ކޮތަޅު ޓެކްސް މައްސަލަ ބާއްވާފައި މަޖިލިސް ޗުއްޓީއަށް ދާނެ

ކޮތަޅު ޓެކްސް މައްސަލައިގެ އެކި މަރުހަލާތައް އޮތް އިރު މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ ބާއްވައި މާދަމާ ޗުއްޓީއަށް މަޖިލިސް ދާނެ ކަމަށް ރިޔާސަތުން އިއުލާނުކޮށްފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ކޮތަޅު ޓެކުހާ ގުޅިގެން އުފެދުނު ކަންބޮޑުވުމާއި ނުތަނަވަސްކަން ހައްލު ކުރަން ކުނި މެނޭޖް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ނިމެންދެން ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ނުގޮސް ދައުރު ދަމާލަން ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅެއް ނުވި އެވެ. 

ކުނި މެނޭޖް ކުރުމުގެ ގާނޫނަށް ސަރުކާރުގެ އިސްލާހު ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާޝިދެވެ. ބިލްގެ ފުރަތަމަ ކިއުމާއެކު މިހާރު އޮތީ މިދިޔަ ހޯމަ ދުވަހު ފެށި ބަހުސް މަރުހަލާގަ އެވެ. މިއަދު އެ ބިލުގެ ބަހުސް ހިމަނާފައި ވެއެވެ. 

މި މައްސަލައިގެ އެކި މަރުހަލާތައް އަދި އޮތް އިރު މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ ބާއްވައި މާދަމާ ޗުއްޓީއަށް މަޖިލިސް ދާނެ ކަމަށް މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ އިއުލާން ކުރައްވާފަ އެވެ. 

ރިޔާސަތުން އެގޮތަށް އިއުލާން ކުރެއްވި ފަހުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ކުނި މެނޭޖް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ނިމެން ދެން މަޖިލިސް ޗުއްޓީއަށް ނުގޮސް ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުށަހަޅުއްވައި ތާއީދަށް އެދި ވަޑައިގެންފަ އެވެ. އޭނާގެ އެ ހުށަހެޅުން ގެންނެވީ އެހެން ހުށަހެޅުމެއްގެ ތެރެއިންނެވެ. 

އެއާ ގުޅިގެން ރިޔާސަތުން ޝަރީފު ހުއްޓުވުމާއެކު ރައީސް ނަޝީދު ވިދާޅުވީ އެފަދަ ހުށަހެޅުމެއް މެންބަރަށް އެގޮތަށް ހުށަނޭޅުއްވޭނެ ކަމަށާއި "އިރާދަ ކުރެއްވިއްޔާ މާދަމާ މަޖިލިސް ޗުއްޓީ އަށް ދާނެ،" ކަމަށެވެ.

މަޖިލިސް ގަވައިދުގައިވާ ގޮތުން މި މަސް ނިމުމާ އެކީގައި މަޖިލިހުގެ މެމްބަރުން ދެ ހަފްތާގެ ޗުއްޓީއަކަށް ދާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.