އާ ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީސް އިންތިހާބު ކުރަން ފެށީއްސުރެ، މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ފުރުއްވީ، މި އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ހުސައިން ރިޒާގެ ބޭބެ، އިބްރާހީމް ރިޒާއެވެ.
އިދިކޮޅު ޕީޕީއެމްގެ ސްޓްރޯންގް ހޯލްޑެއްގެ ގޮތުގައި އޮތް ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.
މިއަދު ބޭއްވި އެ ދާއިރާގެ ބައި އިލެކްޝަނުގައި ބެހެއްޓި ހުރިހާ ފޮއްޓެއްގެ ވަގުތީ ނަތީޖާ މިހާރު ވަނީ ލިބިފައެވެ. އެ ނަތީޖާއިން ދައްކާގޮތުން، ޝާޒް އިންތިހާބު ކާމިޔާބު ކުރެއްވި ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕިއެމްގެ ހުސައިން ރިޒާ އަށްވުރެ 114ވޯޓު އިތުރަށް ހޯއްދަވައިގެންނެވެ.
އެމްޑީޕީގެ ސަޕޯޓަރުން މިހާރު ދަނީ އިންތިހާބު ކާމިޔާބުވިކަން އިއުލާނުކޮށް، އުފާ ފާޅުކުރަމުންނެވެ.
މިއަދުގެ އިންތިހާބުގައި ވޯޓު ފޮށިތައް އެންމެ ފުރަތަމަ ބަންދުކުރުމަށް ހަމަޖެހިފައި އޮތީ ހަވީރު 16:00ގައެވެ. ނަމަވެސް ފަހުން ގަޑިއިރެއް އިތުރުކޮށް، އެ މުއްދަތު ވަނީ 17:00އަށް ފަސްކޮށްފައެވެ. އަދި ވޯޓު ގުނަން ފަށާނީ ރޯދަ ވީއްލުމަށް ފަހުގައި ކަމަށް ވެސް ކަނޑައެޅިއެވެ.
ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ޕާޓީއާ މަޝްވަރާނުކޮށް އެ ގޮތަށް ވަގުތު އިތުރުކުރުން ކުށްވެރިކޮށްފައެވެ. އެގޮތަށް އެކަން ކުރެވޭނީ ހުރިހާ ޕާޓީތަކާ މަޝްވަރާކުރުމަށް ފަހު، ކޮންމެހެން ކުރަންޖެހޭ ހާލަތެއް އޮތުމުން ކަމުގައި އެޕާޓީން ބުނެއެވެ.
ވޯޓު ލުމުގެ ވަގުތު ދަންމާލި މައްސަލައިގައި މާލޭގައި ހުންނަ ވޯޓުފޮށި ކައިރީ އިހުތިޖާޖު ވެސް ވަނީ ކޮށްފައެވެ. ނަމަވެސް، ދާއިރާގެ ރަށްތަކުގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކަށް ވޯޓުލައި ނިންމާލި އިރު މާބޮޑު ހަމަނުޖެހުމެއް ނުހިނގައެވެ.
މީގެ އިތުރުން އިންތިހާބުގައި ވާދަކުރި އެމްއެންޕީ އިން ވެސް މީގެ ކުރިން ވަނީ އިންތިހާބަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުތަކެއް ކޮށްފައެވެ.
އާ ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީސް އިންތިހާބު ކުރަން ފެށީއްސުރެ، މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ފުރުއްވީ، މި އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ހުސައިން ރިޒާގެ ބޭބެ، އިބްރާހީމް ރިޒާއެވެ. އެ ދާއިރާގެ ގޮނޑި ހުސްވީ ކެންސަރު ބަލީގައި ރިޒާ އަވަހާރަވުމުންނެވެ.