ހަމައެކަނި ފެމެލީ ކޯޓަށް ބަލާލިޔަސް ރާއްޖޭގައި ވަރި ގިނަ ކަން ހާމަވެގެން ދެއެވެ. މިއަހަރުގެ ފުރަތަމަ ތިން މަހު ފެމެލީ ކޯޓުގައި 340 ވަރި ރަޖިސްޓާކޮށްފައިވެ އެވެ.
ރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް އެންމެ މަގުބޫލު ހަނީމޫން މަންޒިލެވެ. ކައިވެންޏަށް ފަހު ހަނީމޫންގެ އުފާ ހޯދަން ގިނަ ބަޔަކަށް އެންމެ ކަމުދާ މަންޒިލަކީ ރާއްޖެ އެވެ. ރާއްޖޭގެ ރީތި ކަން މުޅި ދުނިޔޭގެ ސަމާލު ކަމަށް އައިސްފައިވާއިރު، ކައިވެނި ކުރާ ކޮންމެ ޖޯޑެއްގެ ވެސް ހުވަފެނަކަށް ވެފައި އޮންނަނީ ހަނީމޫނު ހޭދަކުރަން ރާއްޖެ އައުމެވެ.
މިއީ ދުނިޔެއަށް ރާއްޖެ ސިފަވާ ގޮތެވެ. ދުނިޔެއަށް ރާއްޖެ މަޝްހޫރުވެފައި އޮންނަ ގޮތެވެ. ދުނިޔޭގެ އެހެން ގައުމުތަކުން އެތައް ބަޔަކު ހަނީމޫނު ހޭދަ ކުރަން އަންނަ މި ކުޑަ ގައުމުގައި އާއިލީ މައްސަލަތައް ބޮޑުވެ. ކައިވެނި ރޫޅޭ ނިސްބަތް އަންނަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. އޭގެ ސަބަބުން ވަރީގެ ރޭޓް އިންތިހާޔަށް ވަނީ މައްޗަށް ގޮސްފަ އެވެ.
މުޅި ދުނިޔެއިން ވެސް ވަރީގެ ރޭޓް އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ވޯލްޑް އޮފް ސްޓެޓިސްޓިކްސްގެ 2022 ވަނަ އަހަރުގެ ވަރީގެ ލިސްޓުގައި އެންމެ ކުރީގައި އުޅެނީ ރާއްޖެ އެވެ. ރާއްޖޭގައި ވަރީގެ ރޭޓް އުޅެނީ ކޮންމެ 1000 މީހުންގެ ތެރޭގައި 5.9 ޕަސެންޓެވެ. ރާއްޖެ އުޅެނީ ދުނިޔޭގެ އެންމެ ބޮޑު ގައުމު، ރަޝިއާއަށް ވުރެ ވެސް ކުރީގަ އެވެ. މި ލިސްޓުގެ އެންމެ ކުރީގައި ރާއްޖެ އޮންނަތާ ހަތް އަހަރު ވެދާނެ އެވެ.
ހަމައެކަނި ފެމެލީ ކޯޓަށް ބަލާލިޔަސް ރާއްޖޭގައި ވަރި ގިނަ ކަން ހާމަވެގެން ދެއެވެ. މިއަހަރުގެ ފުރަތަމަ ތިން މަހު ފެމެލީ ކޯޓުގައި 340 ވަރި ރަޖިސްޓާކޮށްފައިވެ އެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ވަރީގެ ރޭޓް ގިނަވާ އެއް ސަބަބަކީ މަސްތުވާތަކެތީގެ މައްސަލަތައް ގިނަވުމާއި ގެވެށި އަނިޔާގެ މައްސަލަތައް ގިނަވުމެވެ. އާއިލީ މައްސަލަތައް ދިމާވަން މެދުވެރިވާ އެއް ސަބަބަކީ މިއީ އެވެ. މަސްތުވާތަކެތީގެ ސަބަބުން ވަޒީފާއަށް ނުދިއުމާއި އެހެނިހެން ކުށްތަކަށް އަރައިގަންނަ މިންވަރު އިތުރުވެ އެވެ. އޭގެ ސަބަބުން އާއިލީ މައްސަލަތައް ދިމާވާން މަގުފަހިވެ އެވެ.
ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ވެސް ވަރި ގިނަވާ އެއް ސަބަބަކީ މިއީ އެވެ. ލިބޭ ފައިސާ، ޑްރަގާއި ރަލާއި ޖުވާ ކުޅުމަށް ހަރަދުކުރުމަށްފަހު އާއިލާއަށް ހަރަދުކުރާނެ ފައިސާއެއް ނުހުރެ އެވެ. ރާއްޖެ ފަދަ ކުޑަ ގައުމެއްގައި މި އިންސައްތައަށް ވަރި ގިނަވުމަކީ ހައިރާންވާން ޖެހޭ ކަމެކެވެ.
އެމްޑީޕީގެ މި ސަރުކާރުގެ މެނިފެސްޓޯގައި ފަހުރުވެރި އާއިލާއެއް ހޯދައިދިނުމަކީ ވަރަށް މުހިންމު ވައުދެކެވެ. މި ވައުދުގެ ދަށުން އުފެއްދުންތެރި ޒުވާނުންނާއި، ބާރުގަދަ ޑްރަގާއި ދުރުވުމާއި އަމާން ރައްކާތެރި މުޖުތައުއެއް ގާއިމްކޮށްދޭނެ ކަމަށް މެނިފެސްޓޯގައި ފާހަގަކޮށްފައިވެ އެވެ. އެހެނަސް މިއަދާ ހަމައަށް ވެސް މިއިން އެއްވެސް ކަމަކަށް ހައްލެއް ނުލިބެ އެވެ. ކުށުގެ ވެށީގައި އުޅޭ ޒުވާނުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.
ކަން މިހެން އޮތްއިރު، ކައިވެނިތައް ރޫޅި، ދަރިންނަށް ބޭނުންވާ ހަރަދު ހޯދަން މައިން ކޯޓަށް ދުވާއިރު ފަހުރުވެރި އާއިލާއެއް ބިނާކުރެވިފައިވާކަމުގެ ސުވާލު އުފެދެ އެވެ. ކައިވެނި ރޫޅުމުގެ ސަބަބުން މުޖުތައުގައި އުފެދޭ ހަމަނުޖެހުންތަށް އިންތިހާ އެވެ. ދަރިންނަށް ލިބެން ޖެހޭ ލޯތްބާއި އަޅާލުމުން މަހުރޫމުވެ އެވެ. އާއިލީ މީހުންނާއި ދޮންބައްޕައިންގެ ފަރާތުން ކުންދިންނަށް ޖިންސީ ގޯނާކުރުމުގެ އެތައް މައްސަލައެކެވެ. ވަރި ގިނަވުމަކީ މުޖުތަމައުއަށް އޮތް ނުރައްކަލެކެވެ. ބޭރުފުށުން ދުނިޔެއަށް ރާއްޖެ ފެންނަ ގޮތް ކިތަންމެ ރީއްޗަސް، އެތެރެއިން ރާއްޖޭގައި މިފަދަ އެތައް މައްސަލައެއް އެބަ ހުއްޓެވެ.