ކޮލަމް

ފިކުރީގެ ކޮލަމް: ލައިލަތުލް ގަދްރި ވިލޭރެއަކީ ކޮބާ؟

އެރޭގައި ޖެހޭ ވައިރޯޅި މަޑުވެ ހަމަހިމޭންވެގެންވެއެވެ. ގަދަފަދަ ރޯޅިތަކާއި ވައިގަދަވުމެއް އެރެއަކު ނުވެއެވެ. އެރޭގެ ޖައްވު އޮންނާނީ ވަރަށް މުނާސަބު ޙާލަތެއްގައެވެ.

ރޯދަމަހުގެ ހަތާވީސް ވިލޭރެއަކީ ގިނަ ބަޔަކު އަޅުކަމުގައި މަޝްޣޫލުވެ، ފަރުވާތެރިވާ ރެއެކެވެ. އަދި އެރެޔަކީ ލައިލަތުލް ޤަދްރި ވިލޭރޭކަމުގައި ވުމުގެ ފުރުޞަޠު އޮންނަ ރެއެކެވެ. 

ނަމަވެސް ލައިލަތުލް ޤަދްރި ވިލޭރެއަކީ ކަނޑައެޅިގެން ކޮން ރެއެއްކަން ނޭނގޭނޭކަން ޞައްޙަ ޙަދީޘްތަކުން ސާބިތުވެއެވެ.

އެހެނީ މާތް ނަބިއްޔާ صلى الله عليه وسلم އަށް، އެއީ ކޮން ރެއެއްކަން އެންގެވުމަށްފަހު، އިތުރު އެކަލޭގެފާނު ހަނދުމަފުޅުނެތިވަޑައިގަތީކަމުގައި ޙަދީޘް ކުރައްވާފައި ވެއެވެ. 

އެއަށްފަހު، އެރޭ ވަނީ ފަހު ދިހައެއްގެ ރޭތަކުގެ ތެރެއިން ކޮންމެވެސް ރެއެއްގައި ކަމުގައިވެސް ވަނީ ޙަދީޘް ކުރައްވާފައެވެ.

މާތް ޞަޙާބީންނާއި އުއްމަތުގެ ދަންނަ ބޭކަލުންގެ އަރިހުން ލައިލަތުލް ޤަދްރި ވިލޭރޭއާ ބެހޭގޮތުން އެތައް ވާހަކަތަކެއް ވަނީ ބަޔާންވެފައެވެ. އެގޮތުން ލައިލަތުލް ޤަދްރި ވިލޭރޭގެ ޢަލާމާތްތަކެއް ވާކަމުގައިވެސް އެބޭކަލުން ވިދާޅުވެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ އެރޭގައި ފެންނަ ކަންކަން ކަމާއި، އަދި ބައެއް ކަންކަމަކީ އެރޭ ނިމޭހިނދު ފެންނާނޭ ކަންކަން ކަމުގައިވެސް ވިދާޅުވެއެވެ.

الشيخ ابن عثيمين އައްޝައިޚު އިބްނު ޢުޘައިމީން رحمه الله ލައިލަތުލް ޤަދްރިވިލޭރޭގެ ޢަލާމަތްތަކާއި ބެހޭގޮތުން ވިދާޅުވެފައިވާ ވާހަކަތަކުގެ ތެރެއިން އަންނަނިވި ކަންތައްތައް ފާހަގަކޮށްލާނަމެވެ.

* އެރޭގެ އަލިކަން ގަދަވެގެންވެއެވެ. މިޒަމާނުގައި އަލިކޮށް ދިއްލާފައި ހުންނަ ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް މި ޢަލާމާތް ދެނެގަތުން ފަސޭހައެއް ނުވާނެއެވެ. މި އަލިކަން އިޙްސާސްވާނީ އަލިކަމާއި ދުރު ހިސާބުތަކުގައި އުޅޭ މީސްތަކުންނަށެވެ.

* ހިތްހަމަޖެހުމާއި މުއުމިނުތަކުންގެ ހިތްތައް انشراح ވުން އެރޭގައި ހިމެނެއެވެ. އެބަހީ އެހެން ރޭތަކުގައި އިޙްސާސް ނުވާފަދަ ހިތް ހަމަޖެހުމެއް އެރޭ އިޙްސާސްވާނެއެވެ. އަދި ހިތުގެ ނުތަނަވަސްކަން ފިލައި ހިތްތަނަވަސްވުން އެރޭ ލިބިގެންދާނެއެވެ.

* އެރޭގައި ޖެހޭ ވައިރޯޅި މަޑުވެ ހަމަހިމޭންވެގެންވެއެވެ. ގަދަފަދަ ރޯޅިތަކާއި ވައިގަދަވުމެއް އެރެއަކު ނުވެއެވެ. އެރޭގެ ޖައްވު އޮންނާނީ ވަރަށް މުނާސަބު ޙާލަތެއްގައެވެ.

* މުއުމިނުތަކުންނަށް އެރޭގެ ރޭއަޅުކަމުގެ ލައްޒަތާއި މީރުކަން އިޙްސާސްވުން އެހެން ރޭތަކަށްވުރެ އިތުރުވެގެންވެއެވެ.
އެރޭ ނިމިގެންދާހިނދު ފެންނަ ބައެއް ޢަލާމާތްތައް
އެރޭގެ ފަތިހު އިރުއަރާއިރު ދޯދިތަކެއް ނުހުންނާނެއެވެ. އެބަހީ އިރު އެރުމުގެ ކުރީގައި އާންމު ގޮތެއްގައި އުދަރެހައް ފާއްދާލާފައި ހުންނަ ދޯދިތައް އެރެއަކު ނުހުންނާނެއެވެ. ޞަޙީޙު މުސްލިމްގައި ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "އެރޭގެ (ހެނދުނުވުމުން) އިރުއަރާހިނދު އޭގައި ދޯދިތަކެއް ނުހުންނާނެއެވެ."

މިފަދަ ޢަލާމާތްތަކެއް އެރޭގައި ހިމެނިގެންވިއެއްކަމަކު މިކަންކަން ބަލައި ދެނެގަތުމަށް މަސައްކަތް ކުރުމަކީ ޙަޤީޤަތުގައި އެރޭގެ ހެޔޮ ޢަމަލުކުރުމަށް ލިބޭ ފުރުޞަތުން މަޙުރޫމު ކުރުވަނިވި ކަމަކަށްވުން އެކަށީގެންވެއެވެ.

ވީމާ، ލައިލަތުލް ޤަދްރި ވިލޭރޭގެ މާތްކަން އެދޭމީހާ، އެދެވިގެންވަނީ ރަމަޟާންމަހުގެ ފަހުދިހައެއްގެ ރޭތަކުގައި ހެޔޮ ޢަމަލު ކުރުމުގައި ދެމިހުރުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.