ދޮޅުމަހުގެ ޗުއްޓީ ނިމުނީ ؛ 92،300 ދަރިވަރުން ސްކޫލަށް

ދޮޅު މަސް ދުވަހުގެ ދިގު ޗުއްޓީއަކަށް ފަހު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ދިރާސީ އާ އަހަރު ވަނީ ފަށާފަ އެވެ. ފޮތާއި ވަސީލަތްތަކާއި ޓީޗަރުންގެ ހުރިހާ ކަމެއް މުޅީން ފުރިހަމަ ވެފައި ނުވި ނަމަވެސް މިއަދު ދިރާސީ އަހަރު ފަށާފައި ވަނީ ގިނަ ކަންކަން ހައްލުކޮށްގެނެވެ. އަދި މައްސަލަ ބޮޑު ނާސްތާ ޕްރޮގްރާމަށް ވެސް ބަދަލު ގެނެސްފައި ވެއެވެ.

ސްކޫލް ދަރިވަރުންތަކެއް: މިއަދު މުޅި ރާއްޖޭގައި 92،300 ކުދިން ކިޔަވާން ފަށާނެ

ދޮޅު މަސް ދުވަހުގެ ދިގު ބަންދަކަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ރާއްޖޭގެ ސްކޫލްތަކުގައި ރަނގަޅަށް ފަށައިފި އެވެ. މިއަދު ދިރާސީ އަހަރު ފެށީ ސަރުކާރާއި އަމިއްލަ ސްކޫލްތައް ހިމަނައިގެން 92،300 ދަރިވަރުންނާއެކު އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ބުނާ ގޮތުގައި މިއަދު ދިރާސީ އަހަރު ފެށީ ދަރިވަރުންގެ ފޮތްތަކާއި ޓީޗަރުން ވެސް ހަމަކޮށެވެ. ސްކޫލަށް އަލަށް މިއަހަރު 7700 ދަރިވަރުން ދާން ފެށި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަނުން ބުނީ ބޮޑު ޗުއްޓީ ފެށުމުގެ ކުރިން ވެސް ސްކޫލްތަކަށް ޓީޗަރުން ހަމަކުރަން ފަށާފައިވާ ކަމަށާއި
ހުރިހާ ތަނަކަށް ޓީޗަރުން ހަމަކޮށްފައިވާ ކަމަށެވެ. ސްކޫލްތަކަށް 122 ޓީޗަރުން ބޭނުން ވެގެން މިނިސްޓްރީގައި އެދިފައިވެ އެވެ.

އެ ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވި ގޮތުގައި އޭޕްރިލް މަހުން ފެށިގެން ސްކޫލްތަކަށް ޓެކްސްޓު ފޮތްތައް ބެހުމުގެ މަސައްކަތް ފަށާފައިވެ އެވެ. ނަމަވެސް ބައެއް ފޮތްތަކަކީ އަލަށް ޗާޕުކުރާ ފޮތަށް ވުމުން އެ ފޮތްތައް ފޮނުވުމަށް ގިނަ ދުވަސްތަކެއް ހޭދަވެ އެވެ. އަދި ބައެއް ފޮތްތައް އިންޑިއާގައި ޗާޕުކުރާއިރު، ކަނޑުގަދަވުމުގެ ސަބަބުން އެ ފޮތްތައް ރާއްޖެ ގެނައުމުގައި ވެސް ލަސްވި އެވެ.

އަހަރު ފެށި އިރު ސަރުކާރުގެ ސްކޫލުތަކުގައި

  •  6،006 ދިވެހި ޓީޗަރުން ތިބޭނެ
  •  1،693 އެއްހާ ބިދޭސީ ޓީޗަރުން ތިބޭނެ
  •  665 ރިލީފް ޓީޗަރުން ތިބޭނެ
  •  ޖުމްލަ 8,364 ޓީޗަރުން ތިބޭނެ

މިއަދު އަލުން ދަރިވަރުން ސްކޫލަށް ދިއައިރު އަލަށް އަޅަމުން އަންނަ ސްކޫލުތަކެއް ވެސް ހިމެނެ އެވެ. އޭގެ ތެރެއިން އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން ބާ ޖަމާލުއްދީން ބިމުގައި ހުރި އިމާރާތް ތަޅާލުމުގެ މަސައްކަތް އަންނަ މަހުގެ 10 އަށް ނިންމާނެ އެވެ. އަދި އެ ތަނުގައި އާ އިމާރާތް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރާނެ އެވެ.

އަދި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ޑިސެމްބަރުގެ ކުރިން ނިމޭނެ އިރު ސީއެޗްއެސްސީގެ އާ އިމާރާތް އަންނަ މާޗުގެ ނިޔަލަށް ނިމޭނެ އެވެ.

ހުޅުމާލޭގެ ހިޔާ އަވަށު ސްކޫލްތަކުގެ ޝެޑިއުލް

  •  އަހުމަދު ކާމިލް ދީދީ ޕްރައިމަރީ ސްކޫލް: އަންނަ މަހު ހުޅުވާނެ
  •  މުހައްމަދު ޖަމީލް ދީދީ ޕްރީ ސްކޫލް: އޮކްޓޫބަރުގައި ހުޅުވާނެ
  •  ހުސައިން ސަލާހުއްދީން ސްކޫލް: އަންނަ އަހަރުގެ ތެރޭގައި ހުޅުވޭނެ
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ: ނާސްތާ ޕްރޮގްތާމަށް ބަދަލު ގެންނަވާނެ

ދެން ނާސްތާ ދޭނީ ބޭނުން ޖެހިފައިވާ ކުދިންނަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ސްކޫލް ކުދިންގެ ނާސްތާ ޕްރޮގްރާމް ދެން ހިންގާނީ އެކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ކުދިންނަށެވެ، އެ ޕްރޮގްރާމް އަކީ ސަރުކާރުގެ ވައުދެެކެވެ. ތިން އަހަރު ކުރީން ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފެށި ނަމަވެސް އެ ޕްރޮގްރާމް ވެފައި ވަނީ ފާޑުކިޔުން އަމާޒުވި އަދި ގޮންޖެހުން ވެސް ބޮޑު ޕްރޮގްރާމަކަށެވެ. އަދި ކޮވިޑާއެކު އެ ޕްރޮގްރާމް ވަނީ ފޭލިވެފަ އެވެ.

އިސްރާފައި ހަރަދާއި ހުރިހާ ކަމަކަށް ބެލުމަށް ފަހު އާ އަހަރު ފަށާ އިރު ބަދަލެއް ގެންނަން. ކުރިއަށް އޮތްތަނުގައި މި ޕްރޮގްރާމް ވެގެންދާނީ ނީޑް ބޭސްޑް ޕްރޮގްރާމަކަށް

ޑރ. އައިޝަތު އަލީ | އެޑިއުކޭޝަން މިނިސްޓަރު

މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި ގޮތުގައި ނާސްތާ ޕްރޮގްރާމަށް ބަދަލެއް ގެންނަން ނިންމީ ނާސްތާ ދިނުމުގެ މަރުހަލާގައި ހިނގާ އިސްރާފުކުރުމުގެ ކަންކަން ނިމުމަކަށް ގެންނާށެވެ. އަދި އެ ޕްރޮގްރާމަކީ ނީޑްބޭސް ޕްރޮގްރާމަކަށް ހަދާށެވެ.

"އިސްރާފައި ހަރަދާއި ހުރިހާ ކަމަކަށް ބެލުމަށް ފަހު އާ އަހަރު ފަށާ އިރު ބަދަލެއް އެބަ ގެންނަން. ކުރިއަށް އޮތްތަނުގައި މި ޕްރޮގްރާމް ވެގެންދާނީ ނީޑް ބޭސްޑް ޕްރޮގްރާމަކަށް" އެކަމަނާ ވިދާޅުވި އެވެ.

ނާސްތާ ޕްރޮގްރާމް މެދުކަނޑާލާފައި ވަނީޗ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.