ފަސް ބިދޭސީއެއްގެ ނަމުގައި 24،000 ނަންބަރު އަދި 12 ބިދޭސީއެއްގެ ނަމުގައި 38،000 ނަންބަރު ނަގާފައިވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ. 12 ބިދޭސީއެއްގެ ނަމުގައި 38،000 ނަންބަރު ނަގާފައިވަނީ ދިރާގުންނެވެ
މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދަން ކުރާ ސްކޭމް ކޯލުތައް ކުރާ ނަންބަރުތަކުގެ ފަހަތުގައި ތިބި މީހުން ހޯދަން ކުރެވުނު މަސައްކަތުން 17 ބިދޭސީއެއްގެ ނަމުގައި 62،000 ނަންބަރު ނަގާފައިވާކަން ފާހަގަ ކުރެވިއްޖެ އެވެ.
ސްކޭމް ކޯލްތައް އިތުރުުވުމާއި އެފަދަ މުއާމަލާތްތަކުގައި ބެންކުގައި ހުންނަ ފައިސާ ގެއްލުމުގެ މައްސަލަތައް ހިނގާތީ އެއީ ކިހިނެތް ހިނގާ ކަމެއްތޯ އަދި އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް މަޖިލީހުގެ އެސްއޯއީ ކޮމެޓީން ދަނީ ބަލަމުންނެވެ. އިއްޔެ އޮތް ކޮމެޓީ ބައްދަލުވުމުގައި ފުލުހުން ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ކޮމެޓީގެ މުގައްރިރު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ހުށައަޅުއްވާފަ އެވެ.
އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ސްކޭމް ކޯލްތަކާއި ގުޅުންހުރި އެކި މައްސަލަތަކުގައި ބޭނުން ކޮށްފައިވާ 305 ނަންބަރަކީ މާފުށީ ޖަލުގައި ބަންދުގައި ތިބި ގައިދީން ބޭނުން ކޮށްފައިވާ ނަންބަރުތަކެކެވެ. އެކަންކަން ހުއްޓުވަން ޑިސެންބަރު 6، 2022 އަދި ޑިސެންބަރު 27، 2022 ގައި މާފުށީ ޖަލުގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގެ މައުލޫމާތު ވަނީ ހިއްސާ ކޮށްފަ އެވެ.
މީގެ އިތުރުން ސްކޭމް ކޯލްތަކުގައި ބޭނުންކުރާ ނަންބަރުތައް އެއީ ކޮން ބައެއްގެ ނަމުގައި ނަގާފައިވާ ނަންބަރުތަކެއްތޯ ބެލުމަށް ކުރެވުނު މަސައްކަތުން ފަސް ބިދޭސީއެއްގެ ނަމުގައި 24،000 ނަންބަރު އަދި 12 ބިދޭސީއެއްގެ ނަމުގައި 38،000 ނަންބަރު ނަގާފައިވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ. 12 ބިދޭސީއެއްގެ ނަމުގައި 38،000 ނަންބަރު ނަގާފައި ވަނީ ރައްޔިތުންގެ ގިނަ ޝަކުވާތައް އަމާޒުވާ ދިރާގުންނެވެ.
މީގެ އިތުރުން އެކެއްގެ ނަމުގައި 800 ނަންބަރު އަދި އެހެން މީހެއްގެ ނަމުގައި 600 ނަންބަރު ނަގާފައިވާ މައްސަލައެއް ވެސް ވަނީ ފާހަގަވެފަ އެވެ.
މާފުށީ ޖަލުގައި ބަންދުގައި ތިބި ގައިދީން ބޭނުންކުރި 305 ނަންބަރު ބްލޮކް ކުރަން ފޮނުވާފައިވާ ކަަމަށްވެސް ރިޕޯޓްގައި ވެއެވެ.
ކޮމެޓީގެ މިއަދުގެ ބައްދަލްވުމުގައި މެންބަރުން ވަނީ ސިމް ވިއްކުމުގައި އެއްވެސް ހަރުދަނާ އުސޫލެއް ނެތުމުން ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އަދި ސްކޭމް މައްސަލަތައް ހައްލު ކުރުމަށް އެކެއްގެ ނަމުގައި ގިނަ ނަންބަރުތަކެއް ނުނެގޭ ގޮތަށް ހެދުން މުހިންމު ކަން ފާހަގަކުރެއްވިއެވެ.
ބައެއް މެންބަރުން ވަނީ މޯބައިލް ހިދުމަތް ދޭ، ރައްޔިތުންގެ ޝަކުވާ އޮންނަ އެ ކުންފުނިތަކުން ވާދައަށް ސިމް ވިއްކަން ކުރަމުންދާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ހަފްތާ ބަންދާއި ދިމާކޮށް ޓެންޓް ޖަހައިގެން އެންމެ ގިނަ ސިމް ވިއްކޭ ބަޔަކަށް ވާން ކުރާ މަސައްކަތް ހުއްޓާލަން ގޮވާލެއްވި އެވެ. -- ރައްޔިތުންގެ ޝަކުވާ ބޮޑު ދިރާގާއި އުރީދޫން ވެސް ސިމް ވިއްކަން ޓެންޓް ޖަހަ އެވެ.
ކޮމެޓީގެ މުގައްރިރު އިލްޔާސް ލަބީބް ވިދާޅުވި ގޮތުގައި ފްރޯޑްގެ މައްސަލައަށް މަރުކަޒީ ބޭންކު އެމްއެމްއޭއަށް ހުށައެޅޭ މިންވަރު އަހަރު އަހަރަށް ދަނީ އިތުރުވަމުންނެވެ. އެ ގޮތުން 2021 ވަނަ އަހަރު 686 މައްސަލަ ހުށައެޅުނުއިރު މިދިޔަ 2022 ވަނަ އަހަރު 1،459 މައްސަލަ ވަނީ ރިޕޯޓް ކޮށްފަ އެވެ. މިއަހަރުގެ މިހާތަނަށް 238 މައްސަލަ ވަނީ ހުށައަޅާފަ އެވެ.
އިލްޔާސް ވިދާޅުވީ އަހަރުން އަހަރަށް މައްސަލަތައް އިތުރުވެ ހުށައެޅޭ މިންވަރު އިތުރުވަމުން ދާއިރު އެކަންކަން ހައްލު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ މަންޒަރު ނުފެންނަ ކަމަށެވެ. އަދި މި މައްސަލަތައް ހައްލު ކުރަން ގުޅިގެން މަސައްކަތް ކުރަން ޖެހޭ އިދާރާތަކުގެ މެދުގައި އެފަދަ ވަރުގަދަ ގުޅުމެއް ވެސް ނެތް ކަމަށެވެ.
އެންމެ ކުޑަ މިނުން ސްކޭމްގެ މައްސަލަތައް ހައްލު ކުރަން ދައުލަތުގެ އިދާރާތަކުގެ ތެރެއިން އިސްވެ މަސައްކަތް ކުރާނެ މުއައްސަސާއެއް / އިދާރާއެއް ވެސް ނެތް ކަމަށެވެ. އެހެން ކަމުން ކޮމެޓީން އެކަމުގައި ގޮތް ތަކެއް ނިންމާ ލަފައެއް ދިނުން މުހިންމު ކަމަށް ވިދާޅުވި އެވެ.
އެގޮތުން މިކަމުގައި އިސްވެ މަސައްކަތް ކުރާނީ ފުލުހުންތޯ ނުވަތަ މަރުކަޒީ ބޭންކާއި ބެންކުތައްތޯ ނޫނީ ކަރެކްޝަނަލް ސާވިސްތޯ ލަފާ ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ކޮމެޓީ ބައްދަލްވުމުގައި މެންބަރުން ވަނީ ޖަލަށް ފޯނު ވެއްދުން އެއީ މަނާކަމެއް ކަމަށްވީއިރު ގައިދީނަށް އެހާ ފަސޭހައިން ފޯނު ލިބެނީ ކިހިނަކުންތޯ ސުވާލު ކޮށްފަ އެވެ. އަދި އެ މައްސަލަ ހައްލު ކުރަން ކަރެކްޝަނުން މަސައްކަތް ކުރަމުންދާ ކަަމަށް އަންގާފައިވާ ކަމަށާ އެ ގޮތުން ޖަލުގައި އެންޓަނާއެއް ޖަހާ ފޯން ބޭނުން ނުކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެންޓަނާ ޖެހުމުން މުވައްޒިފުންގެ ނަންބަރުތައް ފީޑްކޮށް އެހެން ހުރިހާ ނަންބަރެއް ބްލޮކް ކުރާނެ ކަަމަށާ އޭރުން ޖަލުން ފޯނު ކުރުމުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް ކަރެކްޝަނުން ބުނާ ކަމަށެވެ. ނަމަވެސް ކޮމެޓީގެ މެންބަރުން ވަނީ ޖަލަށް ފޯނު ވެއްދުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެންޓަނާއެއް ޖަހައިގެން ފޯނު ނުކުރެވޭ ގޮތް ހެދުމުގެ ކުރީން އަސްލު މައްސަލައަށް ހައްލު ހޯދަން ޖެހޭ ކަމަށް މެންބަރުން ވިދާޅުވިއެވެ.
"އެންމެ އިސްކަން ދޭން ޖެހޭ ކަމަކީ އެތަނަށް [ޖަލަށް] ފޯނު ނުވެއްދޭ ގޮތް ހެދުން،" އިލްޔާސް ވިދާޅުވިއެވެ.
ކޮމެޓީގެ ބައްދަލްވުމުގައި ނާއިބު މުގައްރިރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީީދީ ވަނީ ދެން އޮންނަ ކޮމެޓީ ބައްދަލްވުމަކަށް ކަރެކްޝަނާއި ޑީއެެންއާރް އެންވަޔަރުމަންޓް މިނިސްޓްރީގެ ވެރިން ހާޒިރު ކުރަން ހުށައަޅާފަ އެވެ. އެންވަޔަރުމަންޓް މިނިސްޓްރީގެ ވެރިން ހާޒިރު ކުރަނީ ކޭމްގެ ބެލެނިވެރި މިނިސްޓްރީއަށް ވާތީ އެވެ.
މެންބަރުން ނިންމެވީ މި އަންނަ ހަފްތާގައި ކޮމެޓީއަށް އެ އިދާރާތަކުގެ ވެރީން ހާޒިރު ކުރުމަށެވެ.
މަކަރާ ހީލަތުން މީހުންގެ އަތުން ފައިސާ ހޯދަން ކުރާ ސްކޭމް ކޯލުތައް ކުރާ ގިނަ ނަންބަރުތަކަކީ ރާއްޖޭގައި މިހާރު ނޫޅޭ ބިދޭސީން ނަގާފައިވާ ނަންބަރުތަކެއް ކަމަށާ އެ ނަންބަރުތައް މިހާރު އޮތީ ކުށްވެރިންގެ އަތްމަތީގައި ކަމަށް ފުލުހުން ވަނީ މިދިޔަ އަހަރު ބުނެފަ އެވެ.
ފުލުހުން ބުނާ ގޮތުން ސްކޭމް ކޯލުތައް ކުރާ ނަންބަރުތަކުގެ ޓޮޕް ފަހެއްގައި ތިބީ ރާއްޖޭގައި ނުވެސް އުޅޭ ބިދޭސީންނެވެ. އެމީހުންނަކީ ކޮންމެވެސް އިރެއްގައި ރާއްޖޭގައި ކުރިން އުޅެފައިވާ ބިދޭސީން ނަމަވެސް، އެ ނަންބަރުތައް ކުށްކުރާ މީހުންނަށް ވަނީ "ޕާސް" ވެފައެވެ.
އެފަދަ ކޮންމެ މީހެއްގެ ނަމުގައި ގާތްގަނޑަކަށް 5000 އެއްހާ ސިމްކާޑު އޮންނަ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގަ އެންމެ ގިނައިން ސިމްކާޑުތައް ގަނެފަ ތިބި މީހުނަށް ބަލާއިރުގައި އެންމެ ޓޮޕް ފަހެއްގަ ހިމެނެނީ ބިދޭސީން. ދިވެހިރާއްޖޭގަ ނޫޅޭ ބިދޭސީން. ކޮންމެވެސް އެއް އިރެއްގަ ދިވެހިރާއްޖޭގަ އުޅެފައި އެކަމަކު މިހާރު ރާއްޖޭގެ މާހައުލުގަ ނޫޅޭ ބިދޭސީން. އެއީ ކޮންމެ މީހަކަށް އެވަރެޖްކޮށް 5000 ސިމްކާޑު!" ސީޕީ ކުރީން ވިދާޅުވި އެވެ.