މާލޭގެ ރެސްޓޯރެންޓްތަކުގެ މެނޫތައް ބަލައިލުމުން ލިބޭ ނަތީޖާއަކީ، އެހެން ތަންތަނުގެ އަގުތައް އަންދާޒާ ކޮށްލަން ލިބޭ ރަނގަޅު މިންގަނޑަކަށް ވާނެ އެވެ. މިއީ ރޯދަ މަހު ގިނަ ބަޔަކަށް އެނގެން ބޭނުން ކަމަކަށް ވެސް ވާނެ އެވެ.
ރެސްޓޯރެންޓުތަކުން ރަނގަޅަށް ދަންނަ ކަމެއް އޮވެ އެވެ؛ އެއީ އާއިލާ ނުވަތަ އެކުވެރިންގެ ގުރޫޕެއް ގޮވައިގެން ރޯދަ ވީއްލަން ނުގޮސް ރޯދަމަހެއް ނިންމާލުމަކީ ގިނަ ދިވެހިންނަށް ލާހިކު ކަމެއް ނޫން ކަމެވެ. ރޯދަ މަހުގެ ފުރަތަމަ ހަފުތާ ނިމޭން ދާއިރު މީހުނަށް ބޮޑުވެފައި އޮންނަ އެއް ކަމަކީ ރޯދަ ވީއްލަން ދާނެ ރަނގަޅު ރެސްޓޯރެންޓެއް ހޯދުމެވެ. ހިތްގައިމު މާހައުލެއްގައި، ރަހަ ހެޔޮވަރު ރޯދަވީއްލުމެއް އަތްފޯރާވަރުގެ އަގެއްގައި ލިބޭނީ ކޮންތަނަކުންތޯ ބެލުމެވެ. އެހެން ވެގެން އެ ތަންތަނުން ތިބެނީ ރޯދަ ވީއްލަން ހާއްސަ އަގުތަކަކާއެކު، ހާއްސަ މެނޫތައް ހަދައި، ދުރާލައި ތައްޔާރު ވެގެނެވެ.
ވާދަވެރި ކަން ބޮޑު ކަމެވެ؛ މި ވާދަވެރިކަމުގައި، އަގާއި، ތަޖުރިބާއަށް ބަލާއިރު އެންމެ ރަނގަޅު ނަތީޖާއެއް ނެރެވެނީ ކޮން ބަޔަކަށްތޯ ނިންމާނީ ރޯދަ ވީއްލަން ދާ މީހުނެވެ.
މާލެ ވަށައިގެނާއި މާލޭގެ އެކި ސަރަހައްދުތަކުގައި އެތައް ބައިވަރު ރެސްޓޯރެންޓުތަކަށް ކުރާ ދަތުރެއް އެންމެ ފުރަތަމަ ފަށާނީ އެންމެ އުހުންނެވެ. އިމާރާތްތަކުގެ އެންމެ މަތިން، ރޫފް ޓޮޕް ތަޖުރިބާއެއް ފޯރުކޮށް ދޭ ރެސްޓޯރެންޓު ތަކުންނެވެ. އާންމު ރެސްޓޯރެންޓުތަކަށް ވުރެ، އަގު ބޮޑު އެތަންތަނުގެ ތެރެއިން 300ރ. އާއި 180ރ. އާ ދެމެދުގެ އަގުތަކެއް ލިބެ އެވެ. އެވްރެޖަކީ ބޮލަކަށް 250ރ. އެވެ.
ހަމަ ބިމަށް ފައިބާ، ލޮނުޒިޔާރާތްކޮޅުން އުތުރަށް ދާއިރު ބޭރު މަގުގައި، އިރަށް، އާޓިފިޝަލް ބީޗަށް މޫނުލައިގެން ތިބި ރެސްޓޯރެންޓުތަކުގެ އަގުތަކަށް ބަލާއިރު، އެވްރެޖު އަގު އުޅެނީ 225ރ. ގައެވެ. ރޭންޖަކީ 200ރ. އާއި 250ރ. އާ ދެމެދެވެ.
ކާނިވާ ސަރަހައްދުން ހެޔޮ އަގުތަކެއް ލިބިދާނެ ކަމަށް ބެލި އިރު އެ ހިސާބުގައި ހުރި ބައެއް ރެސްޓޯރެންޓު ތަކުން ބޮލަކަށް 160ރ. އަށް ރަނގަޅަށް ރޯދަ ވީއްލެއެވެ. މެނޫއެއްގައި ޖަހާފައި އޮތް އެންމެ ބޮޑު އަގަކަށް ފެނުނީ 260ރ. އެވެ. އެ ސަރަހައްދުން ލިބުނު އަގުތަކުގެ އެވްރެޖަކީ 195ރ. އެވެ.
ޖެޓީ ތަކުގެ ހިތްގައިމު ވިއު ލިބޭ ބައެއް ރެސްޓޯރެންޓް ތަކާއި، އަމީރު އަހްމަދު މަގުގައި ހުރި ބައެއް ތަންތަނެވެ. ފެންވަރު ރަނގަޅު ރެސްޓޯރެންޓުތައް ގިނަ މި ސަރަހައްދުގައި އަގުތައް އެވްރެޖުކޮށް ހުރި 235ރ. ގައެވެ. އެންމެ ކުޑަ އަގަކަށް ދިމާވީ 225ރ. އެވެ. އެންމެ މަތިން 250ރ. އެވެ.
މާލޭގެ ޓޫރިސްޓު ހޮޓްސްޕޮޓެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޗާންދަނީ މަގާއި ފަރީދީމަގު ގުޅޭ ކަންމައްތަކީ އެންމެ ފުޅާ ރޭންޖެއްގެ އަގުތައް ލިބުނު ސަރަހައްދެވެ. އެ ހިސާބުގައި 200ރ. ރޯދަވީއްލައި ނިންމާލެވޭ ތަންތަން އެބަހުއްޓެވެ. އަދި، ވަރަށް އާދައިގެ މެނޫ އެއް 300ރ އަށް ހުރި ރެސްޓޯރެންޓުތައް ވެސް އެބަހުއްޓެވެ. އެކަމަކު ގިނައީ އަގުހެޔޮ ފަޅީގައި ހުރި ތަންތަނެވެ. އެހެން ކަމުން، އެވްރެޖު އަގު އަރަނީ ގާތްގަނޑަކަށް 230ރ. އަށެވެ.
ހާބަރު ފުޑް ކޯޓުގެ ގިނަ ރެސްޓޯރެންޓު ތަކުގެ ވާދަވެރި ކަމާއެކު، މިއީ އެންމެ ހެޔޮ އަގެއްގައި ރޯދަ ވީއްލަން ލިބޭ ސަރަހައްދެވެ. އަގުތައް 185ރ. އާއި 160ރ. އާ ދެމެދުގައި ހުރެ އެވެ. އެވްރެޖުކޮށް ބޮލަކަށް ޖަހާފައި ހުރީ 170ރ. އެވެ.
އެންމެ ބޮޑު އަގެއްގައި ހުރި ރޯދަ ވީއްލުމުގެ މެނޫ އަތުޖެހޭތޯ މާލޭގެ އެންމެ ޕްރީމިއަމް ބައެއް ތަންތަން ބެލި އިރު އެންމެ އަގު ބޮޑު މެނޫއަކަށް ފެނުނީ ބޮލަކަށް 510ރ. ގެ ޕެކޭޖެކެވެ. ހުރިހާ ދިމާއެއް ޖުމްލަ ކޮށްފައި ބަލާއިރު، ހެޔޮވަރުގެ ރޯދަވީއްލުމަކަށް އެވްރެޖުކޮށް ބޮލަކަށް މާލޭގައި މި ޖެހެނީ 200ރ. އެވެ.
ހުރިހާ ރެސްޓޯރެންޓެއްގެ މެނޫ ފަރުމާ ކުރުމުގައި ވެސް ދިވެހިން އާންމުކޮށް ރޯދަ ވީއްލުމުގައި ބޭނުންކުރާ އައިޓަމްތައް ހިމަނާފައި ވެއެވެ.
މާލޭގެ ރެސްޓޯރެންޓުތަކަށް ވަދެލައި، ބަލައިލުމުން ލިބުނު ނަތީޖާއަކީ މިއީ އެވެ. މީގެ އިތުރުން ހުޅުމާލޭގެ ރެސްޓޯރެންޓުތަކާއި، މާލޭގެ ކައިރީގައި ހުރި ބައެއް ރިސޯޓުތަކަކީ ވެސް ރޯދަ ވީއްލަން މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ މެދުގައި މަގުބޫލު ތަންތަނެވެ.
މާލޭގެ ރެސްޓޯރެންޓްތަކުގެ މެނޫތައް ބަލައިލުމުން ލިބޭ ނަތީޖާއަކީ، އެހެން ތަންތަނުގެ އަގުތައް އަންދާޒާ ކޮށްލަން ލިބޭ ރަނގަޅު މިންގަނޑަކަށް ވާނެ އެވެ.