ތާ އަތޮޅުން ބުނަނީ އެއާޕޯޓެއް އޮތަސް އެ ހަމަ ނެތް ފަދައޭ

ތިމަރަފުއްޓަށް ފްލައިޓް އަޅާ ގަޑި ޓޫރިޒަމަށް ފައްސެއް ނޫނެވެ. އަތޮޅުގެ ރައްޔިތުން، ހާއްސަކޮށް ގެސްޓް ހައުސް ހިންގާ މީހުން ގައުމީ އެއާލައިނުގެ ވެރިންނަށް އާދޭސް ދަންނަވައި ކުރި މަސައްކަތްތާ އެކުވެސް އެކަމެއް ނުވި އެވެ.

ތ. ތިމަރަފުށި -- މިއީ ތ އަތޮޅުގައި އޮތް ހަމައެކަނި އެއާޕޯޓު އޮތް ރަށް

ތ. ބުރުނިން: މުހައްމަދު ޔަމީން 

ކޮޅުމަޑުލު / ​ތ. އަތޮޅު ރައްޔިތުން ޝަކުވާތައް ފުރަތަމަ ފަށަނީވެސް މިގޮތަށެވެ؛ ނިކަން ބަލާބަލާށެވެ. މި އަތޮޅުގައި އެއާޕޯޓެއް އެބައޮތެވެ. އެކަމަކު އެ ހަމަ ނެތްފަދަ ތަނެކެވެ. ފްލައިޓް ޝެޑިއުލްގައި އެ ތަނަށް ދާ ބޯޓުތައް ލައްވާލަނީ އެންމެ ފުލުގަ އެވެ. އެހެން ނޫންނަމަ ދަންވަރު ފްލައިޓެކެވެ. ނޫނީ ފަތިހާ އަޅާ ފްލައިޓެކެވެ. އެއާޕޯޓެއް އޮވެގެނެއް ވާކަމެއް ނެތެވެ.

ފަތުރުވެރިން ގެންނަން ވިސްނާ މީހަކަށް މިއީ ރަނގަޅުގޮތެއް ނޫނެވެ. އިންޓަނޭޝަަނަލް އެއްވެސް ފްލައިޓަކާ ގުޅުވާލައިގެން ފަތުރުވެރިން ގެނެވޭ ވަރަށްވުރެ ފްލައިޓް އަންނަލެއް މާ ބޮޑަށް ވެސް ލަހެވެ. ދެން ޖެހެނީ މާލޭގައި އެއް ރޭ ފަތުރުވެެރިޔާ ބަހައްޓާށެވެ. އެ ހިނގީ އިތުރު ހަރަދެކެވެ. އެހެން ނޫންނަމަ ޖެހެނީ ކައިރި އެހެން އަތޮޅެއްގެ -- ދ. ކުޑަހުވަދޫ ނުވަތަ ލ. ކައްދޫ -- އެއާޕޯޓަށް މީހުން ގެންދާށާއި ގެނައުމަށް ލޯންޗު ހިފާށެވެ. 

އެހެން ހެދިއަސް އެ ހިނގަނީ އިތުރު ބޮޑު ހަރަދެވެ. ފަތުރުވެރިޔާގެ ދަތުރު ވެސް އޭނާގެ ބަޖެޓުން ބޭރުވެ އިތުރު ހަރަދު ހިމެނޭ ގޮތުން އިތުރު ދުވަހަކަށް ދެމިގެން ދަނީ އެވެ.

މަދު ފައިސާ ކޮޅަކުން ޗުއްޓީ ނިންމާލަން ބޭނުންވާ، ބަޖެޓް ފަތުރުވެރިޔާއަށް އަމާޒުކޮށްގެން އިސްތިހާރު ކުރާ ގެސްޓްހައުސް ތަކަށް މިގޮތެއް ކަމަކު ނުދެއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުފައި މިނިސްޓަރަށް ރައްޔިތުން އެންމެ ގިނައިން ސީދާ މިނިސްޓަރު ކުރިމަތީ ކުރާ ޝަކުވާ އަކަށް ތިމަރަފުށީ އެއާޕޯޓުގެ މައްސަލަ ވެފައި ވަނީ އެހެން ވެގެނެވެ.

އެއާޕޯޓު އޮތް ތިމަރަފުށީގައި މިހާރު ވެސް ގެސްޓްހައުސްތައް އެބަހުއްޓެވެ. އެ ރަށް ކައިރީގައި ރާޅާއެޅާ މީހުން މޮޔަ ކޮށްލާވަރުގެ ރީތި ރާޅުގަނޑުތައް ވެސް އެބަ އޮތެވެ. ހަމައެކަނި ކަނިމީދޫ ރާޅުގަނޑަށް ބެލި ނަމަވެސް އެއީ މުޅި ދުނިޔޭގައި ވެސް ފާހަގަ ކޮށްލެވޭވަރުގެ ރާޅެއް ނަގާ ތަނެކެވެ. ތިމަރަފުށީ ގެސްޓްހައުސްތަކުން ހޭވައްޓާލާފައި އެރަށް އިސްތިހާރު ކުރަނީ ވެސް "ސާފާސް އައިލެންޑެއްގެ ގޮތުގައެވެ. އެކަމަކު އެކަމުގައި އިންވެސްޓަރުން ގޭނި ހުސްވާއިރު ވެސް، ދަތުރުފަތުރު ފަހިވެފައި ނުވާތީ ވިޔަފާރި ކުރިއަކަށް ނުކަނޑަ އެވެ.

"ބުކިިންސް ލިބޭ، އެކަމަކު ގާތްގަނޑަކަށް 70 ޕަސެންޓު ކެންސަލް ވަނީ ދަތުރު ކުރާނެ ގޮތެއް ނެތިގެން" އެރަށުގެ "މިކާޑޯ ސްޓޭ" ގެސްޓްހައުސް ހިންގުމުގައި ހަރަކާތްތެރިވާ އަބްދުﷲ އަމީން ބުންޏެވެ.

މިއީ ހަމައެކަނި ތިމަރަފުށީގެ މީހުން ދައްކާ ވާހަކައެއް ނޫނެވެ. ކައިރީ އޮތް ގާދިއްފުށީގައި ހިންގަމުންދާ ހަމައެކަނި ގެސްޓްހައުސް، "ބަނބުކެޔޮ ވިލާ" ގެ ފަރާތުން އަބްދުލް މުހައިމުނު ބުނި ގޮތުގައި ވެސް ރާޅާއެޅުންތެރިންތެރިން ބޭނުން ވަނީ ކުޑަ ބަޖެޓެއްގައި އައިސް، ރާޅާއެޅުމަށް ފަހު އަނބުރާ ގައުމަށް ދާށެވެ. މިހާރު އިންތިޒާމުތައް ހުރި ގޮތުން އެއީ ވާން އޮތް ކަމެއް ނޫނެވެ.

ކޮޅުމަޑުލުގެ ބާކީ ހުރި ރަށްރަށުގައި އިންވެސްޓުކުރަން ޝައުގުވެރިވާ ގިނަ ފަރާތްތަކުގެ އެންމެ ބޮޑު އެއް ބިރަކީ ވެސް ޓޫރިސްޓުން ގެސްޓްހައުސް އާ ހިސާބަށް ގެންނާނެ ރަނގަޅު ގޮތެއް ނެތުމެވެ. ދިރުންތަކުން މުއްސަނދި، ޑައިވް ސްޕޮޓުތަކާއި، ބިގް ގޭމް ފިޝިން ފަދަ ކުޅިވަރުތައް އަދި ރީތި ގޮނޑުދޮށްތަކާއި ފިނޮޅުތައް ހުރި އަތޮޅަށް ފަތުރުވެރިން ނުގެނެވިގެން އުޅޭ އެންމެ ބޮޑު ސަބަބަކީ ދަތުރުފަތުރަށް ފަހިވެފައި ނެތުމެވެ.

މިނިސްޓަރު މައުސޫމް ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ގުރައިދޫ ރައްޔިތުންނާ ބައްދަލު ކުރައްވަނީ: ދަތުރު ފަތުރު ދަތިވެފައި ވުމުގެ ޝަކުވާ ރައްޔިތުންގެ ކިބައިން ގިނަ

ހައްލު ހޯދަން ނުކުންނަން ޖެހެނީ ގޮޅިން ބޭރަށް

ތިމަރަފުއްޓަށް ފްލައިޓް އަންނަ ގަޑި ޓޫރިޒަމަށް ފައްސެއް ނޫނެވެ. މި އަތޮޅުގެ ރައްޔިތުން، ހާއްސަކޮށް ގެސްޓް ހައުސް ހިންގާ މީހުން އެތައް ފަހަރެއްގެ މަތިން ގައުމީ އެއާލައިނުގެ ވެރިންނަށް އާދޭސް ދަންނަވައި ކުރި މަސައްކަތްތާ އެކުވެސް އެކަމަށް އޮތީ ހައްލެއް ނުލިބިއެވެ. އެހެންކަމުން މައްސަލައަށް ހައްލު ހޯދަން ޖެހެނީ "ގޮޅިން ބޭރަށް" ނުކުންނާށެވެ.

މިނިސްޓަރު މައުސޫމް ވަނީ އެ މައްސަލަ ހައްލު ކުރަން ކުރެވޭނެ ބައެއް ކަންކަން ވިދާޅުވެ ދެއްވާފަ އެވެ. 

  •  ދަތުރުތައް ފެށުމަށް ޕްރައިވެޓް އެއާލައިންތަކާއި، ސީޕްލޭން އޮޕަރޭޓަނުންނާ މަޝްވަރާ ކުރުން
  •  ޕޮއިންޓް ޓް ޕޮއިންޓް ޗާޓަރު ދަތުރުތަކެއް ބޭއްވުން
  •  ކުދި މަތިންދާ ބޯޓު / ފުރޮޅުލީ ސީޕްލޭން ފަހަރަށް ހުއްދަ ދިނުން -- މި މަސައްކަތް މިހާރު ހިނގާ
  •  އާރްޓީއެލްގެ ހިދުމަތް ފެށުމުން ކައްދޫ އަދި ކުޑަހުވަދޫން ދަތުރުތައް ކުރުމަށް ފަސޭހަވާނެ

މިނިސްޓަރު ވިދާޅުވި ގޮތުގައި ރަށުގައި ގިނަ ދުވަހު މަޑުކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒު ކޮށްގެން، އެ މާކެޓުން ޖާގައެއް ހޯދުމަކީ ވެސްމި ވަގުތު އެ އަތޮޅުގެ ގެސްޓްހައުސްތަކަށް ކުރެވެން އޮތް ކަމެކެވެ. އޭރަށް އެމީހުން ދަތުރު ތަންކޮޅެއް ދިގު ވިޔަސް، އެ ޝަކުވާ އެއް އެމީހުން ނުކުރާނެ އެވެ.

ނަމަވެސް، ދަތުރުފަތުރުގެ މައްސަލައަށް އަވަސް ހައްލެއް ހޯދަންޖެހޭ އެވެ. އެކަން މިނިސްޓަރު ވެސް ގަބޫލުފުޅު ކުރައްވައެވެ. އޭނާ ވިދާޅުވި ގޮތުގައި ތަނެއްގައި ފަތުރުވެރިކަން ތަރައްގީ ކުރަން ހުންނަން ޖެހޭ ކަންކަމުގެ ލިސްޓުގެ ތެރޭން މި އަތޮޅުގެ ރަށްތަކުގައި ފާހަގަ ޖަހާ ނުލެވި އޮތް ހަމައެކަނި ގޮޅިއަކީ ދަތުރުފަތުރެވެ. އެހެން ކަމުން މިވަގުތު އެ މައްސަލައަށް ހައްލެއް ހޯދަން ކުރެވެން ހުރި ކަންކަން ކޮށްދޭނެ އެހީތެރިކަން ދެއްވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.