ޖަނާ އާއި ރައީސް ސޯލިހު ބައްދަލުވުން އޮތީ ވޮލްޑޯގެ ޕްރައިވެޓް އައިލެންޑެއްގަ އެވެ. ބައްދަލުވުމަށްފަހު ޖަނާ ވިދާޅުވީ ރާއްޖެއަކީ އެންމެ އިންވެސްޓްމަންޓަށް ފަހި ގައުމަކަށް ވެފައިވާ ކަމަށް.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރި ކަމުގައި ރާއްޖެއަކީ އިންވެސްޓްމަންޓަށް އެންމެ ފަހި ގައުމެއްގެ ގޮތުގައި ހައްދާފައިވާ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ވިދާޅު ވެއްޖެ އެވެ.
ހުވަދު އަތޮޅުގައި ބޭރުގެ އިންވެސްޓަރުންނާ ޕާޓްނާޝިޕް ވެގެން ޓޫރިޒަމް ފައްކާކޮށް އަދި މާލެ އަތޮޅުގައި މެދުއިރުމަތީގެ ޝާހީއާއިލާއަކާ ގުޅިވަޑައިގެން ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ބްރޭންޑް ވޮލްޑޯފް އެސްޓޯރިޔާ އިތާފުށި ތަރައްގީ ކުރެއްވި މުހައްމަދު އަލީ ޖަހާނު ވަނީ ވޮލްޑޯފް އެސްޓޯރިއާގެ ޕްރައިވެޓް އައިލެންޑެއްގައި ރައީސް ސޯލިހާ ބައްދަލު ކުރައްވާފަ އެވެ.
ވޮލްޑޯފްގެ އެންމެ މަތީ ފަންތީގެ ޕްރައިވެޓް އައިލެންޑުގައި ރައީސްއާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމަށް ފަހު ވިދާޅުވެފައިވާ ގޮތުގައި ރައީސް ސޯލިހުގެ ޒައާމަތުގައި ރާއްޖެއަކީ އެންމެ އިންވެސްޓްމަންޓަށް ފަހި ނުވަތަ "ޓަޔާ ވަން" ގެ ގައުމެއްގެ ގޮތުގައި ހައްދަވާފައިވާ ކަމަށެވެ. އަދި އޭނާ ވަނީ ރައީސް ސޯލިހު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކާމިޔާބީއެއް އެދިވަޑައިގެންފަ އެވެ.
ޖަނާހު މިހެން ވިދާޅުވިއިރު މި އަހަރު އެކަނި ގިނަ އަދަދެއްގެ ފޮރިން އިންވެސްޓްމަންޓް ރާއްޖޭގައި ކުރައްވަން އެ މަނިކުފާނު ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން ކުރިއަށް ހުރި އިންވެސްޓްމަންޓުގެ ޖުމްލަ އަގު އެއް ބިލިއަން ޑޮލަރަށްވުރެ މަތިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
މިހާތަނަށް ހަމާވެފައިވާ ބައެއް މަޝްރޫއުތަކުގެ ތެރޭގައި އިތާފުށި ރިސޯޓް ތަރައްގީކޮށްފައިވާ އޯނަރުން ގުޅިގެން ދުނިޔޭގެ މަޝްހޫރު ޓޫރިޒަމް ބްރޭންޑް އަލްޓްރާ ލަގްޒަރީ ބްރޭންޑް ރޯސްވުޑްގެ ރިސޯޓެއް ރާއްޖޭގައި ހެދުން ހިމެނެވެ. ހިއްކައިގެން ހަދާ މި ރަށުގެ މަސައްކަތް ވަނީ ފަށާފަ އެވެ. މާލެ އަތޮޅުގައި ތަރައްގީ ކުރާ ރޯސްވުޑްގެ މި ރިސޯޓް ތަރައްގީ ކުރަނީ ރޯޔަލް ރިސޯޓް ކުންފުނިންނެވެ. މި ކުންފުންޏަކީ ގަތަރުގެ އެސްތިމާރު ހޯލްޑިންގްސްގެ ސަބްސިޑަރީއެކެވެ.
މި މަޝްރޫއުގެ އިތުރުން ޔޫއޭއީގެ ޓޫރިޒަމް ބްރޭންޑް ނަމްމޯސް ހޮޓެލްސް އެންޑް ރިސޯޓުގެ ރިސޯޓެއް ރާއްޖޭގައި 2025 ވަނަ އަހަރު ހުޅުވާނެކަން ވެސް ދަނީ ތައްޔާރު ވަމުންނެވެ. މި ރިސޯޓް ހަދަނީ އިތާފުށި ކައިރީގައި އޮންނަ ފަޅެއްގަ އެވެ. މި ރިސޯޓް ތަރައްގީ ކުރަނީ އިތާފުށީގެ އެއް ހިއްސާދާރު ކަމަށްވާ ޖަނާ އާއި ޕާޓްނަރު ޔޫއޭއީގެ އަލްފާ ދާބީ އާއި މޮންޓެރޮކް އިންޓަނޭޝަނަލް ގުޅިގެންނެވެ. މީގެ އިތުރުން ޖަނާގެ ހިއްސާ އޮންނަ ކުޑަހިތި ސޭންޑް ޕްރައިވެޓް ލިމިޓެޑު ކުންފުނިން ކުޑަހިތީގައި ރާއްޖޭގެ އެންމެ ފެންވަރު މަތީ ޕްރައިވެޓް އައިލެންޑު ހެދުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.
ރާއްޖެ މިހާރު އިންވެސްޓްމަންޓަށް ފަހި ގައުމެއްގެ ގޮތުގައި ވެފައިވާ ކަމަށް ބޭރުގެ ބައެއް އިންވެސްޓަރުން ވެސް ވަނީ ބުނެފަ އެވެ. ރާއްޖޭގައި އިންވެސްޓްމަންޓް ކުރަން ތައްޔާރުވާ އެސްތިމާރު ހޯލްޑިންގްގެ ޗެއާމަން މައުތާޒް އަލް ހައްޔަތު ވިދާޅުވި ގޮތުގައި ރާއްޖެއަކީ އިންވެސްޓްމަންޓަށް ފަހި ފުރުސަތު ތަކެއް އޮތް އިންވެސްޓްމަންޓަށް ފުރިހަމަ މާހައުލެއް އޮތް، އެކަމަށް ހިތްވަރު ދޭ ގައުމެކެވެ.