ޔާނުގައި ބުނަނީ އެފަދަ ވާހަކަތައް ފަތުރަނީ މަދު ބަޔަކު ކަމަށާ ބޭނުމަކީ ފިތުނަ ފަސާދަ އުފެއްދުން ކަމަށެވެ. އެކަމުގެ ސަބަބުން އަރަބިއްޔާ ބަދުނާމުވާ ކަމަށެވެ.
އަރަބިއްޔާ ސުކޫލުގެ އެއްވެސް މުވައްޒިފަކު ދުވަހަކުވެސް އެ ސުކޫލުގެ ދަރިވަރުންނަކީ ޓެރަރިސްޓުންނަށް ހަދާފައި ނުވާ ކަމަށާ އަދި އެފަދަ މާނައެއް ދޭހަވާ ފަދަ އިބާރާތެއްވެސް ބޭނުން ކޮށްފައި ނުވާނެ ކަމަށް ބުނެ އެ ސުކޫލުން ބަޔާނެއް ނެރެފި އެވެ.
ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމަށް ހާއްސަ ކޮށްފައި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންގެ ތެރެއިން މޫނުބުރުގާ އަޅާ ދަރިވަރުން މޫނު ނެގުމަށް އެޑިއުކޭޝަނުން އެންގި އެންގުން އެެ ސުކޫލުން ތަންފީޒު ކުރަން ފެށުމުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އަދި ސުކޫލުގެ ތެރެއިން ބައެއް ދަރިވަރުންނަށް ކުރިމަތިލާން ޖެހިފައިވާ ކަންކަން ބެލެނިވެރީން ދަނީ ހާމަކުރަމުންނެވެ.
އަދި އަރަބިއްޔާ ސްކޫލްގައި ތައުލީމް ހާސިލުކުރަމުންދާ އަންހެންކުދިންގެ ތެރެއިން މޫނު ބުރުގާ އަޅައިގެން ނޫނީ މުޖްތަމައުގެ ތެރެއަށް ނިކުތުމަށް އުޒުރުވެރިވާ ކުދިންގެ ތައުލީމްގެ ހައްގު ގެއްލޭ ގޮތަށް ސަރުކާރުން ގަވާއިދުތަކާއި ސިޔާސަތުތައް އެކުލަވާލާ ތަންފީޒު ކުރަމުންދާ މައްސަލާގައި ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު، މިނިސްޓަރު އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އައިޝަތު މުހައްމަދު ދީދީއަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ.
އެ ސިޓީގައި މޫނުބުރުގާ އާޅާތީ ސުކޫލުތެރޭ ތަފާތުކުރާ ކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިދިޔަ ދިރާސީ އަހަރުގެ ފަހު ކޮޅުން ފެށިގެން މޫނު ބުރުގާ އަޅާ ކުދިންނަށް ސްކޫލްގެ ތެރޭގައި ތަފާތުކޮށް ކަންކުރަން ފަށާފައިވާ ކަމަށާ އެގޮތުން އެ ކުދިން ވަކިން ކައުންސެލާގެ ރޫމަށް ގެންގޮސް ގޭގެ ދިރިއުޅުމުގައި ކަންކަން ހުންނަ ގޮތާއި ގޭގެ އިޖްތިމާއީ ކަންކަމުގެ ވާހަކަ އާއި ޒާތީ ވާހަކަތައް އަހަމުން ގެންގޮސްފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ. މިކަމުގެ ސަބަބުން މިވާހަކަތައް ސްކޫލް ކުދިންގެ މެދުގައި ދައްކަން ފަށައި އެ ކުދިންނަށް އެކުދިން ބޭނުން ނުވާ ކަހަލަ ސަމާލު ކަމެއް ސްކޫލްތެރެއިން ލިބެން ފަށާފައިވާ ކަމަށް ސިޓީގައިވެއެވެ.
".. މީގެ އިތުރުން ކުދިން އިމްތިހާނު ހަދަން ތިއްބައި ހޯލަށް ވަދެ ކުދިންނަށް މާސްކު ނަގަން އަންގައި އެ ކުދިން މޫނު ކަޝްފުވުމުން އިސް ދަށަށް ޖެހުމުން އިސް އުފުލަން އަންގައި އިސް އުފުލަން މަޖުބޫރު ކޮށްފައެވެ. މިއީ ކުދިން އިމްތިހާނު ހަދަން ތިއްބައި ކުދިންނާ ދޭތެރޭ ކަންކުރެވިފައިވާ ގޮތެވެ. އަދި ހަމައެއާއެކު ބައެއް ކުދިންގެ ނިގާބު އެކުދިންގެ ނުރުހުމުގައި ނެގުމަށްފަހު މާސްކު އަޅުވުން ފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.،"
"މީގެ އިތުރުން ބައެއް ކުދިންނާ ދިމާލަށް މޫނު ނިވާކުރުމަށް ނިސްބަތްކޮށް 'އަތަކީ އައުރައެއް ނޫންހޭ، އަތް ހާމަކޮށްގެން އުޅެނީ ކީއްވެހޭ' އަދި 'ތިޔަ ކުދިން ބޭނުންވަނީ ބޮޑުވެގެން ޓެރަރިސްޓަކަށް ވާންހޭ' މި ފަދަ ވިޔާނުދާ އަދި ކުދިންނާ މުހާތަބު ކޮށްގެން ނުވާނޭ ބަސްމަގު ބޭނުންކޮށްގެން މުހާތަބުކޮށް ކުދިންގެ އަގުދަށް ކޮށްލާފައި އެބަހުއްޓެވެ،"
އަރަބިއްޔާއިން މިއަދު ނެރުނު ބަޔާނުގައި އެކަން ވަނީ ދޮގުކޮށްފައެވެ. ބަޔާނުގައި ބުނަނީ އެފަދަ ވާހަކަތައް ފަތުރަނީ މަދު ބަޔަކު ކަމަށާ ބޭނުމަކީ ފިތުނަ ފަސާދަ އުފެއްދުން ކަމަށެވެ. އެކަމުގެ ސަބަބުން އަރަބިއްޔާ ބަދުނާމުވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި މިއީ ބެލެނިވެރީންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.
މީގެ އިތުރުން ހަގީގަތާއި ހިލާފު މިފަދަ ދޮގު ވާހަކަތައް ފެތުރުމަކީ ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އަރަބިއްޔާގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ވާތީ އަރަބިއްޔާއަށް އަންނާނެ މުދައްރިސުން ލިބުމުގެ ދަތިކަން ކުިރމަތިވެދާނެ ކަމުގެ ބިރު އޮތް ކަމަށެވެ.
އަރަބިއްޔާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސުކޫލުގެ ޔުނީފޯމް އުސޫލާއި އެއްގޮތަށް ބައެއް ދަރިވަތުން ބޭނުން ނުކުރާތީ ދޭތެރެ ދޭޔެރެއިން އެފަދަ ދަރިވަރުންނާއި ބެލެނިވެރީންނަށް އެކަން ހަނދާންކޮށްދޭ ކަމަށާ އެކަން އެގޮތަށް ކުރި ނަމަވެސް އެއްވެސް ދަރިވަރަކަށް ބިރު ދައްކާފައިނުވާނެ ކަމަށެވެ. އަދި އެފަދަ އެއްވެސް ދަރިވަރަކު ސުކޫލަށް ނައިސް ނުުހުންނަ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ނަމަވެސް އާޒިމާގެ ސިޓީގައި ވަނީ މޫނުބުރުގާ އަޅައިގެން ސްކޫލަށް އަންނަ ކުދިންނާއި ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ވަކިން ވަކިން ބައްދަލުކޮށް އެ ކުދިންނަށް މޫނުބުރުގާ އަޅައިގެން ސްކޫލަށް ނާދެވޭނެ ކަމުގައި އަނގަބަހުން އަންގާފައިވާ ކަމަށާ މޫނު ބުރުގާ އަޅައިގެން ސްކޫލަށް އަންނަ ކުދިންގެ ބެލެނިވެރިން ހާޒިރުކޮށް ކުދިންނަށް މޫނު އަޅައިގެން ސްކޫލަށް ހާޒިރު ނުވެވޭނޭ ކަމަށްވެސް އަންގާފައިވާ ކަމަށެވެ.
އަދި މޫނުބުރުގާ އަޅައިގެން ސްކޫލަށް ހާޒިރުވުމަކީ ޔުނިފޯމް ކޯޑާއި ހިލާފުކަމެއްކަން ތަކުރާރުކޮށް އަންގަން ފެށުމުން ކުދިން ސްކޫލަށް ހާޒިރުވެ ތައުލީމް ހާސިލުކުރުމުގެ ހައްގު ލިބިގަންނަން ޖެހެނީ "ގަވާއިދާ ހިލާފަށް ކަމުގައި" މިހާރު ވެފައިވާ ކަމަށް އާޒިމާގެ ސިޓީގައި ވިދާޅުވެފައެވެ.
"... އަދި ކޮންމެ ދުވަހަކުމެ ގަވާއިދާ ހިލާފުވުމާއި ކިޔެވުން ހުއްޓާލުމާ ދޭތެރެއިން ގޮތެއް ހިޔާރުކުރަން ކުދިންނަށް ވަނީ ޖެހިފައެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އެއްވެސް ފަރާތަކުން އެއްވެސް ކުއްޖަކަށް ކުރިމަތި ކުރުވައިގެން ވާނޭ ހާލަތެއް ނޫނެވެ. އަދި މިކަމުގެ ސަބަބުން ނިގާބް އަޅައިގެން މެނުވީ މުޖްތަމައަށް ނިކުންނަން ބޭނުންނުވާ ކުދިންގެ ތެރެއިން ބައެއް ކުދިން ވަނީ ސްކޫލަށް ދިޔުމުން އެކަހެރިވާން ފަށާފައެވެ. އަދި ބަލިވުމާއި ސްކޫލަށް ހާޒިރުނުވާ ދުވަސްތައް ގިނަ ވާން ފަށާފައެވެ. އަދި ސްކޫލްގެ ޕާފޮމަންސް އަށް އަދި ނަތީޖާއަށް އަސަރު ކުރަން ފަށާފައެވެ،" އާޒިމާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.