ބްލޮކް ކުރަން އެދޭ ނަމްބަރުތައް ބްލޮކް ކުރުން ލަސްވެ ފުލުހުންނާ މައުލޫމާތު ހިއްސާ ނުކުރާ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ. އަދި މިކަމުގައި ދިރާގާއި އުރީދޫ ޖަވާބުދާރީ ކުރުވަން އެ މިނިސްޓްރީން އެދިފައިވެ އެވެ.
މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް މާފުށީ ޖަލުގައި ތިބޭ ކުށްވެރިން ކުރާ / ހިންގާ ކުށްތައް ހުއްޓުވުމުގެ ގޮތުން އެ ޖަލުގައި ކުށްވެރިން ބޭނުން ކުރަމުން ދިޔަ 400 އަށްވުރެ ގިނަ ނަމްބަރު މި އަހަރު ބްލޮކް ކުރި ނަވެސް އެއްކުރާ މައުލޫމާތު އުރީދޫ އާއި ދިރާގުން ހިއްސާ ނުކުރާ މައްސަލައެއް ފެންމަތި ކޮށްފި އެވެ.
މާފުށީ ޖަލުގައި ތިބޭ ކުށްވެރިން އެތަނުގައި ތިބެ ފޯނު މެދުވެރިކޮށް ކުރާ ކުށްތައް ނުހުއްޓުވޭ ސަބަބުތައް ހޯދަން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ އަށް ލިޔުމުން ހުށަހެޅި ސުވާލުގެ ޖަވާބުގައި ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުން ޖަލުން ކުރާ ކުއްތައް ހުއްޓުވުމުގެ ގޮތުން ކަރެކްޝަނާއި ފުލުހުން އަދި ކޮމިއުނިކޭޝަން އޮތޯރިޓީ (ކޭމް) ގުޅިގެން ކުރި މަސައްކަތުން ޖަލު ސަރަހައްދުގައި އެންޓަނާއެއް ހަރު ކޮށްފައިވާ ކަމަށެވެ. އަދި އެ އެންޓަނާ އިން ޖަލު ސަރަހައްދުގައި ފޯނު މެެދުވެރިކޮށް ކުރާ މުއާމަލާތްތައް ޖަމާ ކުރި ނަމަވެސް އެ މައުލޫމާތުތައް ލިބެނީ، މުއާސަލާތީ ހިދުމަތް ދޭގޮތުން ރައްޔިތުންގެ ޝަކުވާތައް ވަރަށް ބޮޑަށް އޮންނަ ދިރާގާއި އުރީދޫގެ ސާވާ ތަކަށް ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެންޓަނާ ހަރުކޮށްގެން ބަލަމުން ދާއިރު ޖަލުގައި ބޭނުން ކުރާ މުވައްޒަފުންގެ ނަމްބަރުތަކާއި އެހެނިހެން ނަމްބަރުތައް ވަކި ކުރަން ކަރެންޝަން ސާވިސްގެ މުވައްޒަފުން ބޭނުން ކުރާ ނަމްބަރުތަކާއި ފޯނުގެ އެހެނިހެން ހުރިހާ މައުލޫމާތު ފުލުހުންގެ ހިދުމަތާ ހިއްސާ ކުރެ އެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި މައުލޫމާތު އެއް ކުރަމުން ދިޔަ ނަމަވެސް މިގޮތަށް އެއްކުރާ މައުލޫމާތު ފޯނުގެ ކޯލް ރެކޯޑްތަކުގެ ފުރިހަމަ މައުލޫމާތު ދިރާގާއި އުރީދޫން ފުލުހުންނާ ހިއްސާއެއް ނުކުރެ އެވެ.
"... މި މައުލޫމާތު ރައްކާކޮށްފައި ހުންނަނީ އުރީދޫ އާއި ދިރާގުން މި ފަރާތްތަކުން ކޯލް ރެކޯޑްތަކުގެ ފުރިހަމަ މައުލޫމާތު ފުލުހުންނާ ހިއްސާއެއް ނުކުރެ އެވެ. އަދި ފޯރުކޮށްދޭ މައުލޫމާތު އެކި ފޯމެޓްތަކުގައި ހުރުމުގެ ސަބަބުން އެކަމުގައި ގިނަ ގޮންޖެހުންތަކާ ދަނީ ކުރިމަތިވަމުންނެވެ،" އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ޖަވާބުގައިވާ ގޮތުން ހިދުމަތް ދޭ ގޮތުން ރައްޔިތުންގެ ޝަކުވާ ބޮޑު އުރީދޫ އާއި ދިރާގު ފަދަ އޮޕަރޭޓަރުން އެއްކުރާ މައުލޫމާތު ދިނުން ލާޒިމްވާ ގާނޫނެއް އޮންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވަ އެވެ.
"މީގެ އިތުރުން ވެސް ހިދުމަތް މެދުކަނޑާލަން އެދޭ ބައެއް ނަމްބަރުތަކުގެ ހިދުމަތް މެދުކަނޑާލުން ލަސްވުމާއި އެއްބައެއްގެ ނަމުގައި ގިނަ ނަމްބަރުތަކެއް ހުރުމާއި ގިނަ ސިމް ދޫކޮށްފައި ހުރުމާއި ބިދޭސީން ޕާސްޕޯޓުން ސިމް ނެގުމާއި އެއްވެސް ވަރަކަށް ރަޖިސްޓްރީ ނުކުރާ ސިމް ބޭނުން ކުރަމުން ދިއުމަކީ ކަންބޮޑުވާ ކަމެކެވެ. މިކަންކަމާ ގުޅިގެން ސާވިސް ޕްރޮވައިޑަރުން ޖަވާބުދާރީ ކުރަން ކޭމްއިން މަސައްކަތް ކުރަން ޖެހެ އެވެ،" ހޯމް މިނިސްޓަރުގެ ޖަވާބުގައިވެ އެވެ.
ޖަލުގައި ތިބޭ ކުއްވެރިން މުއާމަލާތީ ވަސީތްތައް މެދުވެރިކޮށް ހިންގާ ކުއްތަކުގެ ސަބަބުން އެތައް މިލިއަން ރުފިޔާއެއް ރައްޔިތުންގެ އަތުން ވަނީ ގެއްލިފަ އެވެ. އަދި މިކަން ހުއްޓުވަން މުއައްސަސާތައް މިހާތަނަށް ވަނީ ބޮޑުތަކުން ފެއިލްވެފަ އެވެ.