ސާދަ އަހަރުގެ ދިގު ތާރީހަކަށް ފަހު ގުރައިދޫ ދާއިރާގެ ގޮނޑި ޕީޕީއެމަށް ގެއްލުނީ 120 ވޯޓުގެ ތަފާތަކުންނެވެ. އެކަމާ ގުޅިގެން ޕީޕީއެމުން ވަނީ އިންތިހާބު ކުރިއަށް ގެންދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.
ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީން އެ ގޮނޑި ކާމިޔާބު ކުރީ ސަރުކާރުގެ ހުރިހާ ނުފޫޒެއް ބޭނުންކޮށް އެތައް މިލިއަން ރުފިޔާ ބަހައިގެން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު، ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ތުހުމަތު ކުރައްވައިފި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ގުރައިދޫ ދާއިރާގެ ވޯޓް ލީ 2755 މީހުންގެ ތެރެއިން ސަރުކާރުގެ ހުރިހާ ނުފޫޒަކާ ބެހި ހުރިހާ ފައިސާއަކުން ލިބުނީ 1346 ވޯޓް ކަމަށާއި ބާކީ 1409 ސަރުކާރަށް ބުނީ ނޫނެކޭ ކަމަށެވެ. ތިން ރަށުން 50 ޕަސެންޓް ވެސް ނުލިބޭ ކަމަށާއި މި ސާމްޕަލް އަށް ބަލާނަމަ އެމްޑީޕީ ބޮޑު ތަނުން ބަލިވެ ޕީޕީއެމަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ އެމްޑީޕީއަށް ރާއްޖޭގެ އެންމެނަށް ސަރުކާރުގެ ނުފޫޒު ނުފޯރުވޭނެ ކަމަށާއި، ހުރިހާ ރައްޔިތުންނަކީ ފައިސާއަށް ވިކޭނެ ބައެއް ވެސް ނޫން ކަމަށެވެ. ރައީސް ޔާމީން މިނިވަންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ޕާޓީއަކީ ޕީޕީއެމް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސާދަ އަހަރުގެ ދިގު ތާރީހަކަށް ފަހު ގުރައިދޫ ދާއިރާގެ ގޮނޑި ޕީޕީއެމަށް ގެއްލުނީ 120 ވޯޓުގެ ތަފާތަކުންނެވެ. އެކަމާ ގުޅިގެން ޕީޕީއެމުން ވަނީ އިންތިހާބު ކުރިއަށް ގެންދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ.