ބުރުނިން އަދިވެސް ދައްކަން ބޭނުމީ ދޮންހިޔަލައިގެ ހުވަފެން

ބުރުންޏަކީ ހުރިހާ ގޮތަކުން ވެސް ފަތުރުވެރިކަމަށް ފައްކާ ރަށެކެވެ. ރީތި މޫދަކާއި އަތިރިއެއް އެބަ އޮތެވެ. ރާވެރިކަން ފަދަ، ރާއްޖެއިން މިހާރު މަދުން ފެންނަ ބައެއް މަސައްކަތްތައް އެ ރަށުގައި ދިރިދިރި އެބައޮތެވެ.

ތ. ބުރުނި -- ކަނާތް ފަރާތުން ފެންނަނީ އެ ރަށުގައި މިހާރު ހިންގަމުން އަންނަ ހަމައެކަނި ގެސްޓް ހައުސް، ވިލާބުރުނި

މަޝްހޫރު ފޯކްލޯރު ބުރުނީ ކަމަނާ ރައިވަރު/ ދޮންހިޔަލައާއި އަލިފުޅު ވާހަކައިގެ އެންމެ މުހިއްމު ހާދިސާތައް ހިނގާ ތަނަކީ ތ. ބުރުންޏެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުންނާއި، ބޭރުން މީހުން އެ ރަށަށް އެ ވާހަކައިގައި ޖަމާކުރަނީ ހުވަފެންތަކެކެވެ.

ވާހަކައިގެ ބަތަލު، ހުޅުދެލީ އަލިފުޅު އެ ރަށަށް ދަނީ އޭނާ އިންނަންވީ މީހާ ހުރީ ބުރުނީގައި ކަމަށް ހުވަފެނުގައި ފެނިގެންނެވެ. ދޮން ހިޔަލަގެ ބައްފަ، މަރޮށީ މަލިން މޫސާ އެރަށަށް ދަނީ ވެސް، ފެނުނު ހުވަފެނަކާއި ގުޅިގެންނެވެ. ދޮން ހިޔަލަ އުފަންވި ރޭ ގޯއާއިން ހަދިޔާ ހިފައިގެން އައި ހަތް ނައު އައީ ވެސް އެ ޚަބަރު ހުވަފެނެއްގައި ލިބިގެންނެވެ. އަދި، ވާހަކައިގެ ނުބައިބައި ކުޅޭ، ޅައިމަގު ފަގީރު އަލީއަށް ވެސް ބުރުނީގައި ފަތްމިންޏެއް ހުރި ކަމުގެ ޚަަބަރު ލިބެނީ ހުވަފެނަކުންނެވެ.

ކޮންމެއަކަސް، ވާހަކައިން އެނގޭ ގޮތުން ދޮންހިޔަލަ ހުވަފެނުގައި ފެނުމަކީ ބުރުންޏަށް މީހުން އެއްކުރުމަށް އޮތް މުޖައްރަބު މަގެކެވެ. އެ ހުވަފެން ފެނިއްޖެ މީހަކު ކިތައްމެ ބޮޑު ގުރުބާނީއެއް ވެގެން ވެސް އެ ރަށަށް ގޮސް، ދޮންހިޔަލަ ހޯދާނެކަން އެ ވާހަކައިން ދައްކުވައިދެއެވެ.

މިހާރު މިއީ އޭގެ އެތައް ޒަމާނެއް ފަހެވެ. ނަމަވެސް މިއަދު ވެސް އެ ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ވިއްކޭނެ އެންމެ ބޮޑު އެކައްޗަކީ ދޮންހިޔަލައިގެ ވާހަކަ ކަމަށް އެ ރަށު ކައުންސިލުގެ ރައީސް އާދަމް މުހައްމަދު ގަބޫލު ކުރައްވައެވެ. މިދިޔަ ހޮނިހިރު ދުވަހު، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދު ﷲ މައުސޫމް އެރަށަށް ވަޑައިގެން، ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ލޯކަލް ޓޫރިޒަމް ތަރައްގީ ކުރަން ބަލާއިރު ދޮންހިޔަލައާއި އަލިފުޅުގެ ސްޓޯރީ އެންމެ ބޮޑު އެއްޗަކަށް، އެއީ ފަތުރުވެރިކަމާ ލޯތްބާ ގުޅޭ ހިސާބުން. މިހާރު ވެސް އަޅުގަނޑުމެން އެ ވާހަކަ ބޭނުންކުރަމުން މިދަނީ"

(ވ-ކ) ޓޫރިޒަމް މިނިސްޓަރު ޑރ، އަބްދުﷲ މައުސޫމް އަދި ބުރުނީ ކައުންސިލުގެ ރައީސް އާދަމް މުހައްމަދު އެ ރަށުގެ އަތިރިމަތި ބައްލަވާލައްވަނީ

ކައުންސިލުގެ ރައީސް އެ ވިދާޅުވާހެން، މުޅި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމުގެ މަސައްކަތް ކުރާ އެމްއެމްޕީއާރުސީއިން ވެސް އަންނަނީ ދޮންހިޔަލައާއި އަލިފުޅުގެ ވާހަކަ އެ މީހުންގެ އިސްތިހާރު ތަކުގައި ބޭނުންކުރަމުންނެވެ. އަދި، ބުރުނީގައި މިހާރު ހިންގާ ހަމައެކަނި ގެސްޓްހައުސް، ވިލާބުރުނީގެ ބްރޭންޑިންގެ އެންމެ މުހިއްމު އެއް ބަޔަކީ ވެސް ދޮން ހިޔަލައެވެ.

ވިލާބުރުންޏަކީ އެ ރަށު ހަސަން ހަބީބުގެ ގެސްޓްހައުސް އެކެވެ. އެތަން މެނޭޖު ކުރަނީ އިޓަލީގެ ރައްޔިތެއް ކަމަށްވާ ސާރާއެވެ. މިހާރު އެންމެ ތިން ކޮޓަރިއާއެކު ހިންގަމުން އައި ނަމަވެސް، އެ އަދަދު ތިންގުނަ ވާނެ މަޝްރޫއެއް މިހާރު ކުރިއަށް އެބަދެއެވެ. މިއީ ވެސް އިސްތިހާރު ކުރުމުގައި "ދޮން ހިޔަލައިގެ ހުވަފެން" ކާމިޔާބުކަމުގެ ދަލީލެކެވެ.

ނަމަވެސް، ދޮންހިޔަލައިގެ ބްރޭންޑު ރަނގަޅަން ހިންގާލުމަށްޓަކައި ކުރަންޖެހޭ ބައެއް މަސައްކަތްތައް އަދިވެސް އެބަހުއްޓެވެ. ކައުންސިލުގެ ރައީސް ވިދާޅުވިގޮތުގައި، ރަނގަޅަށް ބެލެހެއްޓިފައި ނެތުމުން އެ ވާހަކައާ ބެހޭ މުހިއްމު އާސާރުތައް މިހާރު އެރަށުން ފެންނާކަށް ނެތެވެ. ވާހަކައިގައި ކިޔާ، ވަޅުގަނޑުވަރު ހުރި ސަރަހައްދުގައި މިހާރު ހުރީ ހުސް ބިމެކެވެ.

"މީގެ ކުރިން އެތަންތައް ރަނގަޅަށް ބެލެހެއްޓިފައި ނެތީމާ މިހާރު މި ޖެހެނީ އަޅުގަނޑުމެން އެތަންތަން އަލުން އުފައްދަން. އެމަސައްކަތް އަޅުގަނޑުމެން މަޑުމަޑުން ކުރަމުން މިދަނީ" އޭނާ ވިދާޅުވިއެވެ.

ކައުންސިލުން އެ ގަނޑުވަރު އަލުން ބިނާކުރުމަށް ނިންމާފައި ވަނީ އިހުޒަމާނުގެ ގެއެއް ސިފަވާނެހެންނެވެ. ވާހަކައިގައި ކިޔައިދޭ ކަންކަން އެތަނުގައި ތަމްސީލު ވާނެހެންނެވެ. ބޭނުމަކީ ރަށަށް ޒިޔާރާތް ކުރާ މީހުންނަށް އެ ވާހަކައިގެ ތެރޭގައި އުޅެލުމުގެ ތަޖުރިބާ ކޮށްދިނުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ބުރުނީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވިލާބުރުނީގެ މެނޭޖަރު، ސާރާ ވާހަކަދައްކަނީ، އޭނާގެ ގެސްޓްހައުސްގެ ލޯގޯއިން ރަމްޒުކޮށްދެނީ ދޮން ހިޔަލަ

ގެސްޓްހައުސް މެނޭޖަރު، ސާރާ ގަބޫލު ކުރާ ގޮތުގައި އެއީ ކުރަން ލަސްވެފައި ވެސް އޮތް ކަމެކެވެ. ރަށަށް އަރާ މީހަކަށް މިހާރު މިއީ "ދޮންހިޔަލައިގެ ރަށް" ކަން އެނގޭނެ އެއްވެސް ނިޝާނެއް ނެތެވެ. އެހެން ކަމުން ރަށަށް އަރާ ގިނަ ފަތުރުވެރިންނަށް އެ ވާހަކަ ކިޔައިދެނީ ވެސް ސާރާއެވެ.

"އެ މީހުން އެ ވާހަކަ އަހާފައި ތިބެނީ ހައިރާންވެފައި. ކިހާ ރީތި ވާހަކައަކާ ގުޅިފައި އޮތް ތަނެއްގައި ކަން މި ތިބެވެނީ އެމީހުންނަށް ވިސްނެނީ އެ ހިސާބުން" އޭނާ ކިޔައިދިނެވެ.

ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް ފަތުރުވެރިކަމުގެ ވިޔަފާރީގައި ކުރިން ހަރަކާތްތެރިވި، ސާރާގެ ނަޒަރުގައި އެކަން އެންމެ ރަނގަޅަށް ކުރުމަށްޓަކައި، މުޅި ރަށުން ވެސް، ދޮން ހިޔަލައިގެ ވާހަކަ ކިޔައިދޭނެ ގޮތެއް ވާން ޖެހެއެވެ. ކައުންސިލުގެ އިސް ނެންގެވުމަކީ އެ ކަމުގެ ފެށުމެވެ.

ބުރުންޏަކީ ހުރިހާ ގޮތަކުން ވެސް ފަތުރުވެރިކަމަށް ފައްކާ ރަށެކެވެ. ރީތި މޫދަކާއި އަތިރިއެއް އެބަ އޮތެވެ. ރާވެރިކަން ފަދަ، ރާއްޖެއިން މިހާރު މަދުން ފެންނަ ބައެއް މަސައްކަތްތައް އެ ރަށުގައި ދިރިދިރި އެބައޮތެވެ. ދޮންހިޔަލައިގެ ހުވަފެނުގެ ވަރުގަދަ ބްރޭންޑު އެއާ އެކުވުމުން އެ ގެނެވުނީ އެފަދަ ދެވަނަ އެއް ނުވާނެ ވަރުގަދަ ޕްރޮޑަކްޓެކެވެ. މުޖުތަމައުގެ ގަބޫލުކުރުންތަކުގެ މައްޗަށް ބިނާވާ "ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް"ގެ ނަމޫނާ އެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.