ރައްޔިތުން ކޮތަޅަށް ލައި ސަރުކާރު ކޮތަޅުން ފައިދާ ނަގަނީ

ބޮޑެތި ގޯސް ތައް ހަދައިގެން ނަމަވެސް މިހާރު ފެށިފައި އެވަނީ ރަނގަޅު ފެށުމެކެވެ. އެކަމަކު މިކަން ކުރިގޮތް އަދި މިކަން އިސްލާހު ކުރާނެ ގޮތް ސަރުކާރުން ސާފު ކޮށްދޭން ޖެހޭނެ އެވެ. އަސްލު މަގުސަދު ރަނގަޅަށް ބުނެދޭން ޖެހޭނެ އެވެ.

ސަރުކާރުގެ ކޮތަޅު ޓެކްސް ތަންފީޒު ކުރަން ފެށި ގޮތުން ރައްޔިތުންނަށް ވަނީ އެކަމުން ތަކުލީފު އުފުލާން ޖެހިފައި -- މި
  •  ގޯސް ތަކެއް ހަދައިގެންވެސް ފެށިފައި ވަނީ ރަނގަޅު ފެށުމެއް

މީގެ އަށް އަހަރު ކުރީގައި ގްރީން ޓެކްސް ތައާރަފު ކުރި މަގުސަދަކީ ތިމާވެށި ހިމާޔަތް ކުރުމުވެ. ތިމާވެށި ހަޑިކޮށް ގެއްލުންދޭ ކުނި ގޮނޑުތައް ނައްތާލުމެވެ. ރާއްޖެ މަތި ދުން ބޯކުރާ ތިލަފުށީގެ ދުމުން ސަލާމަތް ވުމެވެ. އެކަމަކު މިއިން އެއްވެސް ކަމެއް ތިމާވެށި ހިމާޔަތް ކުރަން ނެގި ގްރީން ޓެކުހުން މިހާތަނަށް ވެފައެއް ނެތެވެ. އެ ޓެކްސް އެހެން އޮއްވައި އަނެއްކާ ސަރުކާރުން ރައްޔިތުން "ހައްދާލައިގެން" މިވަނީ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ޓެކުހެއް / ކޮތަޅު ޓެކްސް ނަގަން ފަށާފަ އެވެ. ކޮންމެ ކޮތަޅަކުން ދެ ރުފިޔާ ނަގަން ފެށި މަގުސަދެއްގެ ގޮތުގައި ސަރުކާރުން ބުނަނީ ކޮތަޅު ތަކުން ތިމާވެއްޓަށް ލިބޭ ގެއްލުމުން ސަލާމަތް ކޮށްދިނުމެވެ. 

ކޮތަޅު ބޭނުން ކުރުމާ ދުރުކޮށް ތިމާވެއްޓާ ރަހުމަތްތެރި ކޮތަޅަށް ދިވެހިންގެ އާދަތައް ހާނުވައި ދިނުމެވެ. މަގުސަދަކީ މިއީ ކަމަށް ކުނި މެނޭޖް ކުރުމުގެ ގާނޫނު އިސްލާހުކޮށް އޭގައި ލިޔެފައި އޮތަސް ސަރުކާރުގެ ހަގީގީ މަގުސަދު ސަރުކާރުން ކިޔައެއް ނުދެ އެވެ. ހަމައެކަނި ބުނަނީ ކޮންމެ ކޮތަޅަކުން ދެ ރުފިޔާ ނަގާ ވާހަކަ އެވެ. 

ކޮތަޅު ފުނި ރަނގަޅަށް ހާވާލުމުން މީގެ އެ ތެރޭން ފެންނަ މަންޒަރު ތަފާތުވެ އެވެ. ހަގީގަތުގައި ކޮތަޅު ޓެކްސް ނަގަނީ ރާއްޖޭގެ ތިމާވެއްޓަށްޓަކައި ސަރުކާރުން ހެވެއް އެދިގެންތޯ ސާފުވާން ޖެހެ އެވެ. މި ކަމަކީ ކިހާ ބޮޑަށް ދިރާސާކޮށްފައި ކުރިކަމެއްތޯ ވެސް ބަލާން ޖެހެ އެވެ. ދިރާސާ ކުރި ނަމަ، ވިސްނައި ހެދި ނަމަ މިހާރު ނުކުމެގެން އުޅޭ ކޮތަޅު ޓެކްހުގެ ތަކުލީފު ދިވެހި ރައްޔިތުންނަކަށް ނުޖެހުނީހެވެ. މީގެ މާނައަކީ ކޮތަޅު ޓެކްހުގެ ސަބަބުން ނުކުންނާނެ ނަތީޖާ ތަކަށް ސަރުކާރުން ދިރާސާކޮށްފައެއް ނެތެވެ. 

"މިކަމުގެ މަގުސަދު ރަނގަޅު ވެދާނެ! އެކަމަކު ކޮތަޅަކުން ދެ ރުފިޔާ ނަގަން އޮތީމަ އެއީ ހަގީގަތުގައި ވަރަށް ބޮޑު އަދަދެއް. މިއީ އާއްމު މީހާ އަށް ކުއްލިއަކަށް އަންނާނެ ވަރަށް ބޮޑު ދައްޗަކަށް ވާނެ. އަނެއް ކަމަކީ މިކަން އިމްޕްލިމެންޓް ކުރަން އުޅޭ ގޮތް. މިހާރު މި އޮތް ގޮތުން މުއްސަނދިންނާއި ފަގީރުންގެ ފަރަގު ބޮޑު ވެގެން ދާނެ،" ކޮތަޅު ޓެކުހާ ބެހޭ ގޮތުން ކުރީގެ ފިނޭންސް މިނިސްޓަރުކަން އަހުމަދު މުނައްވަރު "މި" ނޫހަށް ވިދާޅުވި އެވެ. 

ސަރުކާރުން ސްޕޮންސާ ކޮށްގެން ކުނި މެނޭޖް ކުރުމުގެ ގާނޫނަށް އިސްލާހެއް ވެއްދީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދެވެ. ކުނި ގާނޫނުގެ 35 ވަނަ މާއްދާ އަށް އެ ފަހަރު ގެނައި އިސްލާހުގައި އޭރު އޮތް ގޮތުން 50 ކޮތަޅު ނުވަތަ އެއަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮޑި ވަނީ އިސްތިސްނާ ކޮށްފަ އެވެ. ނަމަވެސް ބިލް ގާނޫނަކަށް ބަދަލުވިއިރު 50 ކޮތަޅު ބޮނޑީގެ އިސްތިސްނާ ވަނީ އުނިކޮށްފަ އެވެ. ސަރުކާރުން ބުނާ ގޮތުގައި މިހާރު ކުރިމަތިވެފައިވާ މައްސަލަ ނުކުތް ސަބަބަކީ އެއީ އެވެ. ކޮތަޅު ޓެކްހުގެ މައްސަލަ ހޫނުވުމުން ޑިފެންސަށް ފައިބަން ސަރުކާރަށް ވަނީ ޖެހިފަ އެވެ. އެހެނެވެ ސަރުކާރުން މިހާރު ވަނީ އެހެން ބުނެފަ އެވެ. 

ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަޙްމަދު ޝަރުވަސް އަދާމް މަޖިލީހުގައި -- ފިނޭންސް

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ޝަރުވަސް އަދާމް "މި" ނޫހަށް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު އުނިކުރި ސަބަބެއް ކަމަށް ބެލެވެނީ އޭގެ ސަބަބުން އިސްލާހު ގެނައުމުގެ މަގުސަދު ހާސިލް ނުވުމުގެ ފުރުސަތު އޮތުން ކަމަށް ދެކެވަޑައިގަންނަވަ އެވެ. ނަމަވެސް އެ އިސްލާހަށް ފަހު މިހާރުގެ މައްސަލަތައް ނުކުމެދާނެ ކަމަށް ބަލައި އެކަން އިސްލާހު ކުރަން ގާނޫނަށް އިސްލާހެއް ފޮނުވާފައި ވާނެ އެވެ. 

"އެ އިސްލާހު ވާނީ މަޖިލީހަށް ފޮނުވާފައި،" ޝަރުވަޝް ވިދާޅުވި އެވެ. 

ކޮތަޅު ޓެކްސް ނަގާ ގޮތް

  •  ގަންނަ ކޮންމެ ކޮތަޅަކުން 2ރ. ސަރުކާރަށް
  •  އިސްތިސްނާ ވާނީ ޑިއުޓީ ފްރީ ފިހާރަ ތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮތަޅު
  •  ބަންދު ނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އަޅާ ކޮތަޅު
  •  ކުނި އަޅާ ޑަސްބިން ކޮތަޅު
  •  ހުރިހާ ވިޔަފާރިތަކުން ކޮތަޅުން ދެ ރުފިޔާ ނަގަން ލާޒިމް

ސަރުކާރުން އެހެން ބުނި ނަމަވެސް މި މައްސަލަ ކުރިމަތިވާނެކަން މާކުރިން ވެސް ސަރުކާރަށް އެނގޭނެ އެވެ. މިހާރު ކޮތަޅު ޓެކްސް ނެގެމުން ދާ ގޮތުން "ޑަބަލް ޓެކްސް" ކިއެއް، "ޓްރިޕްލް ޓެކްސް" ވެސް އެ ދަނީ ނެގެމުންނެވެ. 

ޓެކުހާ ބެހޭ ގާނޫނުގައި "ޑަބަލް ޓެކްސް" ކުރެވޭނެ ހާލަތް ތަކެއް ބަޔާން ކޮށްފައި ވެއެވެ. ނަމަވެސް ކޮތަޅު ޓެކްހުގެ ހާލަތަކީ ޑަބަލް ޓެކްސް އެއްވެސް ގޮތަކުން ކުރެވޭނެ ހާލަތެއް ނޫނެވެ. އެހެންވެ ބައެއް ގާނޫނީ ބޭފުޅުންގެ ނަޒަރުގައި މިހާރު ކޮތަޅުން ޓެކްސް ނެގެމުން އެ ދަނީ ޓެކުހާ ބެހޭ ގާނޫނާ ސީދާ ހިލާފަށެވެ. 

ޑަބަލް ޓެކްސް - ދެ ރުފިޔާއެއް ނޫން ހަ ރުފިޔާ

ކޮތަޅު ޓެކްސް މިހާރު ނަގަމުން ދަނީ "ފެލާލައި" އުސޫލުން ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. މިއީ ސަރުކާރަށް އެނގިހުރެ ގަސްތުގައި ކުރިކަމެއް ކަމަށް ބުނުމުގެ ފުރުސަތު ވެސް އެބައޮތެވެ. މިހާރު މިކަން ކުރާ ގޮތުން ސަރުކާރުގެ ޖީބަށް ކޮންމެ ކޮތަޅަކުން އެ ލަނީ ދެ ރުފިޔާއެއް ނޫނެވެ. 

ކުޑަ މިސާލެކެވެ؛ ކޮތަޅު އެތެރެ ކުރާ ފަރާތްތަކުން 100 ކޮތަޅުގެ ބޮނޑިއެއް އެތެރެ ކުރަނީ 200 ޕަސެންޓް ޑިއުޓީ ދައްކައިގެނެވެ. އެ ފަރާތުން 100 ކޮތަޅުގެ ބޮނޑިއެއް ކުރިން 25ރ. އަށް ވިއްކި ނަމަވެސް މިހާރު އޮތް ކޮންމެ ކޮތަޅަކުން ދެ ރުފިޔާގެ ޓެކުހެއް ދެއްކުމުން ވިއްކާނީ 225ރ. އަށެވެ. އަދި އެ ފަރާތުން އެ ކޮތަޅު ބޮނޑިއަށް އިތުރު ދެ ރުފިޔާލާފައި 450ރ. އަށް ރަށު ތެރޭ ފިހާރަ އިން ގަންނަން ދާ ފަރާތްތަކަށް ވިއްކާލަ އެވެ. އަދި އެ ފިހާރައަށް މުދާ ގަންނަން ދާ އާއްމު މީހާ އަށް ކޮންމެ ކޮތަޅެއް ވިއްކާނީ ދެ ރުފިޔާ އަށެވެ. އެހެންވެ ހަގީގަތަކީ މިހާރު އޮތް ގޮތުން ދައުލަތަށް ހަ ރުފިޔާގެ ނުވަތަ މިއަށްވުރެ ބޮޑު އަދަދެއް ލިބޭނެ އެވެ. އެހެންވެ މިއީ ތިމާވެށީގެ ނިވަލުގައި ތިބެ ސަރުކާރުން ބޮޑު އަދަދަކުން ފައިސާ ހޯދަން ކުރާ ކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އެބައޮތެވެ.  

ސަރުކާރުން ވަނީ ކޮތަޅު ޓެކުސް ނަގައިގެން 50 މިލިއަން ރުފިޔާ ބަޖެޓަށް ލިބޭނެ ކަމަށް އަންދާޒާއެއް ބަޖެޓްގައި ޖަހާފަ އެވެ. މިހާރު އޮތް ގޮތުން އެ އަށްވުރެ ބޮޑު އަދަދެއް ލިބޭނެ އެވެ. އެހެންވެ މިއީ ފައިސާ ހޯދަން ނޫން ދެން ކޮން ކަމެއް ކުރަން ކުރި ކަމެއް ހެއްޔެވެ؟ 

މިއީ ބަޖެޓަށް ފައިސާ ހޯދަން ކޮށްގެން އުޅޭ ކަމެއް ކަމަށް ބުނާ ބުނުމަށް ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ޝަރުވަސް އެއްބަސްވެ ވަޑައެއް ނުގަންނަވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ހަމައެކަނި އާމްދަނީއަށް ވިސްނާނަމަ ކޮތަޅުގެ ޑިއުޓީ މައްޗަށް ޖައްސާލުމުން މާރަނގަޅު ނަތީޖާއެއް ލިބޭނެ އެވެ. އެކަމަކު މި އިސްލާހު ސަރުކާރުން ގެނެސްފައި ވަނީ ތިމާވެއްޓަށް ހެޔޮ އެދިގެނެވެ. 

މައްސަލައަކީ މަޖިލީހުން ރަބަރު އިސްޓޭމްޕް ޖަހާތީ

މައްސަލަ ފުނި ޖެހި ރައްޔިތުން ބިކަވެ އެތައް ބައެއްގެ ނަފުރަތު ސަރުކާރަށް އަމާޒުވި ހަގީގީ އަސްލަކީ ރައްޔިތުން މަޖިލީހުގެ މެންބަރުންނެވެ. މީގައި އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ ސަރުކާރު "މެޑަލް" ޖަހައިގެން ތިބޭ މެންބަރުންނެވެ. މީގެ ކުރިން ގްރީން ޓެކުހުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ތެރޭން ވެސް މިފަދަ "ގަޅިއެއް" އަޅައި އެތައް މިލިއަން ރުފިޔާއެއްގެ އާމްދަނީ ވަނީ ދައުލަތަށް ގެއްލިގެން ގޮސްފަ އެވެ. މަޖިލީހުން ކޮތަޅު ޓެކްސް ނެގޭ ގޮތަށް ކުނި މެނޭޖު ކުރުމުގެ ގާނޫނު ފާސް ކޮށްފައި އޮތީ ސަރުކާރުން ފޮނުވި ގޮތަށް "ރަބަރު ސްޓޭމްޕް" ޖަހާފަ އެވެ. 

ހޯމް މިނިސްޓަރާ ސުވާލު ކުރެއްވި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ)

ކޮތަޅުން ދެ ރުފިޔާގެ ޓެކުސް ނަގަން ހުށަހެޅި އިސްލާހަށް ވޯޓު ނުދެއްވި އެއް މެންބަރު ކަމަށްވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) "މި" ނޫހަށް ވިދާޅުވި ގޮތުގައި މިހާރު ހުރިހާ މައްސަލައެއްގެ އަސްލަކީ ރައްޔިތުން މަޖިލީހެވެ. 

"މިހާރު މި ފެންނަނީ ކޮންމެ އެއްޗެއް ފޮނުވިޔަސް ރަބަރު އިސްޓޭމް ޖަހާތަން. މިއި މައްސަލައަކީ. ހުރިހާ ވެސް ގޯހަކީ މިހާރު މިއީ. މިކަން އިސްލާހު ނުވާހާ ހިނދަކު ހުރިހާ ކަމެއް ދާނީ ގޯހުން ގޯސް ވަމުން. އަޅުގަނޑު މި ބިލަށް ވޯޓު ނުދިނީމަ އިނާޔަތް ކަނޑާލީ. އެކަމަކު ހަމަ ސަރުކާރުން ފޮނުވާހާ ކޮންމެ އެއްޗަކަށް ވޯޓު ދޭން ތިބޭ ބައެއް ނޫން މެންބަރުންނަކީ. އެމީހުން ބުނާހާ ގޮތަކަށް ހަދާކަން ނުޖެހޭ،" ރައީސް މުހައްމަދު ނަޝީދުގެ :ފިކުރެއްގެ ދިރުން" (އެފްޑީ) ފެކްޝަނަށް ނިސްބަތްވެ ވަޑައިގަންވާ މެންބަރު ވިދާޅުވި އެވެ. 

މިހާރު މި ފެންނަނީ ކޮންމެ އެއްޗެއް ފޮނުވިޔަސް ރަބަރު އިސްޓޭމް ޖަހާތަން. މިއި މައްސަލައަކީ. ހުރިހާ ވެސް ގޯހަކީ މިހާރު މިއީ. މިކަން އިސްލާހު ނުވާހާ ހިނދަކު ހުރިހާކަމެއް ދާނީ ގޯހުން ގޯސްވަމުން.

އިބްރާހިމް ރަޝީދު | މާފަންނު މެދު ދާއިރާގެ މެންބަރު

މިކަން ކުރަން ސަރުކާރުން އަވަސް ވެފައި އޮތް މިންވަރަކީ މިކަން އިމްޕްލިމެންޓް ކުރަން ވެސް ހަމަ ނުޖެހޭ ކިތަންމެ ކަމެއް މި ގާނޫނުގައި ހަމަނާފައި އޮތުމެވެ. މިހާރު ކޮތަޅު ޓެކްސް ނަގާ ގޮތުން މި ޓެކްސް ދައްކަން ޖެހެނީ ހަމައެކަނި ޖީއެސްޓީއަށް ރަޖިސްޓަރީ ކޮށްގެން ތިބި ފަރާތްތަކުންނެވެ. މީރާ އިން ކޮތަޅުން ފީ ނަގަނީ ޖީއެސްޓީ ދައްކާ ވިޔަފާރިތަކުން އަތުން އެކަންޏެވެ. އެހެން މީހުން ދެ ރުފިޔާ ނެގިޔަސް އެ ޖީބަށް ޖަހައިގެން ތިބެންވީ އެވެ. މިއީ ހަމަޖެހޭ އުސޫލެއް ހެއްޔެވެ؟ 

ބަޔަކު ދެ ރުފިޔާ ޖީބަށް ޖަހައިގެން ހެވިފައި

ޓެކްސް އިދާރާގެ ތަރުޖަމާނު އަހުމަދު ޝަރީފް "މި" ނޫހަށް ވިދާޅުވި ގޮތުގައި ޖީއެސްޓީއަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ފީ ދެއްކުމުގެ ކަންކަން ބެލުމުގެ ޒިންމާ ގާނޫނުން މީރާއަށް މަތިކޮށްފައެއް ނުވެ އެވެ. 

"މީރާގެ ސްކޯޕުގެ ދަށުން އޮންނާނީ ޖީއެސްޓީއަށް ރަޖިސްޓަރީ ކުރި މީހުން. އެހެން މީހުންގެ އަތުން ފީ ނެގިޔަސް އެ ދައްކާކަށް ނުޖެހޭނެ،" ޝަރީފު ވިދާޅުވި އެވެ. 

އިންފްލޭޝަން މަތިވުމުގެ ބިރު އެބައޮތް

މިހާރުގެ އަމަލު ކުރަމުންދާ ގޮތުން ބޮޑު ތަނުން މިކަން މި އޮތީ ބޭއިންސާފު ކޮށެވެ. މިއީ އެއްވެސް ހަމައެއް އުސޫލެއް، ބެލުމެއް ވެސް ނެތި ހަދާފައިވާ ޓެކްހެކޭ ބުނެވޭން އެބައޮތެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން މަތިވެގެން ދާނެ ކަމަށް އިގްތިސޯދީ މާހިރުން ގަބޫލު ކުރައްވަ އެވެ. 

ރައީސް ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި މިނިސްޓަރު މުނައްވަރު ވިދާޅުވި ގޮތުގައި މި ޓެކްސް ކުރިއަށް ގެންދާނަމަ އިންފްލޭޝަން މަތިވެގެން ދާނެ އެވެ. ބޭރުގެ އެހެން ގައުމުތަކުގައި މިފަދަ ކަންކަން ކުރަނީ ރައްޔިތުންގެ ކިބައިގައި ހުރި ބޭޑްހެބިޓެއެއް ހުއްޓުވުމަށް ނަމަވެސް ރާއްޖޭގައި މިކަން ކުރި ގޮތުން އެކަން ފެންނާކަށް ނެތެވެ. 

ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު

"ޔޫކޭގައި ވެސް ނަގާ ޝުގާގެ ބާވަތްތަކުން ޓެކްސް. އެކަން ކުރުމުގެ ކުރީގައި މީހުން އެވެއާ ކުރީ... ރާއްޖޭގައި އެކަމެއް ނުފެނޭ. ނުކުރޭ،" މުނައްވަރު ވިދާޅުވި އެވެ. 

މިހާރު ކޮތަޅު ޓެކްސް އޮތް ގޮތުން ދަތިވި ނަމަވެސް "ކޮތަޅުން މިންޖުވުމަކީ" ވެސް ކުރަން ޖެހޭ ކަމެކެވެ. ދުނިޔޭގައި ކޮންމެ އަހަރަކު 500 ބިިލިއަނާއި ޓްރިލިއަނަކާ ދެމެދުގެ އަދަދަކަށް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރެ އެވެ. މިއީ މިނެޓަކަށް ބަލާނަމަ މިލިޔަނަކަށްވުރެ ގިނަ ކޮތަޅެކެވެ. މި އަދަދު ސިކުންތަކަށް ބަދަލު ކުރާނަމަ ސިކުންތަކަށް 160،000 ޕްލާސްޓިކް ކޮތަޅު ދުނިޔޭގައި ބޭނުން ކުރެ އެވެ. މީގެ ތެރެއިން 10 ޕަސެންޓް ޕްލާސްޓިކް ކޮތަޅު އުކާލަނީ ކަނޑަށެވެ. 

8 އަހަރުން ރާއްޖެއަށް 600 މިލިއަން ކޮތަޅު

ރާއްޖެއަށް އަށް އަހަރު ކޮތަޅު އެެތެރެ ކުރި އަދަދާއި ލިބުނު އާމްދަނީ

ކަސްޓަމްސް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ވޭތުވެދިޔަ އަށް އަހަރު ތެރޭ ރާއްޖެއަށް ޖުމްލަ 600 މިލިއަންވުރެ ގިނަ ކޮތަޅު އެތެރެ ކޮށްފައިވެ އެވެ. މިއީ ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކަށް ގާތްގަނޑަކަށް 1،200 ކޮތަޅެވެ. އަދި އަށް އަހަރު ތެރޭ  ކޮތަޅުން ދައުލަތަށް 126 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ލިބިފަ އެވެ. ކޮތަޅު އެތެރެ ކުރަން ޖުމްލަ 245 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަ ކޮށްފަ އެވެ. 

މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އެކަނި ބެލި ނަމަވެސް 74 މިލިއަނަށްވުރެ ގިނަ ކޮތަޅު ވަނީ ރާއްޖެއަށް އެތެރެކޮށްފައި އެވެ. ކޮތަޅުގެ ބޮޑުބައެއް ފެންނަނީ މޫދުންނެވެ. މޫދަކީ ރާއްޖޭގެ އިގްތިސޯދާ ސީދާ ގޮތުން ގުޅިފައިވާ އެންމެ ފުން ހަޒާނާއެވެ. އެހެންވެ ކޮންމެވެސް ގޮތަކުން މި ކޮތަޅު މަދު ކުރަން ޖެހެ އެވެ. 

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް "މި" ނޫހަށް ވިދާޅުވި ގޮތުގައި މި ބަދަލަކީ ކޮންމެހެން ވެސް ރާއްޖެއަށް ބޭނުންވާ ބަދަލެކެވެ.  

"މީގެ މައިގަނޑު ބޭނުމަކީ ކޮތަޅު އަގު ބޮޑުވެގެން ގޮސް ވެސް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލުން. ތިމާވެއްޓާ ރަހުމަތްތެރި ކޮތަޅަށް ދިއުން،" ނައީމް ވިދާޅުވި އެވެ. 

މައިގަނޑު ބޭނުމަކީ ކޮތަޅު އަގު ބޮޑުވެގެން ގޮސް ވެސް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލުން. ތިމާވެއްޓާ ރަހުމަތްތެރި ކޮތަޅަށް ދިއުން

އިބްރާހީމް ނައީމް | އީޕީއޭގެ ޑިރެކްޓަރު

ރާއްޖޭގެ އެންމެ ބޮޑު ރީޓެއިލް ޗެއިން ރެޑްވޭވްގެ މެނޭޖަރު، އަލީ ޝަހީމް (އައްޔު) ވިދާޅުވި ގޮތުގައި އެ ކުންފުނިން މަހަކު ހަމައެކަނި ކޮތަޅަށް 600،000ރ. އަށްވުރެ ބޮޑު އަދަދެއް ހޭދަ ކުރާއިރު މިހާރު މިކަން ކުރާ ގޮތުން މިކަން ކުރުމުގެ މަގުސަދު ސާފެއް ނުވެ އެވެ. ޕްލާސްޓިކް ކޮތަޅު ނުގަނެވެސް ރެޑްވޭވުން ވިޔަފާރި ކުރެވޭނެ އޮޕްޝަން އެ ކުންފުނިން ދަނީ ދެމުންނެވެ. 

"އަޅުގަނޑުމެން ކަސްޓަމަރުންނަށް މިދޭ ކޮތަޅު ވަރުގަދަ ވާނެ. މިހާރު ކަސްޓަމަރުން އެބަޖެހޭ އެ ކޮތަޅު ހިފައިގެން އަންނަން ވިޔަފާރި ކުރަން، އެ ބޭނުން ކުރެވޭނެ އެތައް ފަހަރު. އޭރުން  ކޮތަޅަށް ދެ ރުފިޔާ ނުދީ ވާނެ. މިހެން ބުންޏަސް މަސްފަދަ ދިޔަ ފައިބާ އެއްޗިހި އަޅަން ހަމަ ޖެހޭނީ ޕްލާސްޓިކް ކޮތަޅަށް،" އައްޔު ވިދާޅުވި އެވެ. 

ގޯސް ތަކެއް ހަދައިގެން ނަމަވެސް ފެށިފައި އެވަނީ ރަނގަޅު ފެށުމެކެވެ. އެކަމަކު މިކަން އިތުރަށް ސަރުކާރުން ސާފު ކޮށްދޭން ޖެހެ އެވެ. އަސްލު މަގުސަދު ބުނެދޭން ޖެހެ އެވެ. މިހާރު ކޮތަޅު ޓެކްސް ނަގަމުންދާ ގޮތުން ރައްޔިތުންނަށް ބޮޑު ތަކުލީފެއް ކުރިމަތިވާނެ އެވެ. މިހާރު ފެންނަނީ ރައްޔިތުން ކޮތަޅަށް ލާފަ ސަރުކާރުން ކޮތަޅު ފައިދާ ނަގަން ހިފާފައިވާ ތަނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.