ގދ. ތިނަދޫން 150 ގޯއްޗަށް ހުޅުވާލައިފި

ގޯއްޗަށް ޝަރުތުތައް ހަމަވާ މީހުން "ދިރިއުޅުމަށްޓަކައި ދޫކުރާ ކޮންޑިޝަނަލް ގޯތި، ބިމަށް އެދޭ ފޯމު" ފުރިހަމަކޮށް، ޖޫން 1، 2023 ގައި ހުށަހަޅަން ޖެހެ އެވެ.

ގދ. ތިނަދޫ: އެރަށުން ވަނީ ގޯއްޗަށް އިއުލާންކޮށްފައި -- ފޮޓޯ: ޝަހާއު މުހައްމަދު

ބޮޑު އާބާދީއެއް އޮތް ގދ. ތިނަދޫން މީހުން ދިރިއުޅެން 150 ގޯތި ދޫކުރަން އިއުލާނު ކޮށްފި އެވެ. 

އެ ރަށުން ގޯތި ބޭނުންވާ ފަރާތްތަކުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު އެ ރަށުން ދޫކުރަން ނިންމާފައި ވަނީ 1500 އަކަފޫޓާ، 2000 އަކަފޫޓާ ދެމެދުގެ ގޯއްޗެވެ. 

ގޯތިތައް ދޫކުރަނީ ތިނަދޫ ލޭންޑް ޔޫސް ޕްލޭންގައި ގޯތި ދޫކުރަން ކަނޑައަޅާފައިވާ ސަރަޙައްދުތަކުގެ ތެރެއިން ނުވަ ބްލޮކަކުންނެވެ. އެއީ I,J,K,L,O,P,R,V,W މި އަކުރުތަކުގެ ބްލޮކްތަކެވެ. 

  •  ތިނަދޫގެ ބިމުގެ ބޮޑުމިން: 117.5 ހެކްޓަރު
  •  ތިނަދޫ އާބާދީ: 7,456 އަށް ވުރެ ގިނަ

ތިނަދޫން ގޯތި ދެނީ ތިން ކެޓަގަރީއަކަށް ބަހާލައިގެނެވެ. އެއީ ކެޓަގަރީ އޭ އާއީ ބީ އަދި ސީ އެވެ. އޭގެ ކެޓަގަރީގައި ހިމެނޭ މީހުނަށް ދެނީ 70 ގޯއްޗެވެ. ބީ ކެޓަގަރީގައި ހިމެނޭ މީހުނަށް 66 ގޯއްޗެވެ. ސީ ކެޓަގަރީއަށް ފަސް ގޯއްޗެވެ. 

މީގެ އިތުރުން ބީ ކެޓަގަރީގެ ތެރެއަށް ތިން ގޯތި ލާފައި ވެއެވެ. އެއީ ތިނަދޫގައި ވިޔަފާރި ކުރަމުންދާ ރަށުން ބޭރު ފަރާތްތަކަށެވެ. އަދި ޕްރޮފެޝަނަލް ދާއިރާއިން ހިދުމަތްދޭ ފަރާތްތަކަށް ހަ ގޯތި އޭ އާއި ބީ ކެޓަގަރީއަށް ލާފައި ވެއެވެ. 

  •  ކެޓަގަރީ އޭ: ތިނަދޫ ރައްޔިތުންނަށް، ތިނަދޫ ދަފްތަރު ހިމެނޭހެން
  •  ކެޓަގަރީ ބީ: ރަށުން ބޭރު ފަރާތްތަކަށް
  •  ކެޓަގަރީ ސީ: އެކަނިވެރި މައިންނަށް / ބަފައިންނަށް

ތިނަދޫ ކައުންސިލުން ބުނީ ގޯއްޗަށް ޝަރުތުތައް ހަމަވާ ފަރާތްތަކުން "ދިރިއުޅުމަށްޓަކައި ދޫކުރާ ކޮންޑިޝަނަލް ގޯތި، ބިމަށް އެދޭ ފޯމު" ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު، ޖޫން 1، 2023 ގައި ހުށަހަޅަން އެދޭ ކަމަށެވެ.     

އެ ރަށުން ގޯތި ދޭން އިއުލާން ޖެހި އިރު އެރަށުގައި ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެއް ވެސް ހިނގަ އެވެ.      

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.