ސަމީރާއަށް މިވަގުތު އެންމެ މުހިއްމީ މިހާރު ހިނގާ ވަރަށް ވުރެ ކުޑަ ހަރަދެއްގައި ބޯހިޔާ ވެލާނެ ގޮތެއް ލިބުމެވެ. އަދި ސްކޫލަށް ދަރިން ފޮނުވޭނެ ގޮތެއް ވުމެވެ.
ދެމަފިރިންގެ ކައިވެނި ރޫޅުނު ނަމަވެސް އުޅެން ޖެހިފައި އޮތީ ފިރިމީހާގެ ގޭގަ އެވެ. އެތައް ފުރައްސާރައަކާއި، ޖެއްސުމަކާއި ކުރިމަތި ވެއެވެ. ދޭތެރެއަކުން ކަރަންޓާ ފެން ވެސް ކަނޑާލަ އެވެ. އަހަރުތަކެއް ވަންދެން ތަހައްމަލު ކުރި ގެވެށި އަނިޔާއަށް ވެސް ހުއްޓުމެއް ނަޔެވެ. ގެއިން ނުކުންނަން ވެސް އެތައް އިންޒާރެއް ދެ އެވެ. އެކަމާ ސަމީރާ (އަސްލު ނަމެއް ނޫން) ކުރާނީ ވަކި ކީއް ހެއްޔެވެ؟ އުމުރުން ހަތް އަހަރާއި، ހަތަރު އަހަރުގެ ކުޑަކުޑަ ދެ ކުދިން ގޮވައިގެން ވަންނާނެ އެހެން ތަނެއް ނެތީ އެވެ.
އެންމެ ފަހުން، ގޭގައި ނެތް ވަގުތު ބަލާފައި ކޮޓަރީގެ ތަޅު ވެސް ބަދަލު ކޮށްފި އެވެ. އެ ކޮޓަރިއަކަށް އޭގެ ފަހުން ސަމީރާއަކަށް ނުވަދެވެއެވެ. ލާނެ ހެދުމެއްހާ ހިސާބު ވެސް ގެންދާކަށް ނުލިބުނެވެ. ދެ ކުދިންގެ ސްކޫލް ޔުނީފޯމާއި ދަބަސްތައް ވެސް ހުރީ އެ ކޮޓަރީގައެވެ. އެއެއް ވެސް ނުލިބުނެވެ. އެ ދެ ކުދިންނަށް ސްކޫލަށް ނުދެވޭތާ ވެސް މިހާރު މަހެއް ވެފައި ވެއެވެ.
އިއްޔެ ސަމީރާއަށް އޭނާގެ ހުރިހާ ސާމާނެއް ފެނުނީ މަގުމަތީގައި އުކާލާފައި ހުއްޓަ އެވެ. އެތަނުން، ސްކޫލަށް ބޭނުންވާ ތަކެއްޗާއި، މުހިއްމު ބައެއް އެހެނިހެން ތަކެތި ހޮވާލައިގެން ގެންދިޔަ އެވެ. -- މިއީ އިއްޔެ ސޯޝަލް މީޑިއާގައި ދައުރު ވަމުން ދިޔަ މި ފޮޓޯތަކުގެ ފަހަތުގައިވާ ވާހަކައެވެ.
މިހާރު ސަމީރާގެ ގެއަކީ ކިރިޔާ ނޭވާ ލެވޭވަރުގެ ކުޑަ ކޮޓަރިއެކެވެ. އޭނާ އެތަން ހިފީ ދުވަހު ކުއްޔަށެވެ. ދަރިންގެ ބައްޕަގެ ފަރާތުން ލޯލާރިއެއް ހާވަރު ވެސް ނުލިބެ އެވެ. އެތަނުގެ ކުއްޔަށްވާ 500ރ. ކޮންމެ ދުވަހަކު ހަމަކުރަނީ ސަމީރާ އެތަނުގައި ފިހާ ރޮށި ވިއްކައިގެން ލިބޭ އާމްދަނީންނެވެ. މަހެއްގެ މައްޗަށް އެކަމަށް ސަމީރާގެ އަތުން 15،000 އެއްހާ ރުފިޔާ ހަރަދުވެ އެވެ. ކުލި ދައްކާފައި، ދެ ދަރިންނަށް ހަރަދު ކުރާނެ ފައިސާއެއް ނުހުރެ އެވެ. އެ ތިން މައިން އެއްޗެއް ނުކައު ބަނޑަށް ތިބޭ ދުވަސްތައް ވެސް ދެއެވެ.
ރޭ މަމްސް ޖަމިއްޔާގެ މެންބަރުންނަށް ސަމީރާއާ ގުޅުނު އިރު ވެސް އެ ތިން މައިން ތިބީ ރޯދަ ވީއްލި ގޮތަށް އެކައްޗެއް ވެސް ބަނޑަށް ނުލައެވެ. އޭރު ދަންވަރު 12:00 ޖަހަނީ އެވެ. ރޭ އެ ޖަމިއްޔާގެ މެންބަރުން ވަނީ ސަމީރާއާ ބައްދަލުކޮށް، އެހީ ވެފައެވެ. އަދި އިތުރަށް ބޭނުންވާ ކަންކަމަށް އާންމުންގެ އެހީއަށް އެ ޖަމިއްޔާ އެދެ އެވެ.
މިހާރު ވެސް އަމިއްލަ މަސައްކަތުން އާމްދަނީއެއް ހޯދަމުން އަންނާތީ، ސަމީރާއަށް މިވަގުތު އެންމެ މުހިއްމީ މިހާރު ހިނގާ ވަރަށް ވުރެ ކުޑަ ހަރަދެއްގައި ބޯހިޔާ ވެލާނެ ގޮތެއް ލިބުމެވެ. އަދި ސްކޫލަށް ދަރިން ފޮނުވޭނެ ގޮތެއް ވުމެވެ.