ކޮލަމް

ފިކުރީގެ ކޮލަމް: އުމުރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުން

އުމުރު ފާއިތުވެގެން ނުދަނީސް ހެޔޮ ޢަމަލު ކުރުން މަތީގައި ދެމިހުންނާށެވެ. އާޚިރަތުގައި ފައިދާ އެއްކުރާނީ ކުރި ހެޔޮ ޢަމަލުކުން އެކަންޏެވެ.

ރޯދައިގެ އަޅުކަމަކީ ނަފްސު އިޞްލާޙު ކުރުމަށްޓަކައި ލައްވާފައިވާ މަތިވެރި އަޅުކަމެކެވެ. ތެދުވެރި އިޚްލާޞްތެރި އަޅުތަކުންނަށް މި މައްސަރުގެ ޢިބްރަތްކާއި، ހަނދާންކޮށްދިނުންތަކަކީ އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ހެޔޮކަމުގެ މަތީގައި ދެމިހުރުމަށް ލިބޭ ތަމްރީނެކެވެ. 

މި މައްސަރު ނިމިދިޔުމުގެ ކުރީން ކޮންމެ މުސްލިމަކުވެސް އޭނާގެ ނަފްސު އިޞްލާޙުކޮށް، ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނާންޖެހޭނެއެވެ.

ރޯދަމަސް އަޅުގަނޑުމެންނާ ވަކިވުމުގެ ވަގުތު ކުޑަތަންވެފައިވާއިރު، މި މައްސަރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާފައިވާ މީހުންނަށް އުފާވެރިކަން ހުއްޓެވެ. މި މަހާ ބައްދަލުވެ، މި މައްސަރުގެ ހެޔޮކަމަށް ފުރަގަސްދީފި މީހަކަށްވުރެ ބޮޑު އަބާއްޖަވެރިއަކު ނުވެއެވެ. ހެޔޮކަމުން މަޙުރޫމުވެފައިވާ މީހަކު މެނުވީ، މި މައްސަރާ ބައްދަލުވެ، އޭނާގެ ޢަމަލުތައް އިޞްލާޙު ނުކޮށްހުރެ މަސް ނިގިން ދިޔަ ނުދޭނެއެވެ.

އިންސާނާގެ ޢުމުރަކީ އެފަދަ އެއްޗެކެވެ. ރޯދަމަސް އައިސް އަޅުގަނޑުމެންނާ ބައްދަލުކޮށްފައި ދާފަދައިން، އުމުރުވެސް ފާއިތުވެގެން ހިނގައިދާނެކަން ހަނދާން ކުރާށެވެ.

ކޮންމެ މަހެއް ފެށޭކަން އިޢުލާނު ކުރަމުން އަންނަ ހުޅަވިހަނދު ދައްކައިދެނީ އެފަދަ މިސާލެކެވެ. ކުޑަކުޑަ ރޮދިފަށެއް ފަދައިން އުޑުމަތީގައި ހުންނަ ހަނދު، ބޮޑުވަމުންގޮސް، އޭގެ އަލިކަން ފުރިހަމަވެސް މުޅި އުޑު ދިއްލާއި، ސާދަވިލޭރޭގެ ހަނދެއްގެ އަލިކަން ދިނުމަށްފަހު، އުނިވަމުން، ކުޑަވަމުން ގޮސް، ކަޅުފޮއެ ގރޭތަކެއްގެ އަނދިރިމަށް ބަދަލުވެގެން ދެއެވެ. އިންސާނާ މިދުނިޔޭގައި ހޭދަކުރާ ވަގުތުތަކަކީވެސް އެފަދައިން ނިމިގެންދާ ދުވަސްތަކެކެވެ. ޅަފަތުގެ އާރެއް ބާރެއް ނެތް ތުއްތު ކުއްޖެ ކަމުގައިވެފައި، ޒުވާންކަމުގެ ޖޯޝާއި ބާރުޖެހިފައިވާ ދުވަސަތަކަށްފަހު، ދެން އަންނެއްކާވެސް، މުސްކުޅިވެ ގައިބާރުނެތި، އެހެންމީހުންގެ އެހީއަށް ޖެހިފައިވާ ދުވަސްތަކެއް ދެކެއެވެ.
މާތް ﷲ ދުނިޔޭގެ ދިރިއުޅުމުގެ މިސާލު ޖައްސަވާފައިވަނީ އުޑުންވޭ ވާރޭ ފެނުގެ މިސާލުންނެވެ. ﴿إِنَّمَا مَثَلُ الْحَيَاةِ الدُّنْيَا كَمَاء أَنزَلْنَاهُ مِنَ السَّمَاءِ فَاخْتَلَطَ بِهِ نَبَاتُ الأَرْضِ مِمَّا يَأْكُلُ النَّاسُ وَالأَنْعَامُ حَتَّىَ إِذَا أَخَذَتِ الأَرْضُ زُخْرُفَهَا وَازَّيَّنَتْ وَظَنَّ أَهْلُهَا أَنَّهُمْ قَادِرُونَ عَلَيْهَا أَتَاهَا أَمْرُنَا لَيْلاً أَوْ نَهَاراً فَجَعَلْنَاهَا حَصِيداً كَأَن لَّمْ تَغْنَ بِالأَمْسِ كَذَلِكَ نُفَصِّلُ الآيَاتِ لِقَوْمٍ يَتَفَكَّرُونَ﴾ (يونس 24) މާނައި: "ދުނިޔޭގެ ދިރިއުޅުމުގެ މިސާލު ވާކަން ކަށަވަރީ، ތިމަންރަސްކަލާނގެ އުޑުން ވެއްސެވި ފެނެއްގެ މިސާލު ކަމުގައެވެ. ފަހެ، އިންސާނުންނާއި، ނަޢަމް ސޫފި ކައިއުޅޭ ބާވަތްތަކުގެ ތެރެއިން ބިމުގެ ގަސްގަހާގެހި، އެ ވާރޭފެނާއެކުވެ، އެންމެފަހުން އެ ބިމަށް ރީތިކަމާއި، އާރޯކަންލިބި (މާމެލާމެއްޔާއި މޭވާތަކުން) ޒީނަތްތެރިވެ، އެ ބިމުގެ އަހުލުވެރިން އެ ތަކެތީގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެންވާކަމަށް ހީކޮށްގެން ތިއްބައި (އެތަކެތި ހަލާކުވެދިއުމަށް) ރޭގަނޑެއްގައި، ނުވަތަ ދުވާލެއްގައި، ތިމަންރަސްކަލާނގެ އަމުރުފުޅު އައެވެ. ފަހެ، އެހިނދު ކޮށާލައިފައިވާ ގޮވާންތަކެއް ފަދައިން، ތިމަންރަސްކަލާނގެ އެތަކެތި ލެއްވީމެވެ. އެތަކެތި އިއްޔެ ނުވެސް ނެތްކަހަލައެވެ. ފިކުރުކުރާ ބަޔަކަށް، ތިމަންރަސްކަލާނގެ އާޔަތްތައް ތަފްސީލު ކޮށްދެއްވަނީ އެފަދައިންނެވެ."

ދުނިޔޭގެ ވަގުތުތައް ޣާފިލުކަމުގައި ނަގާލައި، އުރެދުނު މީހުން، މާތް ﷲ ގެ ޢަޒާބާ ބައްދަލުވާހިނދު، ހެޔޮ ޢަމަލު ކުރުމަށް އަލުން ދުނިޔެއަށް ފޮނުވުން އެދި ގޮވާނޭކަމުގައި ކީރިތު ޤުރްއާނުގައި ވަނީ ޚަބަރު ދެއްވާފައެވެ. ވަޙީކުރައްވާފައިވެއެވެ. ﴿ يَوْمَئِذٍ يَتَذَكَّرُ الْإِنْسَانُ وَأَنَّى لَهُ الذِّكْرَى * يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي ﴾ (الفجر 23 – 24) މާނައީ: "އެދުވަހުން އިންސާނާ ހަނދުމަކުރާނެތެވެ. އެ ހަނދާންކުރުމަކުން އޭނާޔަށް ފައިދާއެއްކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ * އެދުވަހުން އޭނާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ އާޚިރަތުގެ ޙަޔާތަށްޓަކައި ހެޔޮ ޢަމަލެއް ކުރެވުނުނަމަ ކިހާރަނގަޅުވީސް ހެއްޔެވެ؟"

ހެޔޮ ޢަލުތަކެއް ކޮށްފައި ނުވާނަމަ، އިންސާނާގެ ޢުމުރުގެ އެއްވެސް ފައިދާއެއް ނެތެވެ. ޤިޔާމަތް ދުވަހުގައި ހެޔޮކަމުގެ ތިލަފަތް ބަރުވެއްޖެ މީހާއަކީ ކާމިޔާބުވެއްޖެ މީހެކެވެ. އަދި އެމީހެއްގެ ހެޔޮކަމުގެ ތިލަފަތް ލުއިވެއްޖެ މީހއަކީ ގެއްލެނިވެ ހަލާކުވެއްޖެ މީހެކެވެ. މާތް ﷲ އަށް ކިޔަމަންގަނެ، ތަޤުވާވެރިވީ މީސްތަކުންނަށް ހަނދުމަކޮށްދެއްވަމުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنْظُرْ نَفْسٌ مَا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ ﴾ (الحشر 18) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! އަދި ކޮންމެ ނަފްސެއްމެ، މާދަމައަށްޓަކައި ކޮށްފައިވާ ޢަމަލެއް ބަލައިފާހުށިކަމެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
މީހަކު އައިސް ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! އެންމެ ހެޔޮވެގެންވާ މީހަކީ ކޮބައިހެއްޔެވެ؟" ޙަދީޘްކުރެއްވިއެވެ. «مَنْ طَالَ عُمُرُهُ، وَحَسُنَ عَمَلُهُ» "އެމީހަކަށް ދިގު އުމުރެއް ދެއްވުމުން، ހެޔޮ ޢަމަލުތަކެއް ކޮށްފައިވާ މީހާއެވެ." އެހިނދު އޭނާ ދެންނެވިއެވެ. "މީސްތަކުންގެ ތެރެއިން އެންމެ ނުބައި މީހަކީ ކޮބައިހެއްޔެވެ؟" ޙަދީޘް ކުރެއްވިއެވެ. «مَنْ طَالَ عُمُرُهُ وَسَاءَ عَمَلُهُ» "އެމީހަކަށް ދިގު އުމުރެއް ދެއްވުމުން، ނުބައި ޢަމަލުތަކެއް ކޮށްފައިވާ މީހާއެވެ." (ރިވާކުރެއްވީ އަލްއިމާމުއް ތިރްމިޒީއެވެ.)

އުމުރު ފާއިތުވެގެން ނުދަނީސް ހެޔޮ ޢަމަލު ކުރުން މަތީގައި ދެމިހުންނާށެވެ. އާޚިރަތުގައި ފައިދާ އެއްކުރާނީ ކުރި ހެޔޮ ޢަމަލުކުން އެކަންޏެވެ.    

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.