"ޗާގޯސްއަކީ އެއްއިރަކު ވެސް ރާއްޖޭގެ ތަނެއް ނޫން"

"މިހާހިސާބަށް އައިއިރު ޗާގޯސް އަކީ ދިވެހިންގެ ތަނެއް ކަމަށް ދައުވާ ކުރެވޭނެ، ބުނެވޭނެ އެއްވެސް ތާރީހީ ހެއްކެއް އަދި ގާނޫނީ ގޮތުން ވެސް އެކަން ބެލޭނެ ޖާގައެއް ފެންނާކަށް ނެތް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ

ޗާގޯސް އައިލެންޑްސް އަކީ އެއްއިރަކު ވެސް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ނޫންކަން ތާރީހުން އެނގެން ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯސް އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ނިންމި ނިންމުމާ ގުޅިގެން ކެބިނެޓް ވަޒީރުންނާއެކު މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ 1932 ވަނަ އަހަރު ގާނޫނު އަސާސީ އެކުލުވާލައި، މިހާތަނަށް އައިރު އެއްވެސް ގާނޫނު އަސާސީއަކުން ޗާގޯސް އަކީ ރާއްޖޭގެ ސިޔާދަތީ ބާރު އޮތް ތަކެއްކަން އެނގެން ނެތް ކަމަށެވެ.

ރައީސް ވިދާޅުވީ ޗާގޯސް އަކީ ރާއްޖޭގެ ތަނެއްކަމަށް ބުނެވޭނެ އެއްވެސް ތާރީހީ އަދި ގާނޫނީ ހެއްކެއް ވެސް ފެންނަން ނެތް ކަމަށެވެ. ޗާގޯސްގެ މިލްކުވެރިކަމާމެދު އޮތް މައްސަލައަކީ މޮރިޝަސް އާއި އިނގިރޭސިވިލާތާއި ދެމެދު ޖެހިފައިވާ މައްސަލައެއްކަން ފާހަގަކުރައްމުން ރައީސް ވަނީ އެއީ ރާއްޖެއާއި ގުޅިފައިވާ މައްސަލައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

"މިހާހިސާބަށް އައިއިރު ޗާގޯސް އަކީ ދިވެހިންގެ ތަނެއް ކަމަށް ދައުވާ ކުރެވޭނެ، ބުނެވޭނެ އެއްވެސް ތާރީހީ ހެއްކެއް އަދި ގާނޫނީ ގޮތުން ވެސް އެކަން ބެލޭނެ ޖާގައެއް ފެންނާކަށް ނެތް،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅަށް ތާއީދު ކުރައްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ 1965 ވަނަ އަހަރު ރާއްޖެ މިނިވަން ދައުލަތަށްވީ އިރުވެސް އަދި ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވެސް ޗާގޯސް އަކީ ރާއްޖޭހެ ބައެއް ކަމަށް ބަލައިގެން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1992 ވަނަ އަހަރު އިނިރޭސިވިލާތާއި ރާއްޖެއާ ދެމެދު ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެ ލިޔެކިޔުންތަކުން ފެންނަން އޮތް ގޮތުގައި އޭރު މަޝްވަރާކޮށްފައި ވަނީ ރާއްޖެއާ ޗާގޯސްއާ ދޭތެރޭ ހަމަހަމައަށް ރޮނގެއް ދަމާ އެއްބަސްވުމަކަށް އައުމަށް ކަމަށް ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެންނަށް ފެންނަން އޮތް އަނެއް ހަގީގަތަކީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖެއިން ހުށަހެޅި އެކްސްޓެންޑެޑް ކޮންޓިނެންޓަލް ޝެލްފްގެ ޗާޓުތައް އދ. އަށް ހުށަހެޅިއިރު، ޗާޓު ކުރަހާފަ އޮތްއިރު އޭގަ ޗާގޯސް އެއީ ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގަ ކަނޑައަޅާފައެއް ނެތް،" ޝާހިދު ވިދާޅުވި އެވެ.

އެއްވެސް ސަރުކާރެއްގައި ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަަމށް ދެކިގެން އެތަން ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޗާގޯސް އަކީ ރާއްޖޭގެ ބައެއް ކަމަށް ރައީސް ނަޝީދު ދަނީ ވިދާޅުވަމުންނެވެ. އަދި އިޓްލޮސް އިން މިއަދު ނިންމި ނިންމުން ބަލައިނުގަތުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.