އަލިފުށީގެ އަލިގަދަ ތަރިއެއް، ރީތި އަޑެއް!

މިއަދު އޭނާގެ މަސައްކަތްތައް ގިނަ ބަޔަކަށް ފެންނަނީ ޓިކްޓޮކުންނެވެ. އެ ޕްލެޓްފޯމުގައި އޭނާއަކީ މިހާރު ވިދާ ތަރިއެކެވެ. އޭނާގެ ވީޑިއޯތަކަށް ތަރުހީބު ދީ، ލަވަތަކަށް ރިކްއެސްޓު ކުރުމަށް ވަފާތެރި ފޭން ބޭސްއެއް އެބައޮތެވެ.

މުހައްމަދު ޝިފާއު: ލަވަ ކިޔުމުގެ ދާއިރާގައި އާންމުންގެ ބޮޑު މަގުބޫލުކަމެއް ދަނީ ހޯދަމުން

މީގެ ތިން އަހަރެއްހާ ދުވަސްކުރިން ފޭސްބުކުގައި ވައިގައި ހިފި ވީޑިއޯއެކެވެ. ފެންނަނީ ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިއެއްގެ ލަވައެއްގެ ރާގަށް ދިވެހި ޒުވާނަކު ލަވައެއް ކިޔާތަނެވެ. މަންމަ އާ ގުޅުވާ ހަދާފައިވާ އަސަރުހުރި ޅެމުގެ އިތުރުން އެ ލަވަ ދިވެހިންގެ ތެރޭގައި މަގުބޫލުވި އެންމެ ބޮޑު ސަބަބަކީ، އޭރު އުމުރުން އެންމެ ވިއްސަކަށް އަހަރުގެ ލަވަކިޔުންތެރިޔާ؛ މުހައްމަދު ޝިފާއުގެ ހުނަރުވެރި ކަމެވެ.

އެ ލަވައިގެ އުނދަގޫ ރާގާއި ބަނޑިތައް ޝިފާއުގެ އަޑުން "ވިރުވައި އަޅާލިއިރު" އޭނާއަށް އެއީ މާ އުނދަގޫ ކަމެއް ހެނެއް ހިއެއް ނުވެއެވެ. އަސްލު ލަވައިގެ އަސަރުގައި، ހަމަ އެ "ރާހަތުގައި" ކިޔާ ނިންމާލީ ފަސޭހަ ކަމާއެކު އެވެ. އެއީ އާދަޔާހިލާފު ހުނަރެކެވެ.

އެއީ ޝިފާއުގެ ފުރަތަމަ ރެކޯޑިން އެވެ. އެ ވީޑިއޯ ވައިރަލް ވުމަކީ އޭނާއަށް ލިބުނު ވަރުގަދަ ބޫސްޓެކެވެ. ހީވެސް ނުކޮށް ހުއްޓާ ރާއްޖޭގެ ބޮޑެތި މިއުޒީޝަނުންނާއި، މީޑިއާގެ ލޯ އޭނާއަށް އަމާޒުވީ ހިސާބަކީ އެއީއެވެ.

އޭގެ ކުރިން ވެސް، ލަވަ ނުކިޔާ އިރެއް ޝިފާއުގެ ހަނދާނަކު ނެތެވެ. ކުޑައިރުއްސުރެ ފެށިގެން އޭނާގެ އަޑު ތަމްރީނު ވީ އުޅެބޮޑުވި ގެ،  ރ. އަލިފުށީ، ފައްސިޔައިގައި ބަހައްޓާފައި ހުރި ކީބޯޑާއެކު އޭނާގެ ބައްޕަގެ އަޑު ދަށުންނެވެ.

"ޕަބްލިކުގައި ލަވަ ނުކިޔަސް ބައްޕައަކީ ވަރަށް ރީއްޗަށް މަދަހަ އާއި ލަވަ ކިޔާ ބޭފުޅެއް. އޭރު ގޭގައި ހުންނާނެ ކީބޯޑެއް، ފޫހިވީމަ އައިސް ބައްޕަ އިންނަވާނެ އެ ބޭނުން ކޮށްގެން ލަވަ ވިދާޅުވާން. އަސްލު އެ ހިސާބުން ކަންނޭނގެ ލަވަ ކިޔަން ޝައުގުވެރިވީ" ޝިފާއު ބުންޏެވެ.

އޭނާގެ އެ ވާހަކައަށް ބާރުދޭ ކަމަކީ އެ ގޭގައި އޭނާގެ އެއްބަނޑު އެއްބަފަޔަށް ތިބި ދެ ބެއިންނަކީ ވެސް  ލަވަކިޔުންތެރިންނަށް ވުމެވެ. އޭނާގެ ދޮށްޓަށް ހުންނަ ދައްތައަކީ މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަނުން ވިދާލި ޝަޒާ އަބްދުﷲ ރަޝީދެވެ. ކޮއްކޮ، ޝިނާން އަބްދުﷲ ރަޝީދަކީ ވެސް ދާއިރާގައި އަރަމުން އަންނަ ތަރިއެކެވެ.

ގޭތެރެއިން އުފެދުނު ޝައުގުވެރި ކަމުގައި ޝިފާއު ލަވަކިޔަން ފެށި ނަމަވެސް، އޭނާއަށް "ލަވަ ކިޔޭ" ކަމެއް އޭރަކު ނޭނގެ އެވެ. ފުރަތަމަ ބައެއްގެ ކުރިމަތީ ލަވަ ކިޔުމުގެ ހުނަރު ދައްކާލަން ލިބުނު ފުރުސަތު އެހާ ކާމިޔާބެއް ނޫނެވެ.

"ގްރޭޑް ހަތަރެއްގައި އުޅެމުން ދިޔައީ މަދަހަ ސްކޫލް މުބާރާތެއްގެ އޮޑިޝަންއަކަށް. އެފަހަރު ފުރަތަމަ ފަހަރު ވީމަ ލަދުން ކިޔާކަށް ނުކެރުނު ދެން އެ ފަހަރު އޮޑިޝަނުން ކެޓީ ހަމަ ނުކިޔިގެން" އޭނާ ކިޔައި ދިނެވެ.

އެ ހިސާބުން ހިތްވަރު އެލުވައެއް ނުލައެވެ. ޖެހިގެން އައި އަހަރު ވެސް މުބާރާތުގައި ބައިވެރި ވިއެވެ. އެ މުބާރާތް އޭނާ ނިންމާލީ އުމުރުފުރައިން ތިން ވަނަ ހޯދައިގެނެވެ. އެއަށްފަހު، ވަނައެއް، އިނާމެއް ނުލިބި އޭނާ ބައިވެރިވި މުބާރާތެއް ނިންމައެއް ނުލައެވެ.

"އުމުރު ފުރާއިން އޭރު ވަނަ ލިބެމުން ދިޔައީ. ދެން ގްރޭޑް ހަތެއްގައި އުޅެނިކޮށް ބައިވެރިވީ ކައުންސިލުން އަތޮޅަށް ހުޅުވާލައިގެން ބޭއްވި ގުރުއާން މުބާރާތެއްގައި. އެ މުބާރާތުން ލިބުނު މުޅި މުބާރާތުން އެއް ވަނަ. ދެން އެ ހިސާބުން މުޅި މުބާރާތުން ވެސް ވަނަތައް ލިބެން ފަށައިފި" ޝިފާއު ބުންޏެވެ.  

ހަފްލާއެއްގައި ޝިފާއު ލަވަ ކިޔަނީ--

އަލިފުށީ ސްކޫލުގައި ގްރޭޑު 10 ނިންމާލިއިރު އޭނާގެ އެވޯޑް ހަރު ހުރީ ފުރިފައެވެ. އެ ދައުރު އޭނާ ނިންމާލީ ގައުމީ ގުރުއާން މުބާރާތުގެ އަތޮޅުތެރޭ ސްކޫޅުތަކުގެ ފިރިހެން ބައިވެރިންގެ އެއްވަނަ ހޯދައިގެންނެވެ.

ޝިފާއުގެ މަދަރުސީ ހަޔާތުގެ ދެން އޮތް ބައި އޭނާ ފުރިހަމަކުރީ އަހްމަދިއްޔާ ސްކޫލުގަ އެވެ. އެ ސްކޫލު ތަމްސީލު ކޮށްދެމުން އޭނާ 2016 ވަނަ އަހަރުގެ ޓީވީއެމް އިންޓަސްކޫލް މަދަހަ މުބާރާތުން ތިންވަނަ ހޯދިއެވެ. އެ ފަހަރު އެ ސުކޫލުގެ ގުރޫޕު މަދަހަ ވެސް ލީޑު ކުރީ އޭނާ އެވެ. އެއީ އޭނާ ގައުމީ ފެންވަރުގެ މުބާރާތެއްގައި ކީ ފުރަތަމަ މަދަހައެވެ.

ސްކޫލު ދައުރު ނިމުމާއެކު ޝިފާއުގެ ކެރިއަރަށް މަޑުޖެހިލުމެއް އައެވެ. ސްކޫލު މުބާރާތްތަކާ ނުލައި، ދެން ކުރިއަށް ދާނެ ގޮތެއް އޭނާގެ ވިސްނުމަކު އޭރު ނެތެވެ. އެކަމާ މާބޮޑު ފިކުރެއް ވެސް ނުކުރެއެވެ. އޭނާގެ މިއުޒިކީ ހަޔާތް އަލުން ފަށައި ދިނީ އޭރު މަސައްކަތް ކުރަމުން ދިޔަ ޕޯސްޓު އޮފީހުން ދިމާވި، މުންސިފް ޚަލީލެވެ.

މުންސިފުގެ ގިޓާގެ ރާގާއެކު، ޝިފާއު ލަވަކިޔައި، ރެކޯޑު ކޮށްގެން ފޭސްބުކުގައި ހިއްސާކުރަން ފެށިއެވެ. ފުދޭވަރެއްގެ ތަރުހީބެއް ލިބުނެވެ. ފަސް ލަވައެއް އެގޮތަށް ރެކޯޑުކޮށްލުމަށް ފަހު އެކަން ވެސް ހުއްޓުނެވެ. ދެން އޭނާ ފެނުނީ ސައުންޑުކުލައުޑުންނެވެ. 

"ކޮލެޖުގައި އުޅެނިކޮށް ދިމާވި ރައްޓެއްސެއްގެ އައިޑިއާއެއް އެއީ. ދެން އެހިސާބުން ސައުންޑުކުލައުޑުގައި ވިއުސް އަރަން ފަށައިފި ދިހަ ހާހަށް، ވިހި ހާހަށް" އޭނާ ކިޔައިދިނެވެ. އެ ދުވަސްވަރު އޭނާއަށް ލިބުނު ފުރުސަތެއްގައި ދިޔައީ ރެސްޓޯރެންޓެއްގައި ލައިވް ގިގުތައް ވެސް ކުޅެދެމުންނެވެ.

އެ ހިސާބުން ވެސް އިތުރަށް ކުރިއަށް ގޮސް، އަމިއްލަ ލަވައެއް ރެކޯޑުކޮށް ނެރުމުގެ ޚިޔާލެއް ޝިފާއު ނުގެންގުޅެއެވެ. އޭނާގެ ފުރަތަމަ ލަވަ، "މަންމަ" އަކީ އޭގެ އެތައް ދުވަހެއް ފަހުން، ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު، ވަޒީފާ ގެއްލި ރަށުގައި ފުރަބަންދު ވެގެން ހުރި އިރު ހިންގާލި "ލޮކްޑައުން ޕްރޮޖެކްޓެ" ކެވެ.

"ކޮއްކޮ ސްކޫލު ނިންމި ދުވަސްކޮޅު އެއީ. އޭރު އޭނާގެ ފެއާވެލްގައި ކިޔަން ކޮއްކޮގެ އަޑުން ލަވައެއް ރެކޯޑުކުރި. އޭރު ދައްތަ ވެސް ދެ ލަވައެއް ރެކޯޑު ކޮށްފި. ދެން ހިތަށް އެރީ ވެއްޖެއޭ ޓްރައި ކޮށްލަން" އޭނާ ކިޔައި ދިނެވެ.

އެކަމަށް އޭނާ ދިޔައީ ރަށުގައި ސްޓޫޑިއޯއެއް ހިންގާ އަބްދުﷲ ޝާފިއުގެ ކައިރިއަށެވެ.

"އޭނާ ފުރަތަމަ ވެސް ބުނީ ހާދަ އުނދަގޫ ރާގެކޭ ތިއީ، ދެން އެކަމަކު ވެސް ހިނގާށޭ ބަލާލަން" ޝިފާއު ކިޔައިދިނެވެ.

ދެ ފަހަރެއްގެ މަތިން އެ ލަވަ ޝިފާއު ރެކޯޑުކޮށް ނިންމާލީ ޝާފިއުގެ އިރުޝާދާ އެކުގަ އެވެ. ނިމުނު އިރު، އެ ލަވަ އަމިއްލައަށް އަޑު އަހާލާފައި އޭނާ ވެސް ހައިރާންވި އެވެ.

އެ ލަވަ ވައިރަލްވުމާއެކު، އޭނާއަށް ވަރަށް ގިނަ މީހުން ގުޅިއެވެ. މެސެޖުތައް ލިބުނެވެ. އާ ފުރުސަތުތަކާއި ދޮރުތައް ހުޅުވެން ފެށިއެވެ. އޭގެ ފަހުން އޭނާ އާންމުންގެ މަގުބޫލުކަން ހޯދި އެތައް ލަވައެއް ރެކޯޑުކޮށްފި އެވެ. "މާމަގެ ހަނދާން" އާއި "ޔާރާ"، "ޝަކުވާގެ ސަރިންދާ" އަދި "ރޫހީ އުފާ" ފަދަ އެތައް ލަވައަކުން އޭނާގެ ހުނަރުވެރިކަން ދައްކާފައި ވެއެވެ. 

އޭގެ ތެރެއިން ވެސް އޭނާ "ޔާރާ" އާއި "މާމަގެ ހަނދާން" ފާހަގަ ކުރެއެވެ. "ޔާރާ" އަކީ އޭނާގެ ލަވަތަކުގެ ތެރެއިން އެންމެ ބޮޑަކަށް ހިޓުވި ލަވައެވެ. ސައުންޑްކުލައުޑުގައި ފަސް ލައްކައަށް ވުރެ ގިނަ މީހުން އަޑުއަހާފައިވާ އެ ލަަވައިގެ މިއުޒިކް ވީޑިއޯ މި ރޯދަމަހުގެ ތެރޭގައި އާންމުންނަށް ދޫކޮށްލާފައި ވެއެވެ.  

ޝިފާއު އެންމެ ހިތްހަމަ ޖެހޭ މަސައްކަތްތަކުގެ ތެރެއިން؛ "ޔާރާ"ގެ ވީޑިއޯ ލަވަ

"މާމަގެ ހަނދާން" މި ލަވައަކީ އޭނާގެ މާމަ ނިޔާވުމުގެ ހިތާމައިގައި ބައްޕަ މީގެ އެތައް އަހަރެއް ކުރިން ހެދި ލަވައެކެވެ. އެ ލަވައިގެ މައިގަނޑަކާއި އެއް ކަޑި ފިޔަވައި ޅެމުގެ ދެންހުރި ބައިތައް ވަނީ ގެއްލިފަ އެވެ.

"ދެން އަމިއްލައަށް ޅެމުގެ ދެން އޮތްބައި އިތުރު ކޮށްގެން އެ ލަވަ ފުރިހަމަކުރީ. ވަރަށް ހިތްހަމަޖެހޭ މަސައްކަތެއް އެއީ" އޭނާ ބުންޏެވެ.

މިއަދު އޭނާގެ މަސައްކަތްތައް ގިނަ ބަޔަކަށް ފެންނަނީ ޓިކްޓޮކުންނެވެ. އެ ޕްލެޓްފޯމުގައި އޭނާއަކީ މިހާރު ވިދާ ތަރިއެކެވެ. އޭނާގެ ވީޑިއޯތަކަށް ތަރުހީބު ދީ، ލަވަތަކަށް ރިކުއެސްޓުކުރުމަށް ވަފާތެރި ފޭން ބޭސްއެއް އެބައޮތެވެ.

"ރައްޓެއްސަކު ގަދަކަމުން ލަވަކިޔާތަން ވީޑިއޯ ކުރުވާފަ ޓިކްޓޮކަށް ފުރަތަމަ ލީ ވެސް. އެކަމަކު މިހާރި އެންމެ ގިނަ ބަޔަކަށް އެނގޭނީ ޓިކްޓޮކުން" އޭނާ ކިޔައިދިނެވެ.  

ޝިފާއުގެ އެންމެ ފަހުގެ މަސައްކަތް؛ "ތައުބާ" އަލްބަމްގެ ޓައިޓަލް ޓްރެކް

ޝިފާއުގެ އެންމެ ފަހުގެ މަސައްކަތަކީ "ހަލާލް ޖީ" ޕްރޮޑަކްޝަންސް އިން ނެރުނު "ތައުބާ" މަދަހަ އަލްބަމްގެ ޓައިޓަލް ޓްރެކެވެ. އިތުރު ފަންނާނަކާއެކު ކިޔާފައިވާ އެ މަދަހަ އަކީ އޭނާގެ އަޑުން ރެކޯޑުކޮށްގެން ނުކުތް ފުރަތަމަ މަދަހައެވެ. ދިވެހި އަމިއްލަ ރާގުގެ އުފެއްދުމެއްގައި ފީޗާވި ފުރަތަމަ ފަހަރު ވެސްމެއެވެ.

އޭނާގެ ލަވަތަކަށް ލޯބިކުރާ މީހުންނަށް ޝިފާއު ދެނީ އުންމީދީ މެސެޖެކެވެ. ވަރަށް އަވަހަށް އިތުރު ސަޕްރައިޒުތައް ހުރި ވާހަކައެވެ. އޭނާ އެ މަސައްކަތުގައި ހިތްވަރާއެކު ކުރިއަށްދިއުމުގެ އަޒުމުގައި ހުރި ވާހަކައެވެ.

ޝިފާއު ގަބޫލުކުރާ ގޮތުގައި އޭނާއަށް އާންމުންގެ އިހްތިރާމާއި، ލޯބި ލިބުނީ ލަވަ ކިޔައިގެންނެވެ. ދެންވެސް އޭނާ އެ އިހްތިރާމް ދަމަހައްޓާނީ އެކަން ކޮށްގެންނެވެ. ޑިސިޕްލިންޑް އާޓިސްޓެއްގެ ގޮތުގައި ދެމި ހުރުމަކީ އޭނާގެ އެންމެ ބޮޑު އަމާޒުކަމުގައި ބަލަނީ އެހެންވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.