ބޮޑު ގައުމުގައި ކުޑަ ގައުމުގެ ވަލީދު ދައްކާ މިސާލު

ޝާޒު ވަލީދު ރަޝިޔާގެ ވެރިރަށް މޮސްކޯގަ ކުރަނީ ދިރުން ހުރި މަސައްކަތެކެވެ. އޭނާ ދައްކަވަނީ ފުރިހަމަ މިސާލެކެވެ. އޭނާ މޮސްކޯގައި މަޖާ ކުރައްވަނީއެއް ނޫނެވެ. ކުރައްވަނީ މަސައްކަތާއި ހިތް ވަރެވެ. މީ ފޮންޏެއް ކެނޑުއްވޭވަރުގެ ވެސް މަސައްކަތެކެވެ.

މުހައްމަދު އަފްރާހުގެ ރިޕޯޓް ކުރުމެއް: ރަޝިއާގެ ވެރިރަށް މޮސްކޯއިން

ރީތިކޮށް ހަދާފައި ހުރި އުސް އިމާރާތެއްގެ ކައިރިއަށް ކާރު މަޑުކޮށްލި އެވެ. އެއީ ވިއްސަކަށް މިނެޓްގެ ދުއްވުމަކަށް ފަހު އެވެ. ކާރު ތެރޭގައި އިންނައިރު ފެންނަ މަންޒަރަކީ އެ އިމާރާތުގެ ތެރެއަށް މީހުން ވަދެ ނުކުމެ ހަދާތަނެވެ. އެއީ ކޮންމެ ވެސް ބޮޑު މަސައްކަތެއް ހިނގާތަނެއްކަން އެނގޭ ވަރަށެވެ. ރަޝިއާގެ ވެރިރަށް މޮސްކޯގެ ތެރޭން މިއާދެވުނީ ރާއްޖޭގެ ޓޫރިޒަމްގައި އެއްވަނަ މާކެޓްގެ ގޮތުގައި ރަޝިއާ މާކެޓް ހިފަހައްޓައިދޭން އެންމެ އިސް ދައުރެއް އަދާ ކުރާ ރިސޯޓް ލައިފްގެ ކުންފުނީގެ ރިސޯޓް ހޮލިޑޭ އިން ރަޝިޔާގައި ހުޅުވައި ހިންގާ އޮފީހަށެވެ. މިއީ ޓޫރިޒަމްގެ ވިޔަފާރިވެރިޔާ ޝާޒް ވަލީދުގެ ރަޝިޔާ އޮފީ އެވެ. މި އާދެވުނީ ވަލީދު ރަޝިޔާއަށް މަހު ދެކޮޅު ގޮސް އުޅޭ ވާހަކަ ޓޫރިޒަމް ދާއިރާގެ މީހުން ކިޔާތީ އޭނާ އެ ކުރަނީ ކީއް ތޯ ބަލައިލާށެވެ. 

ވަލީދު ކާރުން ފޭބުމާއެކު ރަޝިއާގެ ޒުވާން ފިރިހެނަކު އައިސް ވަލީދު އާ ސަލާން ކޮށްލި އެވެ. ހީވާ ގޮތުގައި އޭނާ އަހަރެމެންގެ އިންތިޒާރުގައި ހުންނަތާ އިރުކޮޅެއް ވެއްޖެ އެވެ. 

"މިއީ މި އޮފީސް ބަލަހައްޓަން އެސިޓެންޓެއްގެ ގޮތުގައި އުޅޭ ކުއްޖެއް،" މޮސްކޯގެ ސެވްލޮސްކީގައި ހުންނަ ގުޑްމަން ބިލްޑިންގްގައި ހިންގާ އޮފީހުގެ ލިފްޓަށް އަރާން ހިނގައި ގަންނަވަމުން ވަލީދު ވިދާޅުވި އެވެ. 

ލިފްޓަށް އެރުމާއެކު އޮފީސް ފުންޏެއް ހިންގާ މި އިމާރާތުގެ ލިފްޓް ދުންޏެއްހެން މައްޗަށް ގޮސް ހުއްޓުނީ ވަލީދުގެ ރަޝިއާ އޮފީސް ހިންގާ ހަވަނަ ބުރީގައި ހުންނަ ރިސޯޓް ހޮލިޑޭ ހުންނަ ފްލޯ އަށެވެ. އެ އޮފީހުގެ ދޮރު ހުޅުވުމާއެކު އިހުސާސް ކުރެވުނީ އަލުން ރާއްޖެއަށް އާދެވުނީ ކަމަށެވެ. ފުރަތަމަ މޫނު ޖެހޭ ރިސެޕްޝަން އޭރިއާގެ ފުރަގަހުގައި ހުރި ޓީވީއެއްގައި ދައްކަމުން ދިޔައީ ދިވެހި ރާއްޖޭގެ ރީތި މަންޒަރުތަކެވެ. ނޫވިލު މޫދާއި ދޮން ފަޅު ވިލާއި ހުދު ވެއްޔާ ދޮންވެލީގެ ޖަޒީރާ ރިސޯޓުތަކެވެ. ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓެވެ. ހުރިހާ މަންޒަރެކެވެ. ކައުންޓަރު މަތީގައި ވިހުރޭން ދިވެހި ދިދައެއް ބަހައްޓާފައި ވެއެވެ. 

"މަރުހަބާ .. މަރުހަބާ! މަރުހަބާ އިނގޭތޯ!" 

އޮފީހުގެ މިހާ ހިސާބުން ހޫނު މަރުހަބާއެއްކީ ވަލީދު އޮފީހުގެ އެންމެ ސީނިޔަ މުވައްޒަފުންގެ ޓީމަކުންނެވެ.  

ވަލީދު ރަޝިއާގައި ހިންގާ ރިސޯޓް ހޮލިޑޭ ކުންފުނީގެ ބައެއް މުވައްޒަފުން -- މުހައްމަދު އަފްރާހު | މި

"މި ވަދެވުނީ އަޅުގަނޑުގެ 100 ޕަސެންޓް އިންވެސްޓްމަންޓެއްގެ ތެރެއަށް. ރަޝިއާގައި ފޮރިން އިންވެސްޓްމަންޓެއް ކުރެވޭނީ މި ކޮޅުގެ މީހަކު ލައިގެން އެހެންވެ މި ކޮޅުގެ ސީއީއޯއެއް ވެސް ހުންނާނެ،" ލައިގެން ހުންނެވި ފިނި ހެދުން މުވައްޒަފަކާ ހަވާލު ކޮށްލައްވަމުން ވަލީދު ވިދާޅުވި އެވެ. 

މިއީ އަޅުގަނޑުގެ 100 ޕަސެންޓް އިންވެސްޓްމަންޓެއް. ރަޝިއާގައި ފޮރިން އިންވެސްޓްމަންޓެއް ކުރެވޭނީ މިކޮޅުގެ މީހަކު ލައިގެން އެހެންވެ މިކޮޅު ސީއީއޯއެއް ވެސް ހުންނާނެ،

ޝާޒް ވަލީދު | ރިސޯޓް ހޮލިޑޭގެ ސީއީއޯ

މޮސްކޯގައި މިހާރު ވަލީދު ހުއްޓަސް މީގެ ފަސް އަހަރު ކުރީގައި އޭނާ ހުރީ މި ގައުމަކު ނޫނެވެ. އޭރު އޭނާގެ ވިޔަފާރި އޮތީ ކައިރީގައި އޮންނަ ޔޫކްރޭނުގަ އެވެ. އެ ގައުމުގައި ހުންނަވައިގެން ރާއްޖެ ވިއްކާތާ އޭރު އެތައް ދުވަހެއް ވަނީ ވެފަ އެވެ. އެ ގައުމުގައި ހުންނަވައި މުޅި ދުނިޔެއަށް ރާއްޖެ ވިއްކަމުން ގެންދެވި އެވެ. އެ މަސައްކަތުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ބޫސްޓެއް ހޯއްދަވައި ދެއްވާފައި ވަނިކޮށް ދުނިޔެއާ ލައްވާލީ ކޮވިޑުގެ ބަލާ އާފާތެވެ. 

އޭރު ރާއްޖޭގެ ޓޫރިޒަމްގައި ރަޝިއާ އޮތީ ހަތަރު ވަނައިގަ އެވެ. އެއްވަނާގައި އޮތީ ޗައިނާ އެވެ. ކޮވިޑާއެކު ޗައިނާގެ ބޯޑަރު ބަންދުވެ ރާއްޖޭގެ ޓޫރިޒަމްގައި "މަރުތަޅު" އެޅުވިގެން ދިޔަ އެވެ. އެ ވަގުތު ރާއްޖޭގެ ޓޫރިޒަމް ބޯހިއްލައިލަން އަތުކުރި އޮޅާލައިގެން ތެދުވި އެއް ބޭފުޅަކީ ވަލީދެވެ. ކޮވިޑުގެ އެންމެ ނުރައްކާ ވަގުތު ރާއްޖޭން ދަތުރު ކުރައްވާ ރަޝިއާ ރީޖަނުން ޗާޓަރު ފްލައިޓެއް  ރާއްޖެ ގެނައުމުގެ މަސައްކަތް ފެއްޓެވި އެވެ. އޭގެ ނަތީޖާއަކީ ރާއްޖޭގެ ޓޫރިޒަމް ހިންދެމިލަން ވަގުތު ލިބުމެވެ. އެކަން ޓޫރިޒަމް ދާއިރާގެ ބާނީން ކަމަށްވާ ޗަމްޕާ ހުސެއިން އަފީފު ފާހަގަކޮށް ވަލީދުގެ މަސައްކަތަށް ތައުރީފު ކުރައްވަ އެވެ. 

ރިސޯޓް ހޮލިޑޭ އޮފީހުގައި އިންނަ ތްރީޑީ ޗާޓު -- މުހައްމަދު އަފްރާހު | މި

ރަޝިއާގައި ދިވެހި ވަންނަ އޮފީހެއް

ކޮވިޑާއެކު ޓޫރިޒަމްގެ ގިނަ ބަޔަކު ގޮތް ހުސްވެ ދެއަތް އުރާލައި ހަދާނެ ގޮތެއް ނެތިފައި ތިބި އިރު ހިތްވަރާއެކު ގައުމުން ބޭރުގެ ވަލީދު  އުޅުއްވީ މާސްކު އަޅުއްވައި ސެނެޓައިޒާ ފުޅި ހިއްޕަވައިގެން ރާއްޖޭގެ ޓޫރިޒަމް އަލުން ނެގޭނެ ގޮތެއް ހޯއްދަވާށެވެ. އޭނާ އެ ދަތުރުތައް ކުރެއްވުމުގެ ނަތީޖާއަކީ ހަނި މަގަކުން ދަތުރުކޮށް ފުޅާމަގަކަށް ދާން ރާއްޖެއަށް މަގު ފަހިވެގެން ދިއުމެވެ. އޭގެ ފަހުން ވެސް ވަލީދަށް ކުރިމަތިލައްވަން ޖެހި ވަޑައިގަތީ ކުރިން ހީވެސް ކޮށްފައި ނެތް މައްސަލަ އެކެވެ. ރަޝިއާ - ޔޫކްރޭން ހަނގުރާމަ ފެށި އޭނާގެ ޔޫކްރޭން އޮފީސް ބަންދުކޮށް ހުރިހާ އެއްޗެއް ވިއްކާލައި ހުސްއަތާ ޖާނައިގެން އަންހެނުންނާއި ކުދިން ކޮޅު ގޮވައިގެން އެ ގައުމުން ބޭރުވާން ޖެހުނީ އެވެ. ޔުކްރޭނުގައި ފަށައި ބޮޑު ކުރި ވިޔަފާރީގެ ދޮރު ބަންދުކޮށް ވިޔަފާރިއެއްކޮށް ހުއްޓާލެއްވި އެވެ. ހަމަ އެވަގުތު ވަލީދު އެޅުއްވެވި ދިގު ފިޔަވަޅަކާއެކު މިހާރު ހުންނެވި މޮސްކޯގައި ފައި ހަރުކުރަން ފުރުސަތު ހޯއްދެވި އެވެ. 

"މިހާރު މިތާ ހުއްޓަސް ހަގީގަތުގައި ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވި. މިކޮޅުގައި [ރަޝިއާ] ގަ ސެޓަޕެއް ހެދުމަކީ ވަރަށް މަސައްކަތް. ވަރަށް ކަނެކްޝަން. ލިބުނު ފައިސާކޮޅުން ސޭވް ވެފައި ހުރިހާ އެއްޗެއް ލޯމަރާލާފައި ކޮވިޑުގެ ތެރޭ ރިސްކު ނަގާފައި ފެށީ. އިންޝުއަރެންސަށް އެކަނި ވެސް އެތައް ލައްކަ ޑޮލަރެއް ބަހައްޓަން ޖެހުނު ފުރަތަމަ ފަށަން،" ރަޝިއާގައި ފުރަތަމަ މަސައްކަތް ފެއްޓެވި ގޮތުގައި ސުރުހީއެއް ވަލީދު އެޅުއްވި އެވެ.   

ރިސޯޓް ލައިފްގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު -- މުހައްމަދު އަފްރާހު | މި

ރިސޯޓް ހޮލިޑޭ ރަޝިޔާ އޮފީހަށް ވަދެގެން އަންނައިރު މޫނު ޖެހޭ ފާރުގައި ތްރީޑީ ޗާޓެއް ހަރުކޮށް އެ ޗާޓުގައި ރާއްޖެ ފާހަގަ ކޮށްފައި ވެއެވެ. އެ ފާރުގައި ފެހިކުލައިން ފަވާލައި ފާހަގަކޮށްފައި ވަނީ ދިވެހިރާއްޖެ އެވެ. މި އޮފީހުގެ ތެރެއަށް ވަދެގެން އަންނަ އިރު މިއީ ދިވެއްސެއްގެ ތަނެއްކަން ނޭނގި ނުދާނެ ވަރުކޮށްފައި ވެއެވެ. އޮފީހުގެ އެކި ދިމާއިން ވެސް ދިވެހި ވަންތަކަން ފެނެ އެވެ. ދިވެހި ދިދައިގެ ވިހުރުން ފެނެ އެވެ. ރާއްޖޭގައި ހުންނަ އޮފީހެއްގައި ވެސް މި ވަރަށް ދިދަ ހުންނާނެހެން ހިއެއް ނުވެ އެވެ. މުޅި މި ސެޓަޕުން ވެސް ދިވެހިރާއްޖެއަށް އަމިއްލަ ވަޒަނަށް ވަލީދުގެ އޮތް ލޯތްބާއި ގަދަރު ފެނެ އެވެ. 

މަސައްކަތް ކުރަން އިންނަ މޭޒުގެ ކުރިމަތީގައި ރާއްޖޭގެ ދިދައެއް ހުރި އިރު މީޓިން ރޫމުގެ އަރިމަތީގައި ރިސޯޓް ލައިފް އިންސްޕަޔާ ބައި ފްރީޑަމް މިހެން ލިޔެފައިވެ އެވެ.  މީޓިން ހަދާ މި ކޮޓަރިއަށް ވަނުމާއެކު މުވައްޒަފަކު އައިސް ކޮފީތައްޓެއް ނޫނީ ފެންފޮދެއް ބޭނުންތޯ އެހި އެވެ. 

ބޮޑު ގައުމުގައި ކުޑަ ގައުމުގެ ވިޔަފާރިއެއް

ވަލީދު ރަޝިއާގައި މި އޮފީސް ހުޅުވީ ދާއިރާގެ މީހުން ކޮޅެއް ރަޝިޔާއިން ހޮވާލައިގެނެވެ. އޭނާގެ މި މަސައްކަތުގައި މިހާރު 40 އަށް ވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާއިރު މި އޮފީސް ހިންގުމުގެ އެންމެ އިސްކޮށް ތިއްބަވާ ތިން ބޭފުޅުންނަކީ ވެސް ރަޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގެ ދަންނަ ފަރިތަ މޫނުތަކެކެވެ. 

"ކޮވިޑުގެ ކުރީގަ މި މީހުންނަކީ މި ތަނުގައި އެހާ މަގުބޫލު ބައެއް ނޫން. އެކަމަކު މިހާރު އެއީ މި ދާއިރާގައި ރަޝިއާގައި ތިބި އެންމެ ކުޅަދާނަ އަދި މި ކަމުގައި އެންމެ މަގުބޫލު ވެސް މީހުން. ހުރިހާ ގޮތަކުން ވެސް. މިއީ އެންމެ ބެސްޓް ޓީމް. އެހެންވެ މި މުވައްޒަފުންނަށް ހިއްސާ ވެސް ދިނީ. އެއީ އަޅުގަނޑު ގުޑްވިލްގަ ކުރި ކަމެއް. އެ މީހުން ހަމަ ރަނގަޅުކަމުން،" ވަލީދުގެ ޓީމުގެ މަސައްކަތް ފާހަގަ ކުރަމުން އޭނާ ވިދާޅުވި އެވެ. 

ވަލީދު ރަޝިއާގައި ހިންގާ ރިސޯޓް ހޮލިޑޭ ކުންފުނީގެ ބައެއް މުވައްޒަފުން -- މުހައްމަދު އަފްރާހު | މި

މި ކޮޓަރި ރަނގަޅަށް ހަމަޖެހި ނުލެވެނީސް ބޮޑު މައްސަލައެއް ފެންމަތިވި އެވެ. މައްސަލަ އޮތީ ވަރަށް ހޫނުކޮށެވެ. ރަޝިއާއިން ބޭރުކޮށް އެތެރެ ކުރާ ޑޮލަރަށް އެ ގައުމުން އިތުރު ފީއެއް ނަގަން ފެށި ވާހަކަ މި ޓީމުގެ އިސް ބޭފުޅަކު ވަލީދު އަރިހުގައި ދަންނަވައިފި އެވެ. މިއީ މުޅި ވިޔަފާރިއަށް ވެސް ކުރިމަތިވާނެ ބޮޑު ޗެލެންޖަކަށެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ 

މިއީ ބޮޑު މައްސަލަ އެކެވެ. އެކަމަކު ވަލީދު ރިސޯޓް ހޮލިޑޭ ޓީމަށް ލާފައި ތިބީ މިފަދަ މައްސަލަތައް ހައްލު ކުރެވޭ ވަރުގެ އެކްސްޕާޓުންނެވެ. މީގެ އެއް ހުނަރުވެރިއަކީ އަނާ އެވެ. އޭނާ މި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ވަލީދުގެ ލަފާގެ މަތިން މީޓިން ކޮޓަރީގައި ހުންނަވައި ފެއްޓެވި އެވެ. ރަޝިއާ ބަހުން ދެތިން ކޯލެއް ކުރެއްވުމަށް ފަހު އިނގިރޭސި ބަހުން ވަލީދު އަށް ދެއްވި ބްރީފިންގައި އެކަމުގެ ހައްލު ވިދާޅުވެ ދެއްވި އެވެ. ދެން ހަދަން ޖެހޭ ގޮތް ވެސް ވިދާޅުވެ ދެއްވި އެވެ. 

އަނާ ނުވަތަ ރިސޯޓް ހޮލިޑޭގެ ޓީމުން ކިޔާ ގޮތުންނަމަ "އަޔަން ލޭޑީ" އަކީ މި ފަދަ ކޮންމެ މައްސަލައެއް ވެސް ހައްލު ކުރެއްވޭ ވަރުގެ ކުޅަދާނަ ހުނަރުވެރިއެކެވެ. 

މި ޓީމުގައި ހިމެނޭ ރަމްޒީ ކުޒްމިން އަކީ ވެސް އެ ފަދަ ހުނަރު ވެރިއެކެވެ. އަދި ޓީމް ކޮންމެ މީހަކީ ވެސް ލީޑަރެކެވެ. ކޮންމެ ގޮންޖެހުމެއް ކޮންމެ ދިމާލަކުން އައި ނަމަވެސް ހައްލު ކުރެވޭ ވަރުގެ ހުނަރުވެރިންނެވެ. މި ޓީމުން ދުނިޔޭގެ 11 ގައުމެއްގައި ޓޫރިޒަމް އޮޕަރޭޓް ކުރެ އެވެ. އެ  މީހުންގެ ހާއްސަ ގައުމަކީ ދިވެހި ރާއްޖެ އެވެ. ވަލީދު ހުންނަވަނީ ބައްލަވާށެވެ. މަހު ދެކޮޅު ރަޝިޔާއަށް ވަޑައިގަންނަވަނީ އެހެންވެ އެވެ. 

ވަލީދުގެ ރަޝިޔާ ޓީމުގައި ޒަމާނީ ހިޔާލު އުފަން ކުރުވާ ސިކުނޑިތަކެއް ހިމެނެވެ. އެ މީހުންގެ މަސައްކަތަކީ ވަލީދުގެ ތަޖުރިބާ އިން ސިފަކޮށް ދެއްވާ ތަސްވީރު ކުލަކޮށް އެ ހަގީގަތަކަށް ހައި ދިނުމެވެ. އެކަން ފެންނަނީ ރިސޯޓް ލައިފް / ރިސޯޓް ހޮލިޑޭސްގެ މަސައްކަތްތަކުންނެވެ. މާކެޓިން މެޓީރިއަލް ތަކާއި ބާއްވާ އިވެންޓުތަކުގައި ދައްކާ ކުލަތަކުންނެވެ. ދުނިޔޭގެ ބޮޑެތި ފެއާތަކުގައި ދިވެހި ސަރުކާރުން މިލިއަން ޑޮލަރުގެ ބަޖެޓުން ކުރާ ހޭދައާ ނުބައްދަލު، ބޮޑު ނަތީޖާ ނެރެނީ ކުޑަ ހޭދައަކުންނެވެ. 

"އަހަންނަކީ ވެސް މާލޭ މީހެއް، އެހެން ވިޔަސް ކުޑައިރު ވަރަށް ފަގީރުކޮށް ދަތީގަ އުޅުނީ! އަހަރެން ލަދެއް ނުގަނޭ އެ ވާހަކަ ދައްކާކަށް ވެސް... އެހެންވެ ރަނގަޅަށް ކިޔެވިފައެއް ވެސް ނެތް!  މިއީ ހަގީގަތް! ހަމަ މަސައްކަތުން ދަސް ކުރި އެއްޗަކުން އެއްޗެއް މި އެނގުނީ. ފުރަތަމަ އެއާޕޯޓަށް ގޮސް ބުކިން ނުހަދައި އަންނަ ޓޫރިސްޓުން ރިސޯޓް ތަކަށް ފޮނުވައިގެން އުޅުނީ. ގެސްޓް މީހާ މާލޭގެ ހޮޓަލަށްލާފަ ހޮޓާ ކުރިމަތީގަ ނުނިދާ އިންނަން އޭނާ ހޭލާގެ ވަގުތަކަށް. އޭނަ ހޭލީމަ ގޮސް ރިސޯޓަށް ލަނީ." 

މިއީ ވަލީދު ދަތުރު އޭނާ ފެއްޓެވި ގޮތެކެވެ؛ އެކަމަކު މިހާރު މި ފެންނަނީ ވަލީދު ވަޑައިގެން ހުންނެވި ހިސާބެވެ. ކުންފުނީގެ ޑެއިލީ އޮޕަރޭޝަންގެ ތެރެއަށް ވަލީދު މިހާރު ނުވަންނަވަ އެވެ. ހަމައެކަނި ކުރައްވާ ކަމަކީ ކަންކަން ހިނގާ ގޮތް ބައްލަވައިލެއްވުމާއި ހިތްވަރު ދެއްވުމެވެ. އެކަމުގައި ދުވާލެއްގެ ހަތަރުދަން ވަލީދު ހޭދަކުރައްވަ އެވެ. 

ދުވަހުގެ ގިނަ ބައި މަސައްކަތުގައި

ވަލީދު ރަޝިއާގައި ހިންގާ ރިސޯޓް ހޮލިޑޭ ކުންފުނީގެ އިސްވެރިން -- މުހައްމަދު އަފްރާހު | މި

ރަޝިއާ އަށް ދަނީއޭ ބުނުމުން ގިނަ މީހުން ހީކުރާނީ އެދަނީ މަޖާ ކުރާން ކަމަށެވެ. އެކަމަކު ވަލީދު، ހެނދުނު ސައިން ދުވަސް ފައްޓަވައި ދަމެއް ނިންމާލަނީ ވިޔަފާރީގެ ބައްދަލުވުން ތަކުގަ އެވެ. ކަން ދިމާވި ގޮތުން ވަލީދު ވެސް ހުންނެވީ އަހަރެން ހުރި ރަޝިއާގެ މެރިއޮޓަލުގަ އެވެ. ރަޝިޔާއަށް އައިސް މި ހޮޓަލުގައި ހުރި ހަފުތާއެހާ ދުވަހު ފެނުނީ ކުރިން މީހުން ކިޔައިންދިން ތަސްވީރެއް ނޫނެވެ.

ކޮންމެ ދުވަހެއްގެ ހެނދުނު ފައްޓަވާ މީޓިންތައް ހަވީރަށް ވާއިރު ވެސް ނުނިމެ އެވެ. ފުލުފުލުގައި އުޅުއްވަނީ މަސައްކަތުގަ އެވެ. މި ހޮޓަލުގެ ތިރިން ކަޅު ކޮފީއަކާއި ސެލެޑެއް ބައްލަވައިގެން އިންނަވަނީ މަސައްކަތުގަ އެވެ. ރޭގަނޑުވުމުން ޖިމަށް ވަޑައިގެން ކަސްރަތު ކުރައްވާފައި އިރާކޮޅު އަވާހަރަފުޅު ލައްޕަވަނީ އެވެ. އަނެއް ދުވަހުގެ ސެޑިއުލްވެސް ހަމަ ތަފާތެއް ނޯވެ އެވެ. 

"މިއީ ވަރަށް ފްރީ ގައުމެއް. ވަރަށް ހިތް ގައިމު ގައުމެއް. މީގަ އެންމެ މުހިންމީ ރެސްޕެކްޓް ހޯދުން. ރެސްޕެކްޓަކީ ހޯދީމަ ލިބޭ އެއްޗެއް. މި މީހުންނަށް އަހަރެމެން ޖެހޭނީ މިސާލަކަށް ވާން،" 

ވަލީދު މި މޮސްކޯގަ ކުރަނީ މި ކަމެވެ. ދައްކަވަނީ މިސާލެވެ. ކުރަނީ މަޖަލެއް ނޫނެވެ. ކުރަނީ މަސައްކަތާއި ހިތް ވަރެވެ. ކަނޑަނީ ފޮންޏެއް ނޫނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.