ކޮލަމް

ފިކުރީގެ ކޮލަމް: މަރުވުމަށްފަހު ފައިދާ ކުރަނިވި ހެޔޮ ޢަމަލުތައް

އެއްވެސް ފުރާނައެއްގެ އަޖަލު ހަމަވުމަށްފަހު ދެން އަލުން ދުނިޔެއަށް އަނބުރާ ފޮނުއްވުމެއް ނުވެއެވެ. މިއީ ﷲ ތަޢާލާ ކަނޑައަޅުވާފައިވާ ގޮތެވެ. ދެން އޭނާގެ ކުރިމަތީގައި އޮތީ ބަރުޒަޚުގެ ޢާލަމެވެ.

ކޮންމެ މީހަކުވެސް ގާތަށް މަރު އައުމުން އޮންނަނީ އެދެވޭ އެންމެ އެދުމެކެވެ. ކޮންމެ މީހަކުވެސް މިދުނިޔެއާ ވަކިވާހިނދު އެދެވޭ އެންމެ ފަހު އެދުމަކީ އެއީ އެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އެއުރެންކުރެ މީހެއްގެ ގާތަށް މަރު އަތުވެއްޖައުމަން ދާނދެނެވެ. އެހިނދު އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ (ދުނިޔޭގެ ޙަޔާތަށް) އަލުން އަނބުރައި ފޮނުއްވާނދޭވެ!" (އަލްމުއުމިނޫނު 99) 

އެއްވެސް ފުރާނައެއްގެ އަޖަލު ހަމަވުމަށްފަހު ދެން އަލުން ދުނިޔެއަށް އަނބުރާ ފޮނުއްވުމެއް ނުވެއެވެ. މިއީ ﷲ ތަޢާލާ ކަނޑައަޅުވާފައިވާ ގޮތެވެ. ދެން އޭނާގެ ކުރިމަތީގައި އޮތީ ބަރުޒަޚުގެ ޢާލަމެވެ. އަދި އެއަށްފަހު، ޤިޔާމަތްދުވަހު އޭނާކުރި ޢަމަލުތަކާ ކުރިމަތިލުމެވެ.

އިންސާނާ މިދުނިޔޭގައި ހޭދަ ކުރާ މަދު ދުވަސްކޮޅުގައި އޭނާ ކުރާ ހެޔޮ ޢަމަލަކުން މެނުވީ އާޚިރަތުގައި އޭނާއަށް ފައިދާ ކުރާނޭ އެއްވެސް ކަމެއް ނެތެވެ. ނަމަވެސް ދުނިޔެ ދޫކުރުމަށްފަހުވެސް ހެޔޮކަން އިތުރުވަނިވި ބައެއް ކަންކަން ޙަދީޘްތަކުގައިވަނީ ބަޔާންކޮށްދެއްވާފައެވެ. މިފަދަ ބަސްފުޅުތަކުގެ ތެރޭގައި އަންނަނި ޙަދީޘްފުޅު ހިމެނެއެވެ. އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "إِذَا مَاتَ الْإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلَّا مِنْ ثَلَاثَةٍ: إِلَّا مِنْ صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ" (رَوَاهُ مُسْلِمٌ) މާނައީ: "އިންސާނާ މަރުވެއްޖެއްޔާ، ތިންކަމެއް މެނުވީ އޭނާގެ ހުރިހާ ޢަމަލެއް މެދުކެނޑެއެވެ. މެދުނުކެނޑޭ ތިންކަމަކީ އޭނާ ކޮށްފައިވާ ދެމިގެންދާ ޞަދަޤާތާއި، އޭނާ ދޫކޮށްފައިވާ މަންފާ ކުރަނިވި ޢިލްމާއި، އޭނާއަށް ހެޔޮ ދުޢާ ކުރާނޭ ޞާލިޙު ދަރިއެކެވެ."

މި ޙަދީޘުން އެތައް ފައިދާތަކެއް ލިބެއެވެ.

އެކެއް: މަރުވުމަށްފަހުގައިވެސް ދެމިގެން ދާގޮތުގައި ސަވާބުލިބެނިވި ޢަމަލުތަކެއް ލައްވާފައިވުމީ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް ލައްވާފައިވާ ވަރަށް ބޮޑު ރަޙުމަތެކެވެ. އޭނާއަށް އެކަންކަމުގެ ސަބަބުން ޢަޛާބު ލުއިވެ، ދަރުމަ އިތުރު ކުރައްވައެވެ. އަދި އޭނާގެ ދަރަޖަ އުފުއްލަވައި މަތިކުރައްވައެވެ. 

ވީމާ ކޮންމެ މުސްލިމަކުވެސް އޭނާ މަރުވުމަށްފަހުގައިވެސް ދަރުމަޔާ ސަވާބު ލިބެނިވި ހެޔޮ ޢަމަލުތަކުގެ ތެރެއިން ކަންތައްތަކެއް ކުރުމަށް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ. އެހެނީ އޭނާ ކައްވަޅުގައިވާހިނދު އެންމެ ބޮޑަށް ބޭނުން ޖެހިފައިވަނީ އޭނާގެ ދަރުމަޔާއި ސަވާބު އިތުރުވާނޭ ކަމަކަށެވެ.
ބައެއް އެހެން ރިވާޔަތްތަކުގައި ވާރިދުވެފައިވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "މުއުމިނަކު މަރުވުމަށްފަހުވެސް އޭނާ ކުޅަ ޢަމަލުގެ ސަވާބު ލިބިލިބި ހުންނަ ކަންތައްތަކަކީ؛ އޭނާ އުގަންނައިދީފައި ނުވަތަ ފަތުރާފައިވާ ޢިލްމުގެ ދަރުމަޔާއި، ދުނިޔޭގައި ތިބި އޭނާގެ ޞާލިޙު ދަރީންގެ ދުޢާއާއި، އޭނާގެ ފަރާތުން ވާރުތަވި މުޞްޙަފަކާއި، ނުވަތަ އޭނާ ބިނާކުރި މިސްކިތަކާއި، ނުވަތަ ދަތުރުވެރީންނަށްޓަކައި އޭނާ ބިނާކުރި މެހެމާނު ޚާނާއަކާއި، ނުވަތަ އޭނާ ކޮނެފައިވާ ފެންކޯރަކާއި، ނޫނީ އޭނާ ޞިއްޙަތު ސަލާމަތުންހުރެ އޭނާގެ މުދަލުން ކޮށްފައިވާ (ދެމިގެންދާ) ޞަދަޤާތެވެ." (ރިވާކުރެއްވީ އިބްނު މާޖާ)

ދޭއް: މަރުވުމަށްފަހުވެސް ދަރުމަޔާއި ސަވާބު ދެމިހުންނަނިވި ހެޔޮ ޢަމަލު ކުރުމަށް މި ޙަދީޘްގައި ބާރުއަޅައެވެ. އެފަދަ ހެޔޮ ޢަމަލުތަކުގެ ތެރޭގައި، ދެމިގެންދާ ޞަދަޤާތް ހިމެނެއެވެ. އޭގެ މިސާލަކީ މާތް ﷲ ގެ މަގުގައި ވަގުފުކޮށްފައިވާ ކޮންމެ އެއްޗެކެވެ. ވަގުފު ކުރުމަކީ އެމުދަލުގެ މިލްކުވެރިކަން އެއްވެސް މީހަކަށް ނުލިބޭނޭހޭ މާތް ﷲ ގެ މަގުގައި އެމުދާ ދޫކޮށްލުމެވެ. އެފަދަ މުދަލަކީ ގެއެއް ކަމުގައިވެސް ވެދާނެއެވެ. ނުވަތަ ސްކޫލެއް ކަމުގައިވެސް ވެދާނެއެވެ. ނޫނީ ޔަތީމު ޚާނާއެއް ކަމުގައިވެސް ވެދާނެއެވެ. ބޭނުން ޖެހިފައިވާ ނިކަމެތިންނާއި ފަގީރުން އެތަންތަނުގެ ބޭނުން ހިފުމަކީ، އެ ހޭދަކުރި މީހަކަށް އެކަމުގެ ދަރުމަ ދެއްވާ ކަމެކެވެ.

މިސްކިތްތަކަށް ހަދިޔާކުރާ ނަމާދުކުރާ މުޞްޙަފާއި، ދީނީ ފޮތްތަކާއި ނަމާދުކުރާ ގޮނޑިފަދަ ތަކެތިވެސް ހިމެނެނީ އެފަދަ ދެމިގެންދާ ޞަދަޤާތުގެ ތެރޭގައިވެ. އެއިން ތަނެއް ނުވަތަ އެއްޗެއްގެ މަންފާ މީސްތަކުންނަށް ލިބިލިބި ހުންނަހާ ދުވަހަކު، އެ ހޭދަކުރި މީހަކަށް އެކަމުގެ ދަރުމަ މާތް ﷲ ދެއްވާނެތެވެ.
މަރުވުމަށްފަހުގައިވެސް ތިމާއަށް ދަރުމަޔާ ސަވާބު ލިބޭ ހެޔޮ ޢަމަލުތަކުގެ ތެރޭގައި މީސްތަކުން ފެން ބުއިމަށް ވަޅެއް ކޮނެދިނުން، ނުވަތަ ޝަރުޢީ ޢިލްމެއް އުނގަންނައި ދިނުންވެސް ހިމެނެއެވެ. ހަމައެފަދައިން މީސްތަކުންނަށް ފައިދާކުރަނިވި ދުނިޔެވީ ޢިލްމެއް ކަމުގައިވިޔަސް، އޭނާގެ ހެޔޮ ނިޔަތާއެކު އެޢިލްމުގެ މަންފާ އޭނާއަށް ކުރާނެތެވެ. އެ ޢިލްމު ފެތުރިފައިވަނީ ދަރިވަރުންތަކަކަށް އުނގަންނައި ދީގެން ކަމުގައިވިޔަސް ނުވަތަ ލިޔެފައިވާ ފޮތެއްގެ ސަބަބުން ކަމުގައިޔަސް މެއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައގިގައިވެއެވެ. "ހެޔޮކަމަކަށް މަގުދައްކައިފި މީހާ ދަންނާށެވެ! އެ މީހަކަށް، އެ ކަންކުޅަ މީހަކަށް ދެއްވާ ދަރުމަ ލިބިގެންދާނެއެވެ." (ރިވާކުރެއްވީ އަލްއިމާމު މުސްލިމް)
މީގެ ތެރެއިން ހިމެނިގެންދާ ކަންކަމުގެ ތެރޭގައި، ދީނީ ފޮތްތައް ނުވަތަ ލީފްލެޓްފަދަ ތަކެތި ޗާޕު ކުރުމަށް ކުރެވޭ ހޭދަވެސް ހިމެނިގެން ދެއެވެ. ވީމާ، ކޮންމެ މުސްލިމަކުވެސް މިފަދަ ދެމިގެންދާ ދަރުމަޔާ ސަވާބު ލިބޭ ޢަމަލުތަކުގައި ބައިވެރިވެ ހޭދަކުރުމަކީ ނަގައިލައިގެން ނުވާނޭ ފުރުސަތެކެވެ.

ތިނެއް: މި ޙަދީޘުން ހާމަވެގެންދާ އަނެއް ފައިދާއަކީ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމުގެ މުހިންމުކަމެވެ. އެކަމަކީ ތިމާއަށް ދެދުނިޔޭގެ ފައިދާ ލިބެނިވި ޢަމަލެކެވެ. ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިން އާޚިރަތަށްޓަކައި ކުރާ ރަނގަޅު އިންވެސްޓްމަންޓެކެވެ. އެކަމުގެ ދަރުމަ ދެމިގެންދާ ކަމެކެވެ. ސުވަރުގޭގައި އެ މައިންބަފައިންގެ ދަރަޖަ އުފުލިގެންދާ ކަމެކެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން މާތް ﷲ، ޞާލިޙު އަޅެއްގެ ދަރަޖަ ސުވަރުގޭގައި އުފުއްލަވަތެވެ. އެހިނދު އޭނާ ދަންނަވާނެއެވެ. އޭ އަޅާގެ ވެރި ރައްބެވެ! "މި މަތިވެރިކަން އަހުރެންނަށް ލިބުނީ ކީއްވެގެން ހެއްޔެވެ؟" އެއިލާހު ވަޙީކުރައްވާނެތެވެ. "ތިބާގެ ދަރިފުޅު ތިބާގެ ފާފަ ފުއްސެވުންއެދި ކޮށްދޭ ދުޢާގެ ސަބަބުންނެވެ." (ރިވާކުރެއްވީ އަލްއިމާމު އަޙްމަދެވެ.)

ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ ނަރަކައިން ދިންނަވައި ސަލާމަތް ކުރައްވާނޭ ކަމެއްކަމުގައިވެސް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވާފައެވެ.

މިނޫނަސް ދުނިޔެ ދޫކޮށްފައިވާ ފަރާތްތަކަށް ކޮށްދެވިދާނެ ހެޔޮ ކަންތައްތައް އެބަހުއްޓެވެ. އޭގެ ތެރެއިން ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު އެއްކަމަކީ އެބައިމީހުންގެ ފާފަ ފުއްސެވުންއެދި ދުޢާ ކޮށްދިނުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.