ކާއްޓަކީ ރާއްޖޭގެ ކޮންމެ ގޭބިސީއެއްގައި ބޭނުންކުރާ އެއްޗެކެވެ. އެހެންވެ މިކަމުގެ ސަބަބުން އިގްތިސޯދީ ގޮތުން ބޮޑު ބުރައެއް އުފުލުމުގެ ފުރުސަތު އޮތް ކަމަށް ކައުންސިލްގެ ބޭފުޅުން ވިދާޅުވެފައިވެ އެވެ.
ދިވެހި ރުކުގެ މަތިވަރު މުސްކުޅިވެ ރުއްތައް ނެތިގޮސް ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި ރާއްޖެ ކާއްޓަށް ޖެހުމުގެ ބިރު އޮތުމުން އެ މައްސަލައިގެ ކަންބޮޑުވުން އިކޮނޮމިކް ކައުންސިލާ ހަމައަށް ފޯރައިފި އެވެ.
"މި" ނޫހަށް އެނގިފައިވާ ގޮތުގައި މިމަހުގެ 16 ވަނަ ދުވަހު އޮތް އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖޭގެ ގިނަ އިންޑަސްޓްރީތައް ތަމްސީލްކުރާ ފަރާތްތަކާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ކާށީގެ އަގު 400 ޕަސެންޓް އުފުލިފައިވާ މައްސަލާގައި ވަނީ މަޝްވަރާކޮށްފަ އެވެ.
މި ބައްދަލުވުމުގައި ކާށީގެ އަގު މަތިވެގެންދާ މައްސަލާގައި މަޝްވަރާކޮށްފައިވެ އެވެ. މިގޮތުން ސަރުކާރުގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ މިނިސްޓަރާ ގުޅިގެން ރާއްޖޭގެ މަތިވަރު މުސްކުޅި ވެފައިވާ ރުއްތަކުގެ ބަދަލުގައި އާ ރުއް އިންދަން ފަށަން މަޝްވަރާކޮށްފައިވެ އެވެ. ރުއްތައް އެއްކޮށް ނެތިގޮސްފިނަމަ އިގްތިސޯދީ ގޮތުން ބޮޑު ބުރައެއް އުފުލަން ރާއްޖެއަށް ޖެހިދާނެކަމަށް ބައެއް މެންބަރުން ވިދާޅުވެފައިވެ އެވެ.
ކާށީގެ އަގު މި ރޯދަމަހާ ދިމާކޮށް އިންތިހާ އަށް އުފުލިގެން ދިޔަ އެވެ. މީގެ ސަބަބެއް ކަމަށް ވަނީ ރުއްތަކަށް ބައްޔެއް ޖެހި ރުއްތައް މަރުވަމުން ދިއުމެވެ. ރުއްތަކަށް ޖެހިފައިވަނީ ހުދުކޫޑި ބަލީގެ ވައްތަރެއް ކަމަށްވާ އެލިއުރީޓްރެޗެލަސް އެޓްރަޓަސް އެވެ.
ކާއްޓަކީ ރާއްޖޭގެ ކޮންމެ ގޭބިސީއެއްގައިހެން ބޭނުން ކުރާ އެއްޗެކެވެ. މިކަމުގެ ސަބަބުން ކާއްޓެއްގެ އަގު 30ރ. ވަރަށް އުފުލުނެވެ. އެހެންވެ ސަރުކާރުގެ ބޮޑު ކުންފުނި އެސްޓީއޯ އިން ވަނީ ކާށީގެ ސްޓޮކެއް ބޭރުން އިމްޕޯޓްކޮށްފަ އެވެ.