އޭގެ ސަބަބުން އެނަފިލަކްޓިކް ނުވަތަ ނުރައްކާތެރި އެލާޖިކް ރިއެކްޝަނެއް އަތުވެދާނެތީ އެކަމަށް ރައްކާތެރިވުމަށް ވަނީ ލަފާ ދީފަ އެވެ.
ފޮލްކޮޑިން އެކުލެވޭ ބޭސްތައް ޔޫރަޕް މާކެޓުން ނެގުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާ ދިނުމުން ރާއްޖެއިން އެކަމަށް ރައްކާތެރިވުމުގެ ގޮތުން އެކަން ބަލަން ފަށައިފި އެވެ.
ފޮލްކޮޑިން ހިމެނޭ ބޭސްތަކަކީ އާންމުކޮށް ހިކި ކެއްސުމަށް ދޭ ބޭހެކެވެ. ރޯގާ ޖެހިގެން ދޭ ބައެއް ބޭސްތަކުގައި ވެސް ފޮލްކޮޑިންގެ މާއްދާ ހިމެނެ އެވެ.
މި ބޭހުގެ ސަބަބުން ސިއްހީ މައްސަލަތަކެއް ނިކުމެދާނެ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފަ އެވެ. އެގޮތުން އޭގެ ސަބަބުން އެނަފިލަކްޓިކް ނުވަތަ ނުރައްކާތެރި އެލާޖިކް ރިއެކްޝަނެއް އަތުވެދާނެތީ އެކަމަށް ރައްކާތެރިވުމަށް ވަނީ ލަފާ ދީފަ އެވެ.
އެނަފިލަކްޓިކްގެ ސަބަބުން އަވަސް އަވަހަށް ހަށިގަނޑަށް އަންނަ އެލާޖިކް ރިއެކްޝަނުގެ ތެރޭގައި ހަށިގަނޑު ހިރުވުމާއި ހަންގަނޑުގެ އެކިތަންތަން ރަތްވުން ހިމެނެ އެވެ.
ޑަބްލިއުއެޗްއޯ އިން މިހާރު ވަނީ ރައްކާތެރިވުމުގެ ގޮތުން ޔޫރަޕް މާކެޓުން މި މާއްދާ އެކުލެވޭ ބޭސްތައް ނަގަން އަންގާފަ އެވެ.
ޑަބްލިއުއެޗްއޯގެ މި ލަފަޔާ ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ) އިން ވަނީ އެކަން ބަލަން ފަށައިފަ އެވެ. އެކަން ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށް އެ އޮތޯރިޓީ އިން ވަނީ ބުނެފަ އެވެ.