ޗާގޯސް މައްސަލައިގައި މަޖިލީހުގައި ދެއްކި ވާހަކަތައް މޮރިޝަސްއިން ހޯދަނީ

އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯސް އޮފް ދަ ސީ (އިޓްލޮސް) ގައި އޮތް އެ މައްސަލައަށް ގޮތެއް މާދަމާ ނިންމާނެ އެވެ.

މޮރިޝަސްގެ ހާރިޖީ ވަޒީރު އަލަން ގަނޫ

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ދެއްކި ވާހަކަތަކުގެ ކޮޕީއެއް ހޯއްދަވާކަމަށް، މޮރިޝަސްގެ ޚާރިޖީ ވަޒީރު އަލަން ގަނޫ ވިދާޅުވެއްޖެއެވެ.

އެ މައްސަލައިގައި ރާއްޖޭގެ ނިންމުން އަނބުރާލުމަށް ސަރުކާރުގެ އިސްވެރިންނަށް 500 މިލިއަން ޑޮލަރުގެ ރިޝްވަތު ދީފައިވާކަމަށް އިދިކޮޅު މެންބަރުން ތުހުމަތު ކުރައްވާފައިވެއެވެ. އެ ކަމާ ގުޅިގެން ނޫސްވެރިޔަކު ސުވާލުކުރުމުން އަލަން ވިދާޅުވީ އޭނާއަށް ވެސް އެ ވާހަކަ ފެނުނީ ނޫސްތަކުން ކަމަށެވެ. އަދި، މޮރިޝަސް ސަރުކާރުން އެކަމުގައި ބަހެއް ނުބުނެ މަޑުކުރަނީ ރާއްޖޭގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކުގެ ކޮޕީއެއް ލިބެންދެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަކީ ރާއްޖޭގެ ކަންކަމަށް ނުފޫޒު ފޯރުވޭ ވަރުގެ މީހެއް ނޫން" އޭނާ ވިދާޅުވިއެވެ.

ޗާގޯސް މައްސަލައިގައި މަޖިލީހުގައި ދެކެވުނު ވާހަކަތައް

މިދިޔަ ހޯމަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާއަށް ފޯޅަވަހި މައްސަލަ ވައްދާ، ހޫނު ޒުވާބެއް ވަނީ ކޮށްފައެވެ. އެ މައްސަލަ ހުށަހަޅައްވަމުން މެންބަރު / ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ އެ މައްސަލައިގައި ސަރުކާރުން ގޮތް ނިންމާފައި ވަނީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އަދި އެ ބަދަލާއެކު ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބައެއް ގެއްލޭ ނަމަވެސް، އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ނުވާ ކަމަށެވެ.  

ރިޝްވަތުގެ މައްސަލަ ނެންގެވީ މާފަންނު މެދު ދާއިރާގެ މެންބަރު، އިބްރާހީމް ރަޝީދު (ބޮންޑޭ) އެވެ. އޭނާ ވިދާޅުވިގޮތުގައި އެ ރިޝްވަތު ދިނުމުގައި މޮރިޝަސްގެ މަސްކުންފުނިތަކުގެ އަތެއް އެބައޮތެވެ.

އެ ބަހުސް ނިންމާލެއް ވުމަށް ވާހަކަދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވަނީ ކޮންމެ ގޮތަކަށް މައްސަލަ ނިމުން ކަމުގައި ވިޔަސް، މަޖިލީހުން ރާއްޖޭގެ ސަރަހައްދުން ބައެއް އުނިވިޔަ ނުދޭނެ ކަމަށް ވިދާޅުވެފައެވެ.

"ސަރުކާރުން ކޮންމެ ބަޔަކާ އެއްބަސް ވިޔަސް ވެސް، އަދި ކޮންމެ ކޯޓަކުން ކޮންމެ ތަނަކުން ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ނިންމި ކަމުގައި ވީނަމަވެސް އަޅުގަނޑު ދަންނަވާނީ ސަރަހައްދު ކުޑަ ކުރަން މި މަޖިލީހުން ހިންގަންޖެހޭ އިއުތިރާޒުތައް، މި މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް އެދިވަޑައިގެން ދޫކޮށްލަން ފެނިވަޑައިގަތީމައޭ ދޫކޮށްލެވޭނީ" އެ ބަހުސް ނިންމާލައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯސް އޮފް ދަ ސީ (އިޓްލޮސް) ގައި އޮތް އެ މައްސަލައަށް ގޮތެއް މާދަމާ ނިންމާނެއެވެ. މި ދަނޑިވަޅުގައި،  އިދިކޮޅު ކޯލިޝަނުގެ ފަރާތުން އެ މައްސަލަ މަޑުޖައްސާލުމަށް އެދި އިޓްލޮސް އަށް ސިޓީއެއް ފޮނުވާފައި ވެއެވެ. އެ ކޯލިޝަނުން އަންނަނީ އެ ދުވަހާ ދިމާކޮށް މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.