ސިއްހީ ބޮޑު މުސާރައަކީ ދިވެހިން ނުލިބޭ ބަލީގެ ފަރުވާތަ؟

ސިއްހީ ދާއިރާގެ މައްޗަށް އަވަށްޓެރި ގައުމުތަކުގެ ނުފޫޒު އެހާމެ ގަދަ އެވެ. މި ހުރިހާ އޮޅުން ބޮޅުމެއް ފިލުވައިގެން ނޫން ގޮތަކަށް މުސާރަ ބޮޑު ކުރިޔަސް ދިވެހިން ލިބޭނެ މޮޅެއް، މަންފާއެއް އޮތްތޯ ނެތް ތޯ މިއީ ކޮށްލަން ރަނގަޅު ސުވާލެކެވެ.

ކޮވިޑް-19 ގެ ބަލި ފެތުރުނު ދުވަސްވަރު ސާމްޕަލް ނަގަން ސިއްހީ ދާއިރާގެ މަސައްކަތްތެރިން ތަކެއް ހަރަކާތްތެރިވަނީ

ސުވާލެއް ނެތެވެ؛ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިވަނީ ސިއްހީ / ސޯޝަލް ވޯކަރުންގެ ދާއިރާގެ މުސާރަތައް ބޮޑު ކުރަން މަސައްކަތްތެރިންގެ ދުވަހު ނިންމައި އެ ކަންކޮށްފަ އެވެ. ސަރުކާރަށް ފަހިވާ ގޮތަކަށް ވިޔަސް، ސިޔާސީ ބޭނުމަކަށް ވިޔަސް އަދި ކޮންމެ ދަނޑިވަޅަކާ ދިމާ ކުރިޔަސް މުސާރަ ބޮޑު ކުރިއްޔާ އެ ވާނީ ބަޔަކަށް ރަނގަޅަކަށެވެ. މިފަހަރުގެ މި ނިންމުމާއެކު ބޮޑު އުފަލެއް ލިބިގެން ގޮސްފައި ވަނީ ބުރަކޮށް ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރަން ތިބި ހިދުމަތްތެރިން ނަށެވެ. 

އެހެން ނަމަވެސް މި ބަދަލުގެ މައުލޫމާތު ދޭން ޕޭކޮމިޝަނާއި ޖެންޑާ މިނިސްޓްރީ އާއި ހެލްތު ވެސް އެކުވެގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރެޒެންޓޭޝަން ދެމުން ދިޔައިރު ފާހަގަ ކުރެވުނު އެންމެ ބޮޑު ކަމަކީ ރާއްޖޭގެ ސިއްހީ ދާއިރާގައި ސަރުކާރުގެ ގިނަ ވަޒީފާތަކުގައި ދިވެއްސަކު ނެތި އެ ގޮނޑިތައް ހުހަށް ހުރި ކަމެވެ. އެހެންވެ މުސާރައިގެ އޮނިގަނޑު ހުށަހަޅަމުން ދިޔައިރު އެ މަގާމުތަކުގައި އެއްވެސް ދިވެއްސަކު ނެތް ނަމަވެސް އެތައް މިލިއަން ރުފިޔާއެއް އެ މަގާމުތަކަށް މީހަކު ލިބޭ ތޯ ބަޖެޓުކޮށްފައި އޮތްތަން ފެނުނެވެ. 

މިހާ ހިސާބުން އުފެދޭ ސުވާލަކީ ސިއްހީ ދާއިރާގެ މުސާރަތައް ބޮޑު ކުރުމާއެކު އެ ގޮނޑިތައް ފުރާނެ މީހުން ވެދާނެ ހެއްޔެވެ؟ އެ މަގާމުތަކަށް ދިވެހިން ނުވަނީ ހަމައެކަނި މުސާރަ ކުޑަވެގެން ހެއްޔެވެ؟ މި ބަދަލާއެކު ފެންވަރު ރަނގަޅު ދިވެހި ޑޮކްޓަރުން ސަރުކާރު ހޮސްޕިޓަލުގައި އޮބަހައްޓަން ބާރަކަށް ވެގެން ދާނެ ހެއްޔެވެ؟ 

ސިއްހީ ދާއިރާގައި މީގެ ތިން އަހަރު ކުރީން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ބިދޭސީ ޑޮކްޓަރުންނަށްވުރެ ދިވެހިން އިތުބާރު ކުރަނީ ދިވެހި ޑޮކްޓަރުންނަށެވެ. ނަމަވެސް ދިވެހިންނެއް ނުލިބެ އެވެ. ހާއްސަކޮށް އަތޮޅުތަކުގައި މަސައްކަތް ކޮށްލާނެ ދިވެހި ޑޮކްޓަރަކު އަމުދުން ނުވެ އެވެ. އަދި ޑޮކްޓަރުންގެ އިތުރުން ސިއްހީ ދާއިރާގެ އެހެނިހެން ޓެކްނިކަލް ޕްރޮފެޝަނަލުން ނުލިބުމަކީ ތާއަބަދު ސިއްހީ ދާއިރާގައި އޮތް ޝަކުވާ އެވެ. ނަތީޖާއަކީ އޭގެ ފައިދާ ސިއްހީ ދާއިރާއަށް ބޭނުންވާ ބިދޭސީން ރެކްރޫޓްކުރާ އެޖެންސީތަކަށް ލިބި ލބި އޮތުމެވެ. 

ނިޔަތަކީ ވަޒީފާތަކަށް ދިވެހިން ހޯދުން

ސަރުކާރުގެ މަގުސަދަކީ އެ ވަޒީފާތަކަށް ދިވެހިން ހޯދުމެވެ؛ 

ހެލްތުގެ ހިސާބުތައް ދައްކާ ގޮތުގައި ސަރުކާރުގެ 115 ސިއްހީ މަރުކަޒަކާއި 14 ހޮސްޕިޓަލަކުން ސިއްހީ ހިދުމަތް ދެ އެވެ. އެ ތަންތަނުގައި 300 އަށްވުރެ ގިނަ ޑޮކްޓަރުން ހިދުމަތް ކުރެ އެވެ. އެކަމަކު އޭގެތެރޭގައި ހިމެނޭ ދިވެހި ޑޮކްޓަރުންގެ ނަމްބަރު އުޅެނީ އެންމެ 15 އިގަ އެވެ. އަދި ސިއްހީ ހިދުމަތްދޭ 129 ތަނެއްގައި 1،039 ނަރުހުން ހިދުމަތުގައި އެބަތިއްބެވެ. އޭގެތެރޭގައި ހިމެނެނީ ދިވެހި 625 ނަރުހަކާއި 414 ނަރުހުންނެވެ. މިއީ ހަމައެކަނި ޑޮކްޓަރުގެނާއި ނަރުހުންގެ ހިސާބުތަކެވެ. އެހެންވެ ޕްރޮފެޝަންތަކުގައި އަމުދުން ދިވެހިންނެތެވެ. މިހައިތަނަށް މިކަމުގައި އޮތް ބަހަނާއަކީ "މުސާރަ" އެވެ. ސަރުކާރުން ގެނައި މުސާރައިގެ މި ބަދަލުން އެ ބައްޔަށް ފަރުވާއެއް ހޯދުމަކީ ސަރުކާރުގެ އަމާޒަކަށް ވާނެ އެވެ. 

އައިޖީއެމްއެޗްގައި ނަރުހުންތަކެއް މަަސައްކަތުގައި: ދިވެހިން ލިބުން އިންތިހާއަށް ދަތި އަދި މަގާމުތަކުގައި ދިވެހިންނެތް ނެތް

މުސާރަތަކަށް މި ފަހަރު ގެނައި މި ބަދަލާއެކު ސިއްހީ ދާއިރާގެ މުސާރަތައް މިވަނީ ބޮޑު ވެގެން ގޮސްފަ އެވެ. ޖުމުލަ 3,710 މުވައްޒަފެއްގެ މުސާރަ އިން މި ކުރިއެރުން ފެނިގެންދާނެ އެވެ. މީގެ އިތުރުން ސިއްހީ ދާއިރާގެ އެހެނިހެން 4,761 މުވައްޒަފުންނަށް 35 ޕަސެންޓުގެ ސާވިސް އެލަވަންސެއް ވެސް ލިބޭނެ އެވެ. މިއާއެކު ސިއްހީ ސޯޝަލް ސެކްޓާ އެއްކޮށް ބަލާނަމަ ޖުމުލަ 9,838 މުވައްޒަފުންގެ ޖީބަށް އެކި މިންވަރުގެ ކުރިއެރުން ލިބިގެންދާނެ އެވެ. އަދި ކުރިއަރައިގެން ދިއުމަށް މަގަށް ވެސް ވެގެންދާނެ އެވެ. މި ކަމަށް މަހަކު 40 މިލިއަން ހޭދަވާނެ އެވެ. އަދި މި އަހަރުގެ ނިޔަލަށް ޖުމުލަ 321 މިލިއަން ރުފިޔާ ހަރަދުވާ އިރު އަހަރަކު ސިއްހީ ސޯޝަލް ސެކްޓާ އެއްކޮށް ބަލާނަމަ މުޅި ދާއިރާއަށް  482 މިލިއަން ރުފިޔާ ހޭދަ ވާނެ އެވެ.

މުސާރަ ބޮޑުވި މުވައްޒަފުން ތިބި ތަންތަން

  •  ރީޖަނަލް ހޮސްޕިޓަލްތައް: 520 މުވައްޒަފުން
  •  އަތޮޅު ހޮސްޕިޓަލްތައް: 471 މުވައްޒަފުން
  •  ހެލްތް ސެންޓަރުތައް: 965 މުވައްޒަފުން
  •  އައިޖީއެމްއެޗް: 1,004 މުވައްޒަފުން
  •  ހުޅުމާލެ ހޮސްޕިޓަލް: 298 މުވައްޒަފުން
  •  އެހެނިހެން: 452 މުވައްޒަފުން

ސިއްހީ ދާއިރާގެ މުސާރަތައް ބޮޑު ކޮށްލައި ދިނަސް ގިނަ މަގާމުތަކުގައި ދިވެހިންނެއް ނެތެވެ. ޕޭ ކޮމިޝަނުން ހާމަކުރި މުސާރައިގެ އޮނިގަނޑުގައިވާ ގޮތުގައި ގިނަ ވަޒީފާތައް އޮތީ ހުހަށެވެ. ފަހަރުގައި އެ އަދަދަށް ދިވެހިންތިއްބަސް އެ މީހުން މަސައްކަތް ކުރަމުން ދަނީ ޕްރައިވެޓް ސެކްޓާގައި ކަމަށްވުން ގާތެވެ. ނޫނީ އެމީހުންގެ ހިދުމަތް ލިބެމުން ދަނީ ގައުމުން ބޭރަށެވެ. 

ސިއްހީ ދާއިރާގެ ދިވެހިން ނެތް ހުސްގޮނޑި ގިނަ

  • 1.އެނިސްތޭސިއާ އޮޕަރޭޝަން ތިއާޓަރު ޓެކްނޮލޮޖިސްޓް | ކާޑިއޯވެސްކިއުލާ ޓެކްނޮލިޖިސްޓް
  • 2.މެޑިކަލް ޕްރޮތިސްތިކްސް ޕްރޮފެޝަނަލްސް | ނިއުރޯ ލޮޖިސްޓް ޓެކްނޮލިޖީ
  • 3.އޮކިއުޕޭޝަނަލް ތެރެޕިސްޓް | ޕާފިއުސެނިސްޓް
  • 4.ރެސްޕެރޭޓެރީ ތެރެޕިސްޓް | ސޮނޮ ގްރަފާ
  • 5.ހަކީމީ ބޭހުގެ ފަރުވާ | ޑެންޓަލް ޕްރޯތެސިސްޓް ޕްރޮފެޝަނަލްސް
  • 6.ޑައިލެސިސް ޓެކްނޮލޮޖީ | އެންޑޮސްކޯޕީ ޓެކްނޮލޮޖީ
  • 7.ހެލްތް ކެއާ ސޭފްޓީ ކޮލިޓީ ކޮންޓްރޯލް ޕްރޮފެޝަނަލްސް | ލެބޯޓެރީ ސޭފްޓީ ކޮލިޓީ ކޮންޓްރޯލް ޕްރޮފެޝަނަލްސް
  • 8.މެޑިކަލް ޑޯސެމެޓްރިކްޓިކްސް | މެޑިކަލް ފިޒިސްޓް
  • 9.ފާމަ ޓެކްނޮލޮޖިސްޓް | ޕޮލްމެނަރީ ފަންގްޝަނަލް ޓެކްނޮލޮޖިސްޓް
  • 10.ރޭޑިއޭޝަން ތެރެޕިސްޓް | ސްޕެޝެލިސްޓް ނާސް
  • 11.ބިޑް ވައިފް މެނޭޖަރު | ޕަބްލިކް ހެލްތް ޕްރެކްޓިޝަނާ
  • 12.ނޮން ކްލިނިކަލް މެޑިކަލް ޕްރެކްޓިޝަނާ |މެޑިކަލް ޑިރެކްޓަރު
  • 13.ބްލަޑް ސާވިސް މެނޭޖަރު | ފުޑް އެންޑް ޑްރަގް ސާވިސް މެނޭޖަރު
  • 14.ހޮސްޕިޓަލް މެނޭޖަރު އެންޑް އެޑްމިނިސްޓްރޭޓާ

ބޭނުން ދާއިރާތަކުން ދިވެހިން ތަމްރީނެއް ނުވޭ

މިނިސްޓަރު ކެރަފާ އަހުމަދު ނަސީމް: ރާއްޖޭގެ އެންމެ ނާޒުކު ދާއިރާގެ ވެރިޔަކަށް ހުންނެވި ނަމަވެސް އެންމެ އެކަށީގެންވާ ކުރިއެރުން ހޯއްދަވައެއް ނުދެއްވޭ -- ރައީސް އޮފީސް

ސިއްހީ ދާއިރާގެ އޮނިގަނޑަށް ބަލާއިރު ހާއްސަ 30 އަކަށް ދާއިރާގައި ދިވެހިން އެއްގޮތަކަށް ވެސް ނެތެވެ. އެ ދާއިރާތަކުގެ ތެރޭގައި ރާއްޖޭގައި ބަލިތައް އާއްމު ގިނަ ދާއިރާތަކާއި ލެބޯރެޓަރީގެ ހިދުމަތް ވެސް ހިމެނެ އެވެ. އެހެންވެ މުސާރައިގެ މި ބަދަލުގެ މައިގަނޑު މަގުސަދަކީ އެ ދާއިރާތަކަށް ވެސް ދިވެހިން ހޯދާން ބާރު އެޅުމެވެ. 

އެކަމަކު ކުރިމަގުގައި ސަރުކާރުން ފަސް ހޮސްޕިޓަލެއް ރާއްޖޭގެ ފަސް ސަރަހައްދުގައި އަޅަން ނިންމާފައިވާއިރު ބޭނުންވާ މީހުން އިތުރު ވެގެންދާނެ އެވެ. 

ހެލްތް މިނިސްޓަރު ކެރަފާ އަހުމަދު ނަސީމު ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ވެސް ދިވެހިން ހޯދުމެވެ. ނަމަވެސް މި ބަދަލުގެ ނަތީޖާ ފެންނަން ދުވަސް ނަގާނެ އެވެ. 

"މިއީ ހަމަ ފެށުމެއް، އަޅުގަނޑުމެންގެ ޓާގެޓަކީ މިއީ. މި ދެއްކުނީ މަގެއް... އެކަމަކު މިކަމަށް ދުވަސް ނަގާފާނެ،" މިނިސްޓަރު ކެރަފާ ނަސީމް ވިދާޅުވި އެވެ. 

އެންމެ ބޮޑު އެއް ސުވާލަކީ ސަރުކާރަށާއި މިނިސްޓަރު ނަސީމާއި އޭގެ ކުރިން ވަޒީރުކަން ކުރެއްވި އަބްދުﷲ އަމީން މިދިޔަ ހަތަރު އަހަރު މި ދާއިރާތަކަށް މީހުން ބިނާ ކުރަން ކުރީ ކޮންކަމެއް ހެއްޔެވެ؟ ކުރީން ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ސްޕެޝަލިޓް ޑޮކްޓަރުން އުފައްދަން ބޭރަށް ޑޮކްޓަރުންފޮނުވި އެވެ. ނަމަވެސް 2019 އިން ފެށިގެން އެކަން އޮތީ ހުއްޓާލާފަ އެވެ. މިހާރު އާއްމު ޑޮކްޓަރުން ސްޕެޝަލައިޒްވުމުގެ ފުރުސަތެއް ނެތެވެ. މިކަމަށް ހެލްތު މިނިސްޓަރު ދެއްވަނީ ވަރަށް ފަރުވާކުޑަ ޖަވާބެކެވެ. 

ނަސީމް ވިދާޅުވި ގޮތުގައި ސްޕެޝަލިސްޓް ޑޮކްޓަރުން އުފައްދަން ސަރުކާރުން އެއްބަސްވި ނޭޕާލްގެ އެޑިއުކޭޝަން ސިސްޓަމަށް ގެނައި ބަދަލެއްގެ ސަބަބުން އެކަން އޮތީ ހުއްޓިފަ އެވެ. މިއީ މިނިސްޓަރަކު ޖަވާބަކަށް ވިދާޅުވާ ކަހަލަ ވާހަކެއް ނޫނެވެ. 

އެއީ އެންމެ ކަމެކެވެ؛ މިފަދަ އެތައް މައްސަލަތަކަކަކުން ސިއްހީ ދާއިރާ އޮތީ އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގަ އެވެ. ސިއްހީ ދާއިރާގެ މައްޗަށް އަވަށްޓެރި ގައުމުތަކުގެ ނުފޫޒު އެހާމެ ގަދަ އެވެ. މި ހުރިހާ އޮޅުން ބޮޅުމެއް ފިލުވައިގެން ނޫން ގޮތަކަށް މުސާރަ ބޮޑު ކުރިޔަސް ދިވެހިން ލިބޭނެ މޮޅެއް، މަންފާއެއް އޮތްތޯ ނެތް ތޯ މިއީ ކޮށްލަން ރަނގަޅު ސުވާލެކެވެ. 

ކޮމެންޓް

1
450
އާމިނަތު މުހައްމަދު
1 year ago

ތިޔަ ނޫހުގަ ރަނގަޅު ސިޔާސީ ރިޕޯޓެއް މިހާރަކު ނުލިޔެ. ލިޔުންތެރިން ނެތީތަ ؟ ޝައުގުވެރިކަން އަހަރެންގެ އެބަހުރި

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.