މި އަހަރު ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ އިތުރު ކޯޓާ ހާއްސަކޮށްފައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށެވެ.
ރާއްޖޭން މީހުން ހައްޖަށް ގެންދަން ގްރޫޕްތަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދޭ ގޮތާއި ހުއްދަ އާއި ކޯޓާ ދޭ ހައްޖު ގްރޫޕްތަކުން އަމަލު ކުރާ ގޮތާ މެދު އިސްލާމިކް މިނިސްޓަރުގެ ޑރ. އަހުމަދު ޒާހިރުގެ އެކުވެރި ޝޭހުން މިނިސްޓަރީއަށް ފާޑު ވިދާޅުވެއްޖެ އެވެ.
އެ ދެ ޝޭހުންނަކީ މިނިސްޓަރު ޒާހިރާއި ސަރުކާރު ދިފާއުކޮށް ވާހަކަފުޅު ދައްކަވާ އަދި މިނިސްޓަރު ޒާހިރުގެ އެކުވެރިން ކަމަށްވާ ޑރ. މުހައްމަދު އިޔާޒާއި ޝެއިހް އަލީ ޒައިދެވެ. -- މީގެ ތެރެއިން އިޔާޒަކީ އަދާލަތު ޕާޓީގެ އިސްވެރިއެކެވެ. އަހުމަދު ޒާހިރު މިިނިސްޓަރު ކަމުގައި ހުންނަވަނީ އަދާލަތު ޕާޓީގެ ސްލޮޓެއްގަ އެވެ.
ޒައިދު ވިދާޅުވީ ވަކި އަދަދަކަށް މީހުން ހައްޖަށް ގެންގޮސް ދޭނެ ކަމަށް ބުނެ ހައްޖު ބިޑް ކާމިޔާބު ކުރުމަށް ފަހު، މޭޒު ދަށުން ބައެއް ހައްޖު ގްރޫޕްތަކުން 150،000 ނަގާ ކަމަށާއި އެ ފައިސާ ހަލާލު ނުވާނެ ކަމަށެވެ.
"މި ފައިސާ ހަލާލެއް ނުވާނެ. ބިޑް ކާމިޔާބުކުރާކަށް މަޖުބޫރު ކަމެއް ނެތް. އަގުހެޔޮކޮށް ނުވަންޏާ ކުރިމަތި ނުލާނީ. ދޮގު ހަދާކަށް ނުޖެހޭ." ޒައިދު ވިދާޅުވި އެވެ.
އޭނާގެ އެ ފާޑު ވިދާޅުވުމާ ގުޅުވައިލައްވާ އިޔާޒް ވިދާޅުވީ އެފަދަ މައްސަލަތަކުގައި އިސްލާމިކް މިނިސްޓްރީގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ.
އަދި ވިދުވެފައި ވެއެވެ: "ޕްރޮޕޯސަލްގައި ޖަހާފައި ހުރި ހިދުމަތްތައް އެ އަގަށް ނުދެވޭނެކަން ޔަގީންވާ ހާލު، އެފަދަ ކުންފުނިތަކަށް ހުއްދަ ދޭތީ މައްސަލަ އަކީ. ބުނާ ކަހަލަ... ޕްރޮޕޯސަލް ކާމިޔާބު ކުރަން ކުޑަ އަގެއް ޖަހާށޭ!"
މި އަހަރު ހައްޖަށް މީހުން ގެންދަން 11 ޖަމާއަތަކުން ކުރިމަތިލުމުން ތިން ކުންފުންޏަކަށް 270 ކޯޓާ ހަމަވާ ގޮތަށް ގްރޫޕަކަށް 90 ކޯޓާއާއެކު ހުއްދަ ދިނީ ތިން ގްރޫޕަކަށެވެ. އެއީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑެވެ.
މީގެ ތެރެއިން ހަރަމައިން ގްރޫޕުން ހައްޖަށް މީހުން ގެންދަން ހުށަހަޅާފައި ވަނީ 75،250ރ. އެވެ. ސިސިލްފަރުން 75،465ރ. އެވެ. އަލްމަނާސިކުން 75،000ރ. އެވެ.
މި އަހަރު ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ އިތުރު ކޯޓާ ހާއްސަކޮށްފައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށެވެ. ރާއްޖޭގައި ހައްޖު ޖަމާއަތްތަކާއި ގްރޫޕްތައް ހަދައިގެން އުޅޭ ގިނަ ފަރާތްތަކަކީ އެއިރެއްގައި އިސްލާމިކް މިނިސްޓްރީ ހިންގަން ތިއްބަވާ ބައެއް އިސް ބޭފުޅުންނާއި އެ ބޭފުޅުންގެ ގާތް މީހުނާއި އަދި ކުރިން މިނިސްޓްރީ ހިންގެވި ވެރިންނާއި އެމީހުންގެ ގާތް މީހުންނެވެ. މިއީ އަބަދުވެސް ނާޖާއިޒު ފައިދާ ނެގޭ ގޮތަށް އޮންނަ ވިޔަފާރި ހިދުމަތަކަށް ހަދާފައި އޮންނަ ކަމަށް ތުހުމަތުތައް އޮވެ އެވެ.