ކުޑަކުދިންނަށް ބޭނުންވާ އިތުރު އެހީގެ ތެރެއިން ހާއްސަކޮށް އެކިއެކި ތެރަޕީ ބޭނުންވާ ކުދިންނަށް އެ ސެންޓަރުން ހިދުމަތް ލިބޭނެ އެވެ.
ކެއާ ސޮސައިޓީގެ ހިދުމަތްތައް ފުޅާ ކުރަން ހުޅުމާލޭ ހިޔާ އަވަށުގައި އާބަންކޯއާ ގުޅިގެން ތެރަޕީ، ރިހިބިލިޓޭޝަން އާއި އިންޓަވެންޝަން ހިދުމަތްތަކަށް އަމާޒު ކޮށްގެން "ހިޔާ އެނެކްސް" ގެ ނަމުގައި ސެންޓަރެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
މި ސެންޓަރު ހިންގަން ކެއާ ސޮސައިޓީ އާއި އާބަންކޯ އާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. ކެއާ ސޮސައިޓީ އިން ބުނީ މި ސެންޓަރުގެ މަސައްކަތް އަންނަ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
މި ސެންޓަރުގައި އެކި އުމުރުފުރާގެ ކުދިންނަށް ބޭނުންތެރި ޕްރޮގްރާމްތައް ހިންގާނެ އެވެ. އެގޮތުން ހަ އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ކޮށްގެން ހުނަރު ތަރައްގީ ކުރަން އާލީ އައިޑެންޓިފިކޭޝަން އާއި އާލީ އިންޓަވެންޝަން ފޯރުކޮށްދިނުމަށް ޕްރޮގްރާމް ހިންގާނެ އެވެ.
ކެއާ ސޮސައިޓިން ބުނި ގޮތުގައި މި ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ކުދިންނަށް އާމްދަނީ ހޯދޭނެ ގޮތްތައް ނުވަތަ ވަޒީފާއަށް ނެރުމަށް ތައްޔާރު ކޮށްދެވިގެން ދާނެ ކަމަށެވެ.
ކުޑަކުދިންނަށް ބޭނުންވާ އިތުރު އެހީގެ ތެރެއިން ހާއްސަކޮށް އެކިއެކި ތެރަޕީ ބޭނުންވާ ކުދިންނަށް އެ ސެންޓަރުން ހިދުމަތް ލިބޭނެ އެވެ.
އަދި އުނގެނުމުގައި އެކިއެކި ދަތިތައް ހުންނަ ކުދިންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދީ ވަކިވަކި މާއްދާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އަލަށް ސަބްޖެކްޓް ކޯޗިން ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަމަށް ވެސް ކެއާ ސޮސައިޓީ އިން ބުނެ އެވެ.
ލަސްވެގެން އަންނަ އޮގަސްޓަ މަހު އެ ސެންޓަރުގެ ހިދުމަތް ފަށައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.