އެކްސްޕޯޓް މަހުގެ ރިޖެކްޝަން ނުބަލާ ކަމަށް ވިދާޅުވުމުން ވަޒީރާ ސުވާލު ކުރަނީ

ބޮންޑޭ ވިދާޅުވި ގޮތުގައި ސަރުކާރުން މަހުގެ ރިޖެކްޝަން ލެވެލް ނުބަލާނަމަ އަދި އިންވޮއިސްތައް ނުބަލާނަމަ ރާއްޖޭން ދެންް ބަލާނެ އެއްޗެއް ނޯންނާނެ އެވެ.

މިނިސްޓަރު ޑރ. ހުސައިން ރަޝީދު

ރާއްޖޭން އެކްސްޕޯޓް ކުރާ މަހުގެ ރިޖެކްޝަން ސަރުކާރުން ނުބަލާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މަޖިލީޖުގައި މިއަދު ވިދާޅުވުމުން އެކަމާ ނުރުހުން ފާޅުކޮށް މިނިސްޓަރާ ސުވާލުކޮށް އެކަން ބައްލަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެ އެވެ. 

ފިޝަރީޒުގެ މިިސްޓަރުގެ ފަރާތްޕުޅުން އެފަދަ ޖަވާބެއް އައީ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ލިޔުމުން ޖަވާބެއް ހޯއްދަވަން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން މަޖިލީހަށް ފޮނުއްވެވި ނޯޓެއް މެދުވެރިކޮށެވެ. 

މެންބަރު އެއްސެވި ސުވާލު - ރާއްޖެން އެކްސްޕޯޓް ކުރާ މަހުގެ 70 ޕަސެންޓަކީ ގަނޑުކުރި މަހުގެ ގޮތުގައި ތައިލެންޑަށް ވިއްކާ މަސްކަން 2019 އިގެ ތަފާސް ހިސާބުން ފާހަގަ ކުރެވެ އެވެ.

މިދިއަ ތިން އަހަރު އެ ހިސާބުތައް ހުރީ ކޮން މިންވަރެއްގައިތޯ އެވެ؟ މިހާރު ގަނޑުކުރި މަސް އެކްސްޕޯޓް ކުރާ ގައުމުތަކާއި މިންވަރަކީ ކޮބައިތޯ އެވެ؟ އަދި ރިޖެކްޝަން ލެވެލަކީ ކޮބައިތޯ އެވެ؟ 

ފިޝަރީޒު މިނިސްޓަރު ދެއްވި ޖަވާބު - ރާއްޖޭން އެކްސްޕޯޓް ކުރާ މަހުގެ 70 ޕަސެންޓަކީ ރާއްޖޭން މަސް އެކްސްޕޯޓް ކުރި ޖުމްލަ ބަރުދަނުގެ ނިސްބަތުން ގަނޑުކުރި މަހުގެ ގޮތުގައި ތައިލެންޑަށް ވިއްކާ މަސްކަން 2019 ވަނަ އަހަރުގެ ހިސާބުތަކުން ފާހަގަ ކުރެވެ އެވެ. ރާއްޖޭން އެކްސްޕޯޓް ކުރި މަހުގެ ޖުމްލަ ބަރުދަނުގެ ނިސްބަތުން ފާތުވި ތިން އަހަރު ރާއްޖޭން ތައިލެންޑަށް ވިއްކު ގަނޑުކުރި މަހުގެ ހިސާބުތައް މިވަނީ އެވެ.
  •  2019 އެކްސްޕޯޓްކުުރި ޕަސެންޓް ކިލޯ ގްރާމުން: 59 ޕަސެންޓް
  •  2020 އެކްސްޕޯޓްކުުރި ޕަސެންޓް ކިލޯ ގްރާމުން: 69 ޕަސެންޓް
  •  2021 އެކްސްޕޯޓްކުުރި ޕަސެންޓް ކިލޯ ގްރާމުން: 68 ޕަސެންޓް
ރިޖެކްޝަނެއް ނުބަލަން - މަހުގެ ރިޖެކްޝަނާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެކްސްޕޯޓް ކުރާ މަހުން ރިޖެކްޓްވާ އަދަދުތަކަކީ ރާއްޖޭގެ މަސްވެެރި ކަމުގައި ހަރަކާތްތެރިވާ އެއްވެސް ކުންފުންޏަކާ ގުޅޭ ގޮތުން ފިޝަރީޒު މިނިސްޓްރީން ހޯދައި ރިކޯޑް ކުރާ މައުލޫމާތުތަކެއް ނޫން ކަމަށެވެ.

މިނިސްޓަރުގެ ޖަވާބާ ގުޅިގެން މެންބަރު ބޮންޑޭ ވަނީ ހިތްޕުޅު ހަމަޖެހިވަޑައި ނުގެން ވާހަކަފުޅު ދައްކަވާފަ އެވެ. ބޮންޑޭ ވިދާޅުވީ މަހުގެ ރިޖެކްޝަން ލެވެލް ނުބަލާނަމަ އަދި އަދި އެކްސްޕޯޓް ކުރާ މަހުގެ އިންވޮއިސްތަކަށް ނުބަލާ ނަމަ ދެން ގައުމަކުން ބަލާނެ އެއްޗެއް ނޯންނާނެ ކަމަށާއި އަތެއް ސަތޭކެ ޓަނެއްގެ މަސް ތައިލެންޑްގެ ކޯލްޑް ސްޓޯރޭޖާ ހަމައިން ރިޖެކްޓްވިކަން އޮޑިޓް ރިޕޯޓުން ފާހަވާ ކަމަށެވެ. 

މަސްއޫލިަޔަތުތަކާއި ޒިންމާތައް އަދާ ނުކުރައްވާ ކަމަށް ސާފު ބަހުން މިތަނަށް ލިޔުއްވާ ކަމަށް ވަނީވިއްޔާ އެއީ ވަރަށް ބޮޑު އުނދަގުލެއް!

ރައީސް މުހައްމަދު ނަޝީދު

ރިޔާސަތުން ވިދާޅުވީ ކީކޭ؟ - އެކަމާ ގުޅިގެން ރިޔާސަތުން ރައީސް ނަޝީދު ވިދާޅުވީ މެންބަރުގެ ބޮންޑޭގެ ނުކުތާ ރިޔާސަތަށް ބަލައިގަނެވޭ ކަމަށާއި މަހުގެ ރިޖެކްޝަން ލެވެލަކީ ކޮބައިތޯ ސުވާލެއް ކުރުމުން އެކަން ވަޒީރު ނުބަލަހައްޓަވާ ކަމަށް ވިދާޅުވުމުން މަޖިލީހުން ފާސް ކޮށްފައިވާ ވަޒީރުގެ މަސްއޫލިއްޔަތުތަކާ ޒިންމާތައް މަޖިލީހުން ބައްލަވާނެ ކަމަށެވެ.

"މަސްއޫލިަޔަތުތަކާއި ޒިންމާތައް އަދާ ނުކުރައްވާ ކަމަށް ސާފު ބަހުން މިތަނަށް ލިޔުއްވާ ކަމަށް ވަނީވިއްޔާ އެއީ ވަރަށް ބޮޑު އުނދަގުލެއް! އަޅުގަނޑު މިކަން ބެލުމަށް ފަހު ވަޒީރާ ވާހަކަ ދައްކަން އަމީން އާންމު އަރިހު އެދޭނަން" ރައީސް ނަޝީދު ވިދާޅުވި އެވެ. 

ކޮމެންޓް

1
450
މަރީމާޓް
1 year ago

މިއީ ދެން ކީއްކުރާ މީހެއް މީނަ ކަނޑާލަންވީއެއްނު ޖޮބުން. އޭރަށް ތިކަން ބަލާނެ މީހުން ލެވޭނެ އެއްނު ކަނޑާލަބަލަ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.