"ރައީސަށް އެއްވެސް ޗެލެންޖެއް ނޫން އެއީކީ. ރައީސާއެކު އިންތިހާބުގަ ކުރިޔަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުންނާއެކު އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް،"
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އިން ވަކީން ވާދަ ކުރި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްވެސް ޗެލެންޖެއް ނެތް ކަމަށާއި އެމަނިކުފާނަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
ކޯލިޝަނަކާއެކު ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބު ކުރެއްވޭނެ ކަމަށް ކުރިން ރައީސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މިހާރު ކޯލިޝަންގައި ހިމެނޭ މުހިންމު ޕާޓްނަރެއް ކަމަށްވާ ޖޭޕީ އިން ރިޔާސީ އިންތިހާބުގައި ވަކީން ވާދަކުރަން ނިންމުމުން ރައީސަށް އިންތިހާބު ކާމިޔާބު ކުރަން ދަތިފުޅު ވާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
އެކަމަށް ރައްދު ދެއްވަމުން ރައީސް އޮފީހުން ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ މިހާރު ވެސް އަދާލަތު ޕާޓީއާ އެމްޑީއޭ އިން ރައީސް އަށް ތާއީދުކޮށްފައިވާ ކަމަށެވެ. ޖޭޕީ އިން ވަކިން ނުކުތުމަކީ ރައީސް ސޯލިހަށް އޮތް ގޮންޖެހުމެއް ނޫން ކަމަށާއި، އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކުރެވޭނެ ކަން ކަށަވަރު ކަމަށެވެ.
އަދި ރާއްޖެއަށް އިންޑިއާގެ ނުފޫޒު އޮތް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް އެފަދަ އެއްވެސް ކަމެއް ނެތް ކަމަށާއި، އެކަމުގެ ސަބަބުން ވެސް އިންތިހާބުގައި ރައީސަށް ހުރަހެއް ނެތް ކަމަށް މިއުވާން ވިދާޅުވި އެވެ.
"ވަރަށް ކޮންފިޑެންޓް ހަމަ ވަރަށް ޔަގީންކަން އެބަ އޮތް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް. ރައީސް ވިދާޅުވެފަ އޮތީ ކޯލިޝަނަކާ އެއްކޮށް މި އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް. ރައީސްއާއެކު ކޯލިޝަން ހަދާނެ ކަމަށް އިއުލާނުކޮށްފަ އޮތީ އަދާލަތު ޕާޓީ އަދި އެމްޑީއޭ އިން. އެހެންވީމާ ވަރަށް ޔަގީންކަމާއެކު މިއިންތިހާބު ކާމިޔާބު ކުރެވޭނެ،" މިއުވާން ވިދާޅުވި އެވެ.
މީގެ އިތުރުން، ސަރުކާރުގައި ރިޔާސީ އިންތިހާބުގައި ވާދަކުރެވޭ ދެ ކެނޑިޑޭޓުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފަ އެވެ. އެކަން އިތުރަށް ތަފްސީލު ކޮށްދެއްވަމުން މިއުވާން ވިދާޅުވީ، ކޯލިޝަންގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ އެއްވެސް ސިޔާސަތަކާ ދެކޮޅު ހައްދަވާނަމަ އެބޭފުޅަކާއެކު ކުރިޔަށް ދާން ވަރަށް ދަތިވާނެ ކަމަށެވެ.
ޖޭޕީ އިން ކެނޑިޑޭޓަކު ނެރޭ ހިސާބުން މިހާރު ސަރުކާރުގައި ތިއްބެވި އެ ޕާޓީގެ ބޭފުޅުން މަގާމުން ވަކި ކުރާނީތޯ އެހުމުން އެ ސުވާލަށް މިއުވާން ޖަވާބު ދެއްވާފަ އެއް ނުވެ އެވެ. އޭނާ ވިދާޅުވީ ކެންޑިޑޭޓަކު ނެރެފިނަމަ ޖޭޕީ އާއެކު ރައީސް އިތުރަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެކަމަކު މިއިން އެއްވެސް ކަމަކީ ރައީސްއަށް އިންތިހާބު ކާމިޔާބުކުރަން ދަތިވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސަށް އެއްވެސް ޗެލެންޖެއް ނޫން އެއީކީ. ރައީސާއެކު އިންތިހާބުގަ ކުރިޔަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުންނާއެކު އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" މިއުވާން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ރައީސް އާއެކު ކޯލިޝަން ހެދުމަށް ޖޭޕީއާއި އެމްއާރްއެމް އަށް ހުށަހެޅި ނަމަވެސް އެ ދެ ޕާޓީން އަދި އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. އެމްއާރްއެމް އިން ރައީސް އާއެކު މަޝްވަރާ ކުރައްވާފައި ނުވާ ކަމަށް ވެސް މިއުވާން މިއަދު ވަނީ ވިދާޅުވެފަ އެވެ.
މި ފަހަރުގެ އިންތިހާބަށް ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރެން ނިންމާފައި މިވަނީ އެމްޑީޕީ ވަރަށް ބޮޑަށް ބައިބައިވެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ ތާއީދު ރައީސް ސޯލިހަށް ގެއްލިފައި ވަނިކޮށެވެ. ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ނަޝީދު ގެންދަވަނީ ތަކުރާރު ކޮށް ވިދާޅުވަމުންނެވެ.