އިތާފުއްޓަކީ 2016 ވަނަ އަހަރު ތަރައްގީ ކުރަން ފެށި ރަށެކެވެ. މާލެއަތޮޅު ދެކުނުން ފަޅެއް ހިއްކައިގެން ތަރައްގީކުރި އެ ރަށުގެ އޯނަރުންނަކީ، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ، މުހައްމަދު އަލީ ޖަނާހު އާއި، ގަތަރުގެ މަޝްހޫރު ޚައްޔާތު އާއިލާއެވެ.
ބިން ހިއްކައިގެން ރަށްތަށް ތަރައްގީ ކުރުމަކީ ވެސް ތިމާވެއްޓާ ރައްޓެހިކޮށް ކުރެވިދާނެ ކަމެއް ކަމަށާއި، މިހާރުވެސް ހިއްކާފައި ހުރި ބައެއް ރަށްރަށުގެ ވެށި ގުދުރަތީ ރަށަކާ އެއްފަދަ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ހަތް ތަރީގެ ވޯލްޑޯފް އެސްޓޯރިއާ އިތާފުށީގެ ފަރާތުން އެ ރިސޯޓުގައި އިއްޔެ ބޭއްވި ހާއްސަ ރޯދަ ވީއްލުމެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ ރާއްޖޭގައި ބައެއް މީހުން ބިން ހިއްކުމާމެދު ވަރަށް ނެގެޓިވް ނަޒަރަކުން ދެކޭ ކަމަށާއި، ނަމަވެސް އެއީ އަދި މުޅިން ރަނގަޅު ވިސްނުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ރާއްޖޭގައި ބައެއް މީހުން ވަރަށް ނެގެޓިވްކޮށް ދެކޭކަމެއް ބިން ހިއްކުމާއި، ރަށްތައް އުފެއްދުމަކީ. މިއަދު އަޅުގަނޑުމެން މިތިބީ ހިއްކާފައި އޮތް ރަށެއްގައި. އެކަމަކު މިތަނުގެ ތާރީހު ނޭނގޭ މީކަށް މިއީ ގުދުރަތީ ރަށެއް ނޫނޭ ބުނަން އުނދަގޫ ވާނެ،" ރާއްޖޭގެ އޮތް އެންމެ އަގު ބޮޑު އަދި ދުނިޔޭ އާއި ރާއްޖޭގައި އޮތް އޮތް އެންމެ މަޝްހޫރު އެއް ބްރޭންޑް އިތާފުށީގެ ފެހިކަމާއި، ގޮނޑުދޮށްތަކުގެ ރީތިކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އޭނާ ވަނީ ރާއްޖޭގައި ބިން ހިއްކައިގެން އެންމެ ފުރަތަމަ ތަރައްގީ ކުރި ރިސޯޓު، ވަން އެންޑް އޮންލީ ރީތިރަށުގެ މަޝްރޫއުގައި ކުރެއްވި މަސައްކަތުގެ ހަނދާން ވެސް ރޭ އާ ކުރައްވާފަ އެވެ.
"އަޅުގަނޑު ކައިރީ އެތަނުގެ ވެރިން ވިދާޅުވީ ބޭނުވެއޭ ބައިވަރު ބީޗުތައް. ދެން އަޅުގަނޑު ހިތަށް އެރީ ގުދު ތަކެއް ލައިގެން [ޑިޒައިން ކުރަން]" އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ އޭގެ ފަހުން ރާއްޖޭގައި ހިއްކައިގެން ތަރައްގީ ކުރެވުނު ހުރިހާ ރިސޯޓެއް ވެސް ހަދާފައި ވަނީ އެ ކަހަލަ ޑިޒައިން ތަކަކަށް ކަމަށެވެ.
ބިން ހިއްކައިގެން ތަރައްގީ ކުރާ ރަށްތައް އިތުރުވަމުން ދިއުމާއި، އެފަދަ ރަށްތަކުގެ ފެންވަރު ރަނގަޅު ވަމުން ދިއުމާއެކު، އެ ރަށްތަކުގެ ވެށީގެ މުއްސަނދި ކަމުގެ އެސެސްމެންޓެއް ހެދުން މިހާރު މުހިއްމު ކަމަށެވެ.
ވޯލްޑޯފް އެސްޓޯރިއާ އިތާފުއްޓަކީ 2016 ވަނަ އަހަރު ތަރައްގީ ކުރަން ފެށި ރަށެކެވެ. މާލެއަތޮޅު ދެކުނު ބުރީގެ ފަޅެއް ހިއްކައިގެން ތަރައްގީކުރި އެ ރަށުގެ އޯނަރުންނަކީ، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ، މުހައްމަދު އަލީ ޖަނާހު އާއި، ގަތަރުގެ މަޝްހޫރު ޚައްޔާތު އާއިލާގެ ދެބެއިންނެވެ.