މި ހާއްސަ ކާރު ދައްކާލާނީ އަންނަ އޭޕްރީލް މަހު އޮންނަ ވޯޓާ ސްޕޯޓްސް ފެސިޓިވަލްގަ އެވެ. މި ފެސްޓިވަލްގެ ބޯޓު ބިލްޑިންގް ޕާޓްނަރަކީ މަޝްހޫރު އަލްޝާލީ އެވެ. ފެސްޓިވަލް އޮންނާނީ އެޕްރީލް 27 އިން 29 އަށެވެ.
މޫދުގައި ދުއްވާ ކާރަކީ ދުނިޔޭގައި އެހާ އާއްމު އެއްޗެއް ނޫނެވެ. އާންމުކޮށް އެފަދަ ކާރު ދުވަނީ ހޮލީވުޑްގެ ހިޔާލީ ފިލްމްތަކުގަ އެވެ. އަދި ދުވަހަކު ވެސް މީގެ ކާރެއް ދިވެހިންގެ ލޯމަތީ އޮއްވާ ފެނިފައެއް ނެތެވެ. ނަމަވެސް ޔުނީކް ކުޅިވަރުތައް ރާއްޖެ ގެނެސް ޕްރޮމޯޓް ކުރާ ކުންފުނި ޔުނީކްސް ސްޕޯޓްސް އިން މިވަނީ މީގެ ކާރެއް އުފެއްދުމުގެ މަސައްކަތް ފަށާފަ އެވެ. މި ކާރު ހެދުމުގެ ހުރިހާ މަސައްކަތެއް ކުރަނީ ބޯޓު ބަންނަން މަޝްހޫރު އަލްޝާލީ މެރިން މޯލްޑިވްސް (އޭސް) މެރިން އިންނެވެ.
އަލްޝާލީ މެރިން މޯލްޑިވްސްއަކީ ވޯޓާ ސްޕޯޓްސް ފެސްޓިވަލްގެ އޮފިޝަލް ބޯޓް ބިލްޑިންގް ޕާޓްނަރެވެ. ހުޅުމާލޭގައި މިހާރު ކުރިއަށްދާ ވޯޓާ މެރިން އެކްސްޕޯގައި ބޭއްވި މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އަލްޝާލީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖަރު އަހުމަދު ޝަރީފު އެވެ. އަދި ޔުނީކް ސްޕޯޓްސްގެ ފަރާތުން ސޮއި ކުރެއްވީ އެމްޑީ ރޭޝަން ޝަރީފު އެވެ. ވޯޓާ ސްޕޯޓްސް ފެސްޓިވަލް އޮންނާނީ އެޕްރީލް 27 އިން 29 ގެ ނިޔަލަށް ހުޅުމާލެ ދެ ބައި ބެދޭ ކެނަލް ސަރަހައްދުގަ އެވެ.
ޔުނީކް ސްޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު ރޭޝަން "މި" ނޫހަށް ވިދާޅުވި ގޮތުގައި މި ކާރު ހަދަން އަލްޝާލީއަށް ހަވާލު ކޮށްފައިވާއިރު އަންނަ މަހު އޮންނަ ވޯޓަ ސްޕޯޓްސް ފެސްޓިވަލްގައި އެ ކާރު ދުވާތަން ފެނިގެންދާނެ އެވެ.
"ކުރިން މީގެ ކާރެއް ފެންނާނީ ދުބާއީ ފަދަ ގައުމުތަކުން. އެކަމަކު ރާއްޖޭގައި ޖެޓްސްކީ ދުއްވިފައި މިފަދަ ކާރެއް ނުއުފެއްދެން ޖެހޭ ސަބަބެއް ނެތް. އެހެންވެ އެކަމަށް ވިސްނައި، އޭއައި [އާޓިފިޝަލް އިންޓެލިޖެންސް] ގެ އެހީގައި ކާރެއް ކުރަހައި އެ ހަދަން ވާނީ ހަވާލު ކޮށްފަ،" ރޭޝަން ވިދާޅުވި އެވެ.
ރާއްޖޭގައި ފައިގަތަޅާ ފޯރި އާއި ފުރަތަމަ ކަލަރަން ވެސް އިންތިޒާމު ކުރި ކުންފުނީގެ ޒުވާން އެމްޑީ ވިދާޅުވި ގޮތުގައި މި ކާރުގައި ދެ މީހަކަށް މޫދުގައި ދުއްވާލެވޭނެ އެވެ.
"އަޅުގަނޑަށް ވިސްނޭ ގޮތުގައި މިވާނެ ފެށުމަކަށް. މިވަރުގެ ކަމެއް ދިވެހިންނަށް ހާއްސަކޮށް ރާއްޖޭގައި ކުރެވޭނެކަމުގެ ހެއްކެއް މިއީ،" ރޭޝަން ވިދާޅުވި އެވެ.