އިޓަލީގެ ފެޝަން ބްރޭންޑް ޑޮލްޗޭ އެންޑް ގައްބާނާއިން ތަރައްގީ ކުރާ ރަށުގެ މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް މި ރަށް ތަރައްގީ ކުރަނީ ރިއަލްއެސްޓޭ ކުންފުނި ދާރުގްލޯބަލްއާ ގުޅިގެން ކަމަަށް ބުނެފައިވެ އެވެ.
ރާއްޖޭގައި ދުނިޔޭގެ މަޝްހޫރު ބައެއް ފެޝަން ބްރޭންޑުތަކުގެ ރިސޯޓު ހިންގަ އެވެ؛ ނަމަވެސް މި ފަހަރު ރާއްޖޭގެ ޓޫރިޒަމްގައި އިންވެސްޓް ކުރާނެކަން އިއުލާނުކުރި މި ބްރޭންޑަކީ މިހާތަނަށް ރާއްޖެ އަންނަ އެންމެ މަޝްހޫރު އެއް ބްރޭންޑެވެ. އެއީ މަޝްހޫރު ފެޝަން ބްރޭންޑް އިޓަލީގެ ޑޮލްޗޭ އެންޑް ގައްބާނާ (ޑީއެންޖީ) އެވެ.
ރާއްޖެއަށް ފުރަތަމަ ޓޫރިސްޓުން އަންނަ ފެށި އިޓަލީވިލާތަށް ނިސްބަތްވާ ޑޮލްޗޭ އެންޑް ގައްބާނާ އިން މިވަނީ އެ ކުންފުނީގެ ފެޝަން ވިޔަފާރީގެ އިތުރުން ރިއަލްއެސްޓޭޓްގެ ތެރެއަށް ފައިބާނެކަން ދުނިޔެއަށް އިއުލާނު ކޮށްފަ އެވެ.
ކޮންސްޓްރަކްޝަން ސިނާއަތުގެ އެންމެ ތަފާތު ވިޔަފާރިއަށް ފައިބާނެ ކަން އިއުލާނު ކުރި ހަބަރު މިހާރު ދުނިޔޭގައި ބާރަށް ފެތުރެމުން ދާއިރު ޑޮލްޗޭ އެންޑް ގައްބާނާ އިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން އެންމެ ފުރަތަމަ އިންވެސްޓް ކުރަން ވިސްނާފައިވާ ތިން ގައުމަކީ އެމެރިކާ އާއި ދިވެހި ރާއްޖެ އަދި ސްޕެއިންނެވެ.
މިގޮތުން ރާއްޖޭގައި ރިސޯޓެއް ހަދާނެކަމަށް ޑޮލްޗޭ އެންޑް ގައްބާނާ ކުންފުނިން ބުނެފައިވެ އެވެ. ރާއްޖޭގައި މި ރިސޯޓު ހަދަން އިންވެސްޓް ކުރަން ނިންމާފައި ވަނީ ރިއަލްއެސްޓޭޓް ކުންފުންޏެއް ކަމަށްވާ ދާރުގްލޯބަލްއާ ގުޅިގެން ކަމަށް ވެސް ބުނެފައިވެ އެވެ.
އެމެރިކާގެ މަޔާމީގައި ހުންނަ ޖޭޑީއެސް ޑިވެލޮޕްމަންޓް ގްރޫޕާއި މާބެލާގެ ސިއެރާ ބްލެންކާ އެސްޓޭޓްސްއާ ގުޅިގެން މީހުން ދިރިއުޅޭ އެޕާޓްމަންޓް ތަކެއް ހަދަން އިންވެސްޓް ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޑޮލްޗޭ އެންޑް ގައްބާނާ އިން ރާއްޖޭގައި އިންވެސްޓް ކުރަން ނިންމާފައިވާ އަދަދާއި މި މަޝްރޫއު ހިންގަން ނިންމާފައި ވަނީ ރާއްޖޭގެ ކޮން ރަށެއްގައި ކަމެއް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ބައި ގަރުނުގެ ތެރޭގައި ދުނިޔޭގެ މަަޝްހޫރު ފެޝަން ބްރޭންޑުގެ ރިސޯޓުތައް ހުޅުވާފައިވެ އެވެ. މިހާރު ރާއްޖޭގައި ހިންގާ އެންމެ މަޝްހޫރު ފެޝަން ބްރޭންޑަށް ނިސްބަތްވާ ރިސޯޓަކީ ފްރާންސްގެ މަޝްހޫރު ލަގްޒްރީ ފެޝަން ބްރޭންޑް ލުއިވުޓޮންގެ ރިސޯޓެކެވެ. މި ރިސޯޓު ހިންގަނީ ނ. އަތޮޅުގަ އެވެ.