ނައީމާގެ މަރާ ގުޅިގެން ފުލުހުން މިހާތަނަށް ވަނީ އެރަށުގެ ބައެއް ތަންތަން ބަލާ ފާސްކޮށްފައެވެ.
މި މަހުގެ ހަތްވަނަ ދުވަހު، ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެ ރަށު އަންނާރުމާގޭ ނައީމާ މޫސާ، 62 ގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ހަރަކާތްތެރިވާ ފުލުހުންގެ ޓީމަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށް ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ނައީމާގެ މަރަށް ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ފުލުހުން އަދި މިހާތަނަށް އެ މައްސަލައިގައި މާބޮޑު މައުލޫމާތެއް ހާމައެއް ނުކުރެއެވެ. މީހަކު ހައްޔަރު ނުކުރާއިރު، ތުހުމަތުވާ މީހެއް ވެސް އަދި ހާމައެއް ނުކުރެއެވެ. އެހެންކަމުން، އެ މައްސަލައިގެ ތަހުގީގުގައި ލިބެމުން އަންނަ ކުރިއެރުންތަކާ މެދު ސުވާލުތައް އަންނަނީ އުފެދެމުންނެވެ.
އެ މައްސަލައާ ގުޅިގެން ސީޕީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނައީމާ މަރާލުމުގައި ބައިވެރިވި މުޖުރިމުން ހޯދުމުގެ މަސައްކަތް ފުލުހުން ކެނޑިނޭޅި ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ ތަހުގީގީ އޮފިސަރުންނާއި، ފޮރެންސިކްސް އަދި އެ ރަށުގެ ފުލުހުންނަށް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް" ހަމީދު ވިދާޅުވިއެވެ.
މިއަދު ހުކުމްކުރި، ގާސިމްގެ މަރުގެ މައްސަލައާ ގުޅޭ ހަބަރަކާ އެކު ކުރެއްވި އެ ޓްވީޓުގައި އޭނާ ވަނީ އެ މައްސަލައިގައި ފުލުހުން ކުރި މަސައްކަތުގެ ކާމީޔާބީ ފާހަގަކުރައްވާ، އެ މަސައްކަތުގައި ހަރަކާތްތެރިވި ޓީމަށް މަރުހަބާ ކިޔާފައެވެ.
ނައީމާ އޭނާ ދިރިއުޅެމުން ދިޔަ ކޮޓަރީގައި މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަހެއް ވެގެން އެ ރަށުގެ ބައެއް މީހުންނާއެކު ފުލުހުން އެގެއަށް ވަދެ ބެލުމުންނެވެ. އޭނާގެ ހަށިގަނޑުގެ ގިނަ ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީ، ކަރު ވެސް ބުރި ކޮށްލަން މަސައްކަތް ކޮށްފައި ހުރިއިރު، ޖިންސީ ގުނަވަނަށް ވެސް ހަމަލާ ދީފައި ހުރިކަމަށް މައުލޫމާތު ލިބެއެވެ.
އޭނާ މަރުވެފައި އޮއްވާ ފެނުނު ދުވަސް ނޫން އަނެއް ދުވަހު، އޭނާގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމް ހެދުމަކާ ނުލައި ވަޅުލާފައެވެ. މިފަހަކަށް އައިސް ހިނގި މިފަދަ އެއްވެސް ހާދިސާއެއްގައި މިގޮތަށް އަމަލުކޮށްފައެއް ނުވެއެވެ.
ނައީމާގެ މަރާ ގުޅިގެން ފުލުހުން މިހާތަނަށް ވަނީ އެރަށުގެ ބައެއް ތަންތަން ބަލާ ފާސްކޮށްފައެވެ. އޭގެ ތެރޭގައި އެ ރަށުގެ ފަޅުގެއެއް ހިމެނެއެވެ. އެ ގެ ބަލާފާސް ކުރީ ނައީމާގެ ގެއިން ފެށިގެން ގޮސް، އެ ގެޔަށް ނިމޭ ހުސްފައިގެ ފިޔަވަޅުތަކެއް ފެނުމުންނެވެ.