ވޯޓު ގުނުން ފަސްކުރި މައްސަލައިގައި ވެސް އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕީޕީއެމުން ބުނީ ވޯޓު ފޮށި ބަންދުކުރާ ވަގުތުން ފެށިގެން 30 މިނެޓުތެރޭ ފޮށިތައް ބަންދުކުރާނެ ކަމަށް އިލެކްޝަނުން އިއުލާނުކޮށްފައިވާ ކަމަށެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓު ލުމުގެ ވަގުތު އިތުރު ކުރީ ޕީޕީއެމާ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި ކަމަށާއި، އެއީ ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމުގައި އެ ޕާޓީން ބުނެފިއެވެ.
މިއަދުގެ އިންތިހާބުގައި ވޯޓު ފޮށިތައް އެންމެ ފުރަތަމަ ބަންދުކުރުމަށް ހަމަޖެހިފައި އޮތީ ހަވީރު 16:00ގައެވެ. ނަމަވެސް ފަހުން ގަޑިއިރެއް އިތުރުކޮށް، އެ މުއްދަތު ވަނީ 17:00އަށް ފަސްކޮށްފައެވެ. އަދި ވޯޓު ގުނަން ފަށާނީ ރޯދަ ވީއްލުމަށް ފަހުގައި ކަމަށް ވެސް ކަނޑައެޅިއެވެ.
ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ޕާޓީއާ މަޝްވަރާނުކޮށް އެ ގޮތަށް ވަގުތު އިތުރުކުރުން ކުށްވެރިކޮށްފައެވެ. އެގޮތަށް އެކަން ކުރެވޭނީ ހުރިހާ ޕާޓީތަކާ މަޝްވަރާކުރުމަށް ފަހު، ކޮންމެހެން ކުރަންޖެހޭ ހާލަތެއް އޮތުމުން ކަމުގައި އެޕާޓީން ބުނެއެވެ.
"މިކަން މިގޮތަށް ކޮށްފައިވަނީ އެމްޑީޕީއަށް މިއަދުގެ ބައިއިލެކްޝަނުން ނާކާމިޔާބީއާ ކުރިމަތިވާތީ، އެކަން ފޫބެއްދުމަށް އިތުރު މީހުންނަސް ވޯޓުލުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ސަރުކާރުން އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވައިގެންނެވެ." އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ވަނީ މީގެ ކުރިން، ވިލިމާލޭ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަނުގައި އެ ޕާޓީން ވޯޓުގެ ވަގުތު ދިގު ކޮށްދިނުމަށް އެދުމުން އެއީ ގެންގުޅޭ ސިޔާސަތެއް ނޫންކަމަށް ބުނެ، އެ ފުރުސަތު ދީފައި ނުވާކަން ފާހަގަކޮށްފައެވެ.
ވޯޓު ގުނުން ފަސްކުރި މައްސަލައިގައި ވެސް އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕީޕީއެމުން ބުނީ ވޯޓު ފޮށި ބަންދުކުރާ ވަގުތުން ފެށިގެން 30 މިނެޓުތެރޭ ފޮށިތައް ބަންދުކުރާނެ ކަމަށް އިލެކްޝަނުން އިއުލާނުކޮށްފައިވާ ކަމަށެވެ. އަދި އިންތިހާބުތަކުގެ ގާނޫނުގައިވާ ގޮތުން ވޯޓުފޮށި ބަންދުކުރުމަށް ފަހު ވީހާވެސް އަވަހަކަށް ގުނަން ފަށަން ޖެހޭނެކަން އެ ޕާޓީން ފާހަގަކުރެއެވެ.
ގުރައިދޫ ދާއިރާގެ އިންތިހާބުގައި ވޯޓުލާ ހުރިހާ ވޯޓު ފޮއްޓެއް ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. ނަމަވެސް، އަދި ވޯޓު ގުނާކަށް ނުފަށައެވެ. ވޯޓު ލުމުގެ ވަގުތު ދަންމާލި މައްސަލައިގައި މާލޭގައި ހުންނަ ވޯޓުފޮށި ކައިރީ އިހުތިޖާޖު ވެސް ވަނީ ކޮށްފައެވެ. ނަމަވެސް، ދާއިރާގެ ރަށްތަކުގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކަށް ވޯޓުލައި ނިންމާލި އިރު މާބޮޑު ހަމަނުޖެހުމެއް ނުހިނގައެވެ.