އިތާފުށީގެ ދިވެހި ޕާޓްނަރު މުހައްމަދު އަލީ ޖަނާހު ވަނީ އެ ރިސޯޓުގެ ތަރައްގީގައި ހިއްސާވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
ހަތް ތަރީގެ ވޯލްޑޯފް އެސްޓޯރިއާ އިތާފުށީގެ އެކުވެރިންނަށް ހާއްސަ ރޯދަ ވީއްލުމެއް އިއްޔެ ބާއްވައިފި އެވެ.
އިއްޔެ އެ ރިސޯޓުގައި ބޭއްވި އެ ރޯދަ ވީއްލުން ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި، ސަރުކާރުގެ އެހެނިހެން އިސް އޮފިޝަލުން، ރާއްޖޭގައި ތިއްބެވި އެކި ގައުމުތަކުގެ ސަފީރުންގެ އިތުރުން ފަތުރުވެރިކަމާއި، ކޮންސްޓްރަންޝަން ސިނާއަތުގައި ހަރަކާތްތެރިވާ ސީނީއާ ބޭފުޅުން ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ ވެރިން ވެސް އެ އިފްތޯރު ހަފުލާގައި ބައިވެރިވެ ވަޑައިގަތެވެ.
އިއްޔެގެ އެ އިފްތޯރުގެ ތެރޭގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އިތާފުށިން ހޯދި ކާމިޔާބީ ފާހަގަކޮށް ރިސޯޓްގެ ޓީމަށައި މެނޭޖެމަންޓާއި ވެރިން ކަމަށްވާ މުހައްމަދު އަލީ ޖަނާހާއި އޭނަގެ މެދުއިރުމަތީ ޕާޓުނަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.
"މިހާރު މިއީ އޭޝިއާގެ އެއް ނަންބަރު ރިސޯޓު، މުޅި ދުނިޔޭގެ ތިންވަނަ ރިސޯޓު" ޓޫރިޒަމް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އިތާފުށީގެ ދިވެހި ޕާޓްނަރު މުހައްމަދު އަލީ ޖަނާހު ވަނީ އެ ރިސޯޓުގެ ތަރައްގީގައި ހިއްސާވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ކުރިއަށް ވެސް އެތަނުގެ އޯނަރުން ގުޅިގެން ރާއްޖޭގައި ހިންގަން ހުރި ވަރުގަދަ މަޝްރޫއު ތަކެއް ހުރިކަން ފާހަގަ ކުރައްވާފަ އެވެ.
ޖަނާހު އެހެން ވިދާޅުވިއިރު، ގަތަރުގެ އެސްތިމާރާއި، ގުޅިގެން އޭނާ މިހާރުވެސް އަންނަނީ މަޝްހޫރު އަލްޓްރާ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ، ރޯސްވުޑުގެ ރިސޯޓެއް ރާއްޖޭގައި ތަރައްގީ ކުރުމުގެ މަޝްރޫއެއް ހިންގަވަމުންނެވެ. އެއީ 343 މިލިއަން ޑޮލަރުގެ އަގުހުރި އިންވެސްޓްމެންޓެކެވެ. މީގެ އިތުރުން، ޔޫއޭއީގެ ނަމްމޯސް ބްރޭންޑުގެ ރިސޯޓެއް ވެސް މާލެ އަތޮޅުގެ ފަޅެއްގައި ހުޅުވުމަށް ތައްޔާރުވަމުން އެބަ އާދެ އެވެ.