ކޮތަޅު ޓެކުހާއެކު 100 މިލިއަން ރުފިޔާގެ ކޮތަޅު ފެކްޓަރީ ބަންދުވީ

ލީސާ މޯލްޑިވްސް އިން ކޮތަޅު އުފައްދަން ފެށީ މީގެ 17 އަހަރު ކުރިން ފެށިގެން ހުޅުމާލޭގަ އެވެ. މިތަނުގައި އުފައްދަނީ ކެނެޑާ އީޕީއޭ އާއި ރާއްޖޭގެ އީޕީއޭ އެޕްރޫވްކޮށްފައިވާ ބަޔޯޑީގްރޭޑަބަލް ކޮތަޅެވެ.

ލީސާ މޯލްޑިވްސް އިން ހުޅުމާލޭގައި ހިންގާ ކޮތަޅު އުފައްދާ ފެކްޓްރީ -- ލީސާ މޯލްޑިވްސް

ސަރުކާރުން ކޮތަޅުން ޓެކްސް ނަގަން ފެށުމާއެކު 100 މިލިއަން ރުފިޔާގެ ކޮތަޅު ފެކްޓްރީގެ ވިޔަފާރި ހުއްޓާލަން ޖެހިއްޖެ އެވެ. 

ރާއްޖެއަށް ކުރިން އިމްޕޯޓް ކުރި ކޮތަޅުގެ އިމްޕޯޓް މަދުކޮށް ރާއްޖޭގައި މި މަސައްކަތް ފުޅާކޮށް ފެށި ކުންފުނި ކަމަށްވާ ލިސާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަހީމް "މި" ނޫހަށް ވިދާޅުވީ ސަރުކާރުން ކޮތަޅުން ޓެކްސް ނަގަން ފެށުމާއެކު އެ ކުންފުނިން ރާއްޖޭގައި ކޮށްފައިވާ 100 މިލިއަން ރުފިޔާގެ ވިޔަފާރި އިންވެސްޓްމެންޓް ހުއްޓާލަން މަޖުބޫރު ވެފައިވާ ކަމަށެވެ. 

"މި ޓެކްސް ނަގަން އުޅުނު ދުވަސްވަރު އަޅުގަނޑުމެން ދިޔައިން ސަރުކާރުގެ އެކި ވުޒާރާތަކަށް ވެސް އެހެން ގޮތެއް ހަމަ ޖެހޭތޯ. އެކަމަކު ދިނީ ވަރަށް އެހެން ކަހަލަ ޖަވާބެއް. ބުނަނީ ތިޔަ ކަމަކީ ތިމަންނަމެންނަށް ކަމެއް ކުރެވޭނެ ކަމެއް ނޫނޭ. ނަމަވެސް އަޅުގަނޑުމެން ބުނިން މިއީ 100 ޕަސެންޓް ދިވެހި އިންވެސްޓްމަންޓެކޭ ކޮންމެވެސް ސޮލިއުޝަނެއް ދޭން ވާނެއޭ. އެކަމަކު އެކަމުގައި އަލިމަގެއް ނުފެނު،"  ކެނެޑާގެ އީޕީއޭ އާއި ރާއްޖޭގެ އީޕީއޭ އެޕްރޫވަލް ލިބިގެން ބަޔޯޑީގްރެޑެބްލް ކޮތަޅު އުފައްދާ ކުންފުނީގެ ވެރިޔާ ޝަހީމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ އެ ކުންފުންޏަކީ ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިތަކަށް އެހީތެރިކަން ދެމުން ދިޔަ ކުންފުންޏެއް ކަމަށާ ވިޔަފާރި ހުއްޓާލަން ޖެހުމުން އިގްތިސޯދަށް ވެސް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށެވެ. އަދި މި މަސައްކަތުގެ އެތައް ދިވެހި މުވައްޒަފުންނެއް ވެސް އުޅޭއިރު މިކަން ހުއްޓާލަން ޖެހުމުން އެ ފަރާތްތަކުގެ ވަޒީފާއަށް ވެސް އަސަރު ކުރާނެ ކަމަށެވެ. 

"އަޅުގަނޑުމެންނަށް ވެސް އޮތް ރިސޯޓުތަކުގައި މި އޮޕަރޭޝަން ފުޅާ ކުރެވެން. އެކަމަކު އޭގެ ބަދަލުގައި ކުދި ވިޔަފާރިތަކަށް އެހީތެރިކަން ދީގެން މި ކުރިއަށް ގެންދަނީ. އެކި އެކި އެއްޗިހި ބަންދުކުރާ ކުދި ވިޔަފާރިތަކަށް ޕެކިން މަސައްކަތް ކޮށްދިނުން. ނަމަވެސް މިހާރު މިވީ ގޮތުން އެ ހުރިހާކަމެއް ހުއްޓާލަން ޖެހުނީ. މިކަމުން ބެލެވެނީ ގާތްގަނޑަކަށް 70 ޕަސެންޓް އިގްތިސޯދަށް މީގެ އަސަރު ކުރާނެ ކަމަށް،" 

ލިސާ މޯލްޑިވްސް - ހުޅުމާލޭގައި ފެކްޓްރީއެއް ގާއިމްކޮށް ބަޔޯޑީގްރެޑަބަލް ޕްލާސްޓިކް ކޮތަޅު އުފައްދައި އަދި ޕްލާސްޓިކް ރީސައިލް ކުރަން ލީސާ މޯލްޑިވްސް އިން މަސައްކަތް ފެށީ 2006 ގަ އެވެ. މި ކުންފުނިން ބޮޑެތި ޑަސްބިން ކޮތަޅުގެ 75،000 ކޮތަޅު އަދި އެއަށް ވުރެ ކުދި ޒައިޒު، ގޭގައި ބޭނުންކުރާ ޑަސްބިން އަށް ލެވޭ ވަރު ސައިޒުގެ 40،000 ކޮތަޅު ބަންދު ކުރުމުގެ ކެޕެސިޓީ ހުރެ އެވެ.

ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ޓެކުހެއް ނަގަން ފެށީ އިއްޔެއިން ފެށިގެންނެވެ. ސަރުކާރުގެ އަމާޒަކީ ކޮތަޅު ބޭނުން ކުރުން ހުއްޓުވުމެވެ. އަދި މިކަމުން 50 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ. ކޮތަޅު ޓެކްސް ހުރިހާ ވިޔަފާރިތަކުން ވެސް ނެގުން ލާޒިމްކޮށްފައިވެ އެވެ. ނަމަވެސް ދައްކަން ޖެހެނީ ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައި ތިބި ޖީއެސްޓީ ދައްކާ ކުންފުނިތަކުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.