވެއެވެ. އެކަމަށް ފައިސާ ހަރަދުކުރާނެ އަދަދުތަކެއް ވެސް ބުނެދީފައި ވެއެވެ.
ވަރަށް ގިނަ ފަހަރަށް ސަރުކާރުން އެޗެކޭ ބުނާއިރު ފަސޭހަ ކޮށްލާފައި "ތިޔަ ކަމަކީ ރާވައިގެން ދުރާލާ ބަޖެޓް ކޮށްގެން ކުރިއަށް ގެންދާ ކަމެކޭ" ބުނަނީ މިހެންވެ އެވެ. ސިއްހީ މަސައްކަތްތެރިންގެ މުސާރަ ބޮޑު ކުރުމުގެ މައުލޫމާތު ދޭން އެންމެ ފަހުން ބޭއްވި ނޫސް ވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަރަށް ފަސޭހަކޮށް އެ ޖަވާބު ދެއްވި ސަބަބަކި މިއެވެ.
އުމުރުފުޅުން މިހާރު ދުވަސްވެފައިވާ ޓޫރިޒަމްގެ ތަޖުރިބާކާރު އަދި މިހާރުގެ ހެލްތު މިނިސްޓަރު ފަސޭހަ ޖަވާބެއްގައި މިހެން ވިދާޅުވިޔަސް ބަޖެޓް ފޮތުގެ އެއްވެސް ސޮފުހާއެއްގައި ފެންނާން ނެތް ނަމްބަރުތަކެއް އެބަހުއްޓެވެ. އެއީ އެކަމަށް ބޭނުން ވާނެ ފައިސާ ހޯދާނެ ގޮތެކެވެ.
މި އުޅެނީ ބައެއްގެ މުސާރަ ބޮޑު ކޮށްގެން "ބަނޑު ދިޔައި ވެގެނެ" އް އެކަމާ ކަން ބޮޑުވެ ގޮތް ހުސްވެގެން ނޫނެވެ. އެ ފައިސާ ހޯދާނެ ގޮތެއް ބުނެ ނުދީ އޮތީމަ އެވެ.
ބަޖެޓްގެ ދަރަނި ހެސްކިޔާފަ މަތިވުމުގެ ބިރެއް އޮތްއިރު މުސާރަތައް މައްޗަށް ޖައްސަން ހަރަދު ކުރާނެ ފައިސާ ނެރެނީ ކިހިނެއް ހެއްޔެވެ؟ މުސާރަ ބޮޑު ކުރަނީ ލޯނު ނަގައިގެން ހެއްޔެވެ؟ ނޫނީ އާ ޓެކުހެއް ތައާރަފު ކޮށްގެން ލިބޭ ފައިސާއިން ހެއްޔެވެ؟ ނުވަތަ އަނެއްކާ ވެސް ކުރު މަގަކުން ގޮސް ފައިސާ ޗާޕްކޮށްގެން ފައިސާ ހޯދާނީ ހެއްޔެވެ؟
މި އަހަރަށް ފާސް ކޮށްފައިވަ ނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ އަންދާޒާއަކީ 32.1 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ ބަޖެޓްގައި ޑެފެސިޓް ނުވަތަ ބަޖެޓް ދަރަނި ހުންނާނެ ކަމަށް ބެލެވެނީ 8.6 ބިލިއަން ރުފިޔާގަ އެވެ.
މީގެ މާނައަކީ މި އަދަދުގެ އިތުރަށް އެންމެ ރުފިޔާއެއް ހަރަދުގެ ގޮތުގައި އިތުރުވި ނަމަވެސް ބަޖެޓުގެ ހަރަދު ދާނީ މަތިވަމުންނެވެ. ފައިނޭންސިން ގެޕް ނުވަތަ މި އަހަރު އިތުރަށް ހޯދަން ޖެހޭނެ ކަމަށް ބެލެވޭ އަދަދު 11.6 ބިލިއަން ރުފިޔާ ދާނީ ފުޅާވަމުންނެވެ.
ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއް ފަހަރު ނެރޭ ވީކްލީ ނަމްބަރުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތަށް ބަލާނަމަ ބަޖެޓުގެ ދަރަނި ހުރީ 2.5 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މި އަހަރު އެ އަދަދު 3.2 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ.
އެހެންވުމުން މިހާރު އާމްދަނީއަށް 10 ބިލިއަން ލިބޭއިރު ހަރަދު ހުރީ 13 ބިލިއަންގަ އެވެ. ބަޖެޓަށް ތިން ބިލިއަން ރުފިޔާ އެބަމަދުވެ އެވެ. ދައުލަތުގެ ބަޖެޓް މިހެން އޮއްވާ އާމްދަނީ ހޯދޭނެ ގޮތެއް ނުދައްކައި އިތުރު ހަރަދުތަކެއް ކޮށްފިނަމަ މި ފަރަގު ފުޅާވުމުގެ ފުރުސަތު ނޯންނާނެ ހެއްޔެވެ؟ އަދި އެ ފަދަ ހާލަތެއްގައި އެ ފައިސާ ހޯދަން އަނެއްކާ އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމާ ގުޅިވަޑައިގެން ފައިސާ ޗާޕު ކުރާނީ ހެއްޔެވެ؟
ސަރުކާރުން ވިސްނައި ދެނީ ފައިސާ ހަރަދު ކުރުމުގައި ހަމަ އެއްވެސް ފިކުރެއް ނެތެވެ ؛ ވިސްނައިދެނީ ވެސް މިހެނެވެ. ހަރަދު ކުރާނެ ފައިސާ ބަޖެޓުގައި އެބަހުރި ކަމަށް ސަރުކާރުން ބުންޏަސް އެކަން ގަބޫލު ކުރެވޭ ވަރުގެ އެއްވެސް ހުއްޖަތެއް އަދި ނުދެކެ އެވެ. އަލަށް އާމްދަނީ އިތުރުވި ދާއިރާއެއް ފެންނާކަށެއް ނެތެވެ.
ހަމައެކަނި ޖީއެސްޓީ، ބުނި ތާރީހަށް ނަގަން ފެށުމާއި ޓޫރިޒަމް ރަނގަޅުވުމުން ޓެކުހުގެ އާމްދަނީ އަށް އައި ކުރިއެރުން ނޫން އެއްވެސް ފެހި ސިގުނަލެއް އާމްދަނީން މިހާތަނަށް މާލީ އެއްވެސް ކަރުދާހަކުން ނުފެނެ އެވެ. އެކަމަކު މި އަހަރު ވެސް އަލަށް އާމްދަނީ ހޯދާނެ ކަމަށް ބުނެ އާ ކަންތައް ތަކެއް ބަޖެޓުގައި ޖަހާފައި އެބަހުއްޓެވެ.
މި އަހަރު ހޯދާ އާމްދަނީގެ އާމްދަނީގެ 54 ޕަސެންޓް ހޯދާނީ ބޭރުން ކަމަށް ވެސް ސަރުކާރުން ބަޖެޓުގައި ބުނެފައިވެ އެވެ. މި ލަނޑުދަނޑި ހާސިލްވީ، އަދި އެކަމަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ. މަޖިލީހަށް ފޮނުވައިގެން ހަރަދުގަނޑެއް ދުއްވާލި އިރު އިތުރުވި ހިލޭ އެހީއަކީ ކޮބައި ހެއްޔެވެ؟ ކޮވިޑުގައި ލިބުނު އެއްޗެއް ނޫން ލިބުނު އެހެން ފައިދާއެއް ނެތެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި ބޭރުގެ މާކެޓް މިހާރު އޮތް ގޮތުން މާކެޓުން ފައިސާއެއް ހޯދުމުގައި ދަތި ތަކެއް އެބަހުއްޓެވެ. އަދި ރިސޯޓުތަކެއް ނެރެގެން ބަޖެޓަށް ފައިސާ ހޯދުން ފަދަ ކަންކަން ވެސް ދިޔައީ ފަނު ފުލުންނެވެ.
މިހާރު ވޯލްޑް މާކެޓް އޮތް ގޮތުން ބޭރުގެ ބާޒާރުގައި ގްރީން / ބްލޫ ބޮންޑު ވިއްކައިގެން މި އަހަރު ނަމްބަރެއް ބަޖެޓަށް ވަނުމުގެ ފުރުސަތު އެބައޮތް ތޯ މިއީ ވެސް އުފެދޭ ބޮޑު ސުވާލެކެވެ. މި އަހަރު ބަޖެޓުގައި ދެ ބިލިއަން ހިލޭ އެހީ ހޯދަން ލިޔެފައި އޮތަސް އަދި ލިބުނީ އެންމެ 69.7 މިލިއަން ރުފިޔާ އެވެ. މިއީ ގައުމެއްގެ އަހަރު ދުވަހުގެ މަސައްކަތުގައި ފޮރިން ޕޮލިސީގެ ފެއިލުވުމެކެވެ.
މި ނަމްބަރުތަކުން މި ވާހަކަ ކިޔައި ދިނަސް ސަރުކާރަށް ހަމަ ވަރިހަމަ އެވެ. އާމްދަނީ ހޯދޭނެ އިތުރު ގޮތެއް ނެތަސް އިންތިހާބު ބޯމަތީގައި އޮތުމުން "އެޓް އެނީ ކޮސްޓް" ނުވަތަ ކޮންމެފަދަ އަގެއް ދީގެން ވެސް ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް އެދަނީ ކުރަމުންނެވެ.
މިހާރު ބަޖެޓުން ފެންނަ ގޮތުންނަމަ މުސާރަ ބޮޑު ކުރަން ބޭނުންވާ ފައިސާ ހޯދޭނެ އިތުރު އެއްވެސް ގޮތެއް ބަޖެޓަކު ނެތެވެ. ފަހަރުގައި ފިނޭންސް މިނިސްޓަރު ނޫނީ ފިނޭންސް ޓީމުގެ ސިކުނޑީގައި އެފަދަ ވިސްނުން ފުޅެއް ފޮރުވައި ގެންގުޅެފާނެ އެވެ. އެކަމަކު ދަރަނި އިންތިހާއަށް ބޮޑު ބަޖެޓެއްގައި ވަމުން ނުވަމުން، ހަރަދު ކުރަމުން ދާއިރު އަލަށް ބޮޑު ހަރަދެއް ކޮށްލާނަމަ ވާނުވާ ރައްޔިތުންނަށް އަނގާލުމަކީ ކުރަން ޖެހޭނެ ކަމެކެވެ. ރައްޔިތުންނަށް އެކަން އެނގެން އެ މީހުން ބޭނުން ވާނެ އެވެ.
ދައުލަތުގެ ބަޖެޓްގެ ހަރަދުތައް މަތިވަމުންދާ ގޮތަށް ބަލާއިރު ފަސް އަހަރުގެ ރިކަރަންޓް ހަރަދުގެ ބޮޑުބައި ނުވަތަ ތިންބައިކުޅަ އެއްބަޔަކީ މުވައްޒަފުންނަށް ހަރަދު ކުރަން ޖެހެ އެވެ. ސިޔާސީ މަގާމުތައް އިންތިހާ އަށް މަތިވެ އިސްރާފު ކޮޅުންލާފައިވާއިރު ވޭތުވެދިޔަ އަށް އަހަރަށް ބެލިޔަސް ފެންނަނީ މުވައްޒަފުންގެ ހަރަދު އިންތިހާ އަށް މަތިވެގެން ގޮސްފައިވާ ތަނެވެ.
މުވައްޒަފުންގެ މުސާރަ އަށް ކުރަން ޖެހޭ ހޭދަ އިންތިހާއަށް އިތުރުވެފައިވާ ތަނެވެ. މި ސަރުކާރު ހަވާލުވި 2018 ވަނަ އަހަރު މުވައްޒަފުންގެ މުސާރަ ދޭން އޭރު ހޭދަކުރީ 7.6 ބިލިއަން ރުފިޔާ އެވެ. އެކަމަކު މިހާރު ބަޖެޓްގެ އަންދާޒާގައިވާ ގޮތުންނަމަ މި އަހަރު 11 ބިލިއަން ރުފިޔާ އަދި އަންނަ އަހަރު 12 ބިލިއަން ރުފިޔާ ހޭދަ ކުރަން ޖެހޭނެ އެވެ. މި އަދަދު 2025 އަށް ބަލާނަމަ 13 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
ސަރުކާރުން އެންމެ ފަހުން މުސާރަތައް ބޮޑު ކުރި އެޑިއުކޭޝަން ސެކްޓަރާއި ހަޔާ އެޑިއުކޭޝަން އަދި ހެލްތް ސެކްޓަރަށް އެކަނި އެއް ބިލިއަން ރުފިޔާ އިތުރަށް ހޭދަ ކުރަން ޖެހެ އެވެ. އަދި ބަޖެޓުން ޖުމުލަ 1.6 ބިލިއަން ރުފިޔާ ހަރަދުކުރާ ސިފައިންނާއި ދެ ބިލިއަން ރުފިޔާގެ ހޭދައެއް ކުރާ ފުލުހުންގެ މުސާރަތައް މައްޗަށް ޖެއްސުމުން މި ގެޕް ބޮޑުތަނުން ފުޅާ ވެގެންދާނެ އެވެ.
މިއީ ބަޖެޓު ޑެފިސިޓް އިތުރު ވެގެން ދާނެ ކަމެކެވެ. ބަޖެޓު ޑެފިސިޓޭ ބުންޏަސް މީހަކަށް ނަގައި ނުގެނެވިދާނެ އެވެ. މިއީ ބަޖެޓުގައި ނެތް އެއްޗެއް ހަރަދު ކުރުމެވެ. އެ ފައިސާއަކީ ހޯދަން ޖެހޭ އެއްޗެކެވެ. މި ފައިސާ ޗާޕު ޖަހައިގެން ހޯދަން ވިސްނައިފިނަމަ މިހާރު ވެސް "ކޮތަޅު ޓެކްހު" ގައި ޖެހި މައްޗަށް ހިފާފައި ހުރި މުދަލުގެ އަގު އިތުރަށް އުފުލިގެންދާނެ އެވެ.
ރާއްޖޭގައި މުދަލުގެ އަގު އިންތިހާ އަށް މަތިވުމުގެ ބިރު އޮތް ކަމަށް ދުނިޔޭގެ މާލީ އިދާރާ ތަކުން ލަފާ ދެއެވެ. މި ލަފާ މިހެން އޮއްވައި ނެތް ފައިސާއެއް ޗާޕު ޖެހުންފަދަ ކަމެއް ކޮށްފިނަމަ 2025 ގައި ބޮޑު ދަރަނި ދައްކަން ޖެހޭ އަހަރު ރާއްޖެ "ކްރޭޝް ލޭންޑިން" އަށް ދާންޖެހޭ ހާލަތަކަށް ހިނގައި ދާނެ އެވެ. ހަގީގީ މައްސަލައަކީ މުސާރަ ބޮޑު ކުރުމެއް ނޫނެވެ. މުސާރަ ބޮޑު ކުރާއިރު އެ ފައިސާގެ ހަރަދު ހޯދާ ގޮތް ރައްޔިތުންނަށް ނޭނގުމެވެ. ފައިސާ ލިބޭނެ ގޮތެއް ފެންނާން ވެސް ދައްކާފައި ވެސް ނެތުމެވެ.