އެއާޕޯޓް ހަދަން ފައިސާ ހޯދާގޮތް ކަނުއަނދިރީތެރޭ ފޮރުވައިގެން

ރާއްޖޭގައި ޑޮމެސްޓިކް އެއާޕޯޓް އަޅައި ދޭ ކުންފުންޏެއް ނަމަ އެންމެ މަދުވެގެން ފަސް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 77 މިލިއަން ދިވެހި ރުފިޔާ) ހޯދަން ސަރުކާރުން ފުރަތަމަ އޮތީ ލާޒިމް ކޮށްފަ އެވެ.

ޑޮމެސްޓިކް އެއާޕޯޓު އަޅަން ފައިސާ ހޯދަން މުނި އެންޓަޕްރައިސަސްއާއެކު ސޮއި ކުރަނީ -- ޕްލޭނިން
  •  އެ މައުލޫމާތު ދޭކަށް ނުކެރޭނެ ކަމަށް ބުނޭ
  •  ދީފިނަމަ ސިއްރު ނުހިފެހެއްޓޭ ދައުވާ ކޮށްފާނެ ކަމަށް ބުނޭ

ޑޮމެސްޓިކް އެއާޕޯޓްތައް އަޅަން ފައިނޭންސް ދޭން މިހާތަނަށް އެއްބަސްވުންތައް ހަދާފައިވާ ފަރާތްތަކުގެ ނަމާއި އެ ކުންފުނިތަކުގެ ނަން ތައް / އަދި ގައުމު އެނގޭ ގޮތަށް ހޯދައި ދޭން ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރީގައި "މި" ނޫހުގެ ރިޕޯޓަރަކު އެދުމުން އެ މިނިސްޓްރީން ދިން ޖަވާބަކީ "ތިޔަ މައުލޫމާތު ދޭކަށް ލާހިކެއް ނޫނެ" ވެ. ސަބަބަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ 

އެހައި ބިރު ގަންނަ ސަބަބެއް ކަމަށް އެ މިނިސްޓްރީން ބުނީ "ތިޔަ މައުލޫމާތު ދީފިނަމަ ސިއްރު ނުހިފެހެއްޓުމުގެ ދައުވާ ސަރުކާރުގެ މައްޗަށް ކޮށްފާނެ" ކަމަށެވެ. ސަރުކާރުގެ އެ ބަހަނާއާއެކު މިލިއަން ޑޮލަރުން ފައިސާ ހޯދައިގެން އެއާޕޯޓް އަޅަން ހިންގާ މަޝްރޫއުތައް އެކަށް ސިއްރުކޮށް އެ ވަނީ ކަނު އަނދިރީތެރޭގައި ފޮރުވާފަ އެވެ. 

ސަރުކާރުން ވަނީ އެތެރޭގެ ހަ އެއާޕޯޓެއް ތަރައްގީ ކުރަން ފައިނޭންސް ހޯދާނެ ފަރާތްތަކެއް ނަގަން އިއުލާނު ކޮށްފަ އެވެ. މި އެއާޕޯޓްތައް ތަރައްގީ ކުރަނީ ރާއްޖޭން ފަޅެއް ނުވަތަ ރަށެއް ދޭ ގޮތަށް ހަދާ އެއްބަސްވުން ތަކަކުންނެވެ. މިހާތަނަށް އެކި ގޮތްގޮތުން "މި" ނޫހަށް އެނގިފައިވާ ގޮތުގައި ހަތަރު ފަރާތަކާ އެކު ވަނީ އެފަދަ އެއްބަސްވުންތަކެއް ހަދާފަ އެވެ. 

  •  ރޭންކް ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް އިންޑިއާ
  •  ހެޕީ މާކެޓުގެ ކުންފުނި، އަންގިރި ރިސޯޓްސް މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑް
  •  ދިވެހި ވިޔަފާރިއެއް ކަމަށްވާ މުނި އެންޓަޕްރައިޒަސް
މިއީ ކިހިނެއް ހިނގާ ކަމެއް؟ - ޑޮމެސްޓިކް އެއާޕޯޓް ހަދާ ކުންފުންޏެއް ނަމަ އެންމެ މަދުވެގެން ފަސް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 77 މިލިއަން ރުފިޔާ) ހޯދަން ފުރަތަމަ ސަރުކާރުން އޮތީ ލާޒިމް ކޮށްފަ އެވެ. ނަމަވެސް ފޮރުވައިގެން ކުރިއަށްދާ މި މަސައްކަތްތަކުގެ އިއުލާނަށް ބަދަލު ގެނެސް އެންމެ ފަހުން ވަނީ މި އަދަދު، ތިން މިލިއަން ޑޮލަރު 46 މިލިއަން ރުފިޔާއަށް ދަށް ކޮށްފަ އެވެ.

ހަ އެއާޕޯޓަށް ބޮޑު އިންވެސްޓްމަންޓެއް

  • 1.ހދ. މަކުނުދޫ: 23.3 މިލިއަން ޑޮލަރު
  • 2.ށ. ބިލަތްފަހި: 23.6 މިލިއަން ޑޮލަރު
  • 3.ބ. ތުޅާދޫ: 21.9 މިލިއަން ޑޮލަރު
  • 4.ތ. ވިލުފުށި: 33.3 މިލިއަން ޑޮލަރު
  • 5.ފ. މަގޫދޫ: 8.2 މިލިއަން ޑޮލަރު
  • 6.ރ. އަތޮޅު ދެކުނު ބިތުގައި (ރަށް ކަނޑައެޅިފައި ނުވާ) - 23.6 މިލިއަން ޑޮލަރު

މި އަދަދަށް ފައިސާ ހޯދުމުން އެއާޕޯޓް އަޅާ ފަރާތްތަކަށް ރާއްޖޭން ހޮވާލާފައި ރީތި ރަށެއް ދޭނެ އެވެ. ނަމަވެސް މިހާތަނަށް މަޝްރޫއު ހިންގަން ސޮއި އެޅި ކުންފުނިތަކަށް ދިން ރަށްތަކުގެ މައުލޫމާތެއް ވެސް ދިވެހި ސަރުކާރަކުން ނުބުނެ އެވެ. އެކަން ވެސް އޮތީ ކަނު އަނދިރީގެ ތެރެއަށް ގެންގޮސްފަ އެވެ. އެހެން ނަމަވެސް ކްރޮސް ސަބްސިޑީގެ މަޝްރޫއުތަކަށް ދޭނެ ރަށްތަކެއްގެ ލިސްޓެއް އާއްމު ކޮށްފައި ވެއެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ އަހަރު ހަތަރު އެއާޕޯޓެއް އަޅަން ފައިސާ ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ފައިސާ ލިބުނު ކަމަށް ވިދާޅުވެފައިވާ ރަށްތަކަކީ ހދ. މަކުނުދޫ އާއި ށ. ބިލެތްފަހީގެ އިތުރުން ބ. ތުޅާދޫ އާއި ތ. ވިލުފުށީގައި އެއާޕޯޓް އަޅަން ބޭނުންވާ ފައިސާ އެވެ. 

ކްރޮސް ސަބްސިޑީއަށް ބަހާ ރަށްތައް

  • 1.ޅ. މެއްޔަފުށި
  • 2.ތ. ދިއްފުށި
  • 3.ތ. ކަޅުފަހަލަފުށި
  • 4.ގއ. ފުލަނގި
  • 5.ށ. ކުޑަޅައިމެންދޫ
  • 6.ނ. ކުންނަމަލެއި
  • 7.ނ. ދެކެނަންފަރު
  • 8.ނ. ދިގުފަރު ފަޅު

ސަރުކާރުން ދަނީ ކްރޮސް ސަބްސިޑީގެ ދަށުން މަޝްރޫއު ހިންގަން ހަވާލުވާ ފަރާތްތަކަށް ފަޅުތައް ވިއްކަމުންނެވެ. މިހާތަނަށް ހާމަ ކޮށްފައި ވަނީ މާލޭގެ ރައްޔިތުންނަށް ގޯތިދޭން ގިރާވަރު ފަޅު ހިއްކަން ނ. އަތޮޅުގެ ފަޅަކާއި ރަށެއް 27 މިލިއަން ޑޮލަރަށް ވިއްކާލި މުއާމަލާތެއްގެ މައުލޫމާތެވެ. 

ކޮމެންޓް

1
450
ނުބުނާނަން
1 year ago

ރާއްޖޭގައި ފަޅު ނުވިއްކަ ދެން ކޮންގޮތެއް އޮތީ ބިލިޔަން ޑޮލަރ މަޝްރޫޢުތައް ތަރައްޤީ ކުރުމަށް؟ ކުރިންވެސް ފަހުންވެސް ހަމަ ދެން ވިއކާނީތާ ދޯ. ރައްޔިތުން ބޭނުންވަނީ ދުނިޔެވީ ތަރައްޤީ އެއްނުން؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.