ރައީސް ވިދާޅުވި ގޮތުގައި މި ވައިގެ ބަނދަރުން ސަރަހައްދުގެ ރައްޔިތުންނަށް ލިބޭނީ ހަމައެކަނި ދަތުރުފަތުރުގެ ލުއިފަސޭހަ ކަމެއް ނޫނެވެ. އިގްތިސާދީ އެތައް މަންފާ އެއް ލިބި އެ ރަށްތަކަށް އިޖްތިމާއީ ހަމަޖެހުން އަންނާނެ އެވެ.
މިރޭ ހުޅުވުނު ގދ. ފަރެސްމާތޮޑާ އެއާޕޯޓާއެކު އެ ސަރަހައްދުގެ ރައްޔިތުންނަށް އިގްތިސާދީ އެތައް މަންފާއެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފަރެސްމާތޮޑާގެ އެއާޕޯޓަކީ އެ ރަށުގެ އިތުރުން ވާދޫ އާއި ފިޔޯރީ އާއި ރަތަފަންދޫ އަދި ނަޑައްލާގެ ރައްޔިތުން ކުރަމުން އައި ދިގު އިންތިޒާރަށް ގެނެސްދިން ވަރަށް ފޮނި ނިމުމެއް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ވައިގެ ބަނދަރުން ސަރަހައްދުގެ ރައްޔިތުންނަށް ލިބޭނީ ހަމައެކަނި ދަތުރުފަތުރުގެ ލުއިފަސޭހަ ކަމެއް ނޫނެވެ. އިގްތިސާދީ އެތައް މަންފާ އެއް ލިބި އެ ރަށްތަކަށް އިޖްތިމާއީ ހަމަޖެހުން އަންނާނެ އެވެ.
"މިހާރުވެސް މި ރަށުގެ ޒުވާނުން އެއާޕޯޓްގައި އަދާކުރާ ވަޒީފާތަކާ އެކު އިގްތިސާދީ އެތައް މަންފާއެއް އަންނަނީ ލިބެމުން. މި ވައިގެ ބަނދަރާއި މިތަނާ އެކުގައި ދެން ގާއިމުކުރި އެހެން ވަސީލަތްތަކުގެ ސަބަބުން އުފެދިގެން އެ ދިޔައީ ކުރިން ނެތް އެތައް ވަޒީފާއެއް،" ރައީސް ވިދާޅުވިއެވެ.
މި އުންމީދު ހާސިލުވުމާ އެކު ކުރިއަށް އޮތީ އަދި މާ ފަހި ދުވަސްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ފަރެސްމާތޮޑާ އާއި ކައިރި ރަށްތަކާ ދެމެދު ލޯންޗު ދަތުރުތައް އެތައް ގުނައަކަށް އިތުރު ވެގެންދާއިރު އެ ރަށުގައި އެންމެ އަވަހަށް ދެން ފުޅާވާނެ ކަމަށް އެމަނިކުފާނަށް ފެންނަނީ ޓެކްސީގެ ހިދުމަތް ކަމަށް ވިދާޅުވިއެވެ. އަދި ހޮޓާ ރެސްޓޯރަންޓުގެ ވިޔަފާރި އާއި އެ ނޫން ވިޔަފާރިތަކަށްވެސް އެއާޕޯޓާއެކު ހުޅުވުނީ ވަރަށް ތަނަވަސް ދޮރެއް ކަމަށް ވިދާޅުވިއެވެ.
"މިހިރީ މި ވައިގެ ބަނދަރުގެ ސަބަބުން ނުސީދާ ގޮތެއްގައި އުފެދޭ އިގްތިސާދީ ހަރަކާތްތަކާއި އިތުރު ވަޒީފާތަކާއި އާމްދަނީ ހޯދޭނެ އިތުރު މަގުތައް،"
ރައީސްގެ ވާހަކަފުޅުގައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ފަރެސްމާތޮޑާއާ ދެމެދު އެއް ގަޑިއިރާއި 15 މިނިޓަށް ދަތުރު ކުރުވުމުން ގެސްޓްހައުސް ވިޔަފާރިއަށް ވަނުމުގެ އުންމީދުގައި މި ސަރަހައްދުގެ ރަށްތަކުގައި މީހުން ލަސްކޮށް އެ މަސައްކަތް ފެއްޓެވުމަށް އިލްތިމާސް ކުރެއްވިއެވެ.
މީގެ އިތުރުން ފަރެސްމާތޮޑާގެ އެއަރޕޯޓާ އެކު އެ ރަށަށް ވަރަށް ބޮޑެތި ބަދަލުތަކެއް މިހާރު ވެސް އަތުވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. އެންމެ ހެޔޮ ބަދަލެއް އައީ ކަރަންޓުގެ ހިދުމަތަށް ކަމަށާ އެއާޕޯޓް ސަރަހައްދުގައި މަރުކަޒީ އިންޖީނުގެއެއް ގާއިމުކޮށް، ކަރަންޓް ވިއުގައިގެ ފެންވަރު ރަނގަޅު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. ބާ ކޭބަލްތަކުގެ ބަދަލުގައި މުޅިން އާ ކޭބަލް މިހާރު ވަނީ އަޅައި ނިމިފައި ކަމަށް ވިދާޅުވިއެވެ.
އަދި އެ ރަށުގެ ނަރުދަމާގެ މަސައްކަތް ވެސް މިހާރު މިސްރާބު ޖަހާފައި އެހުރީ ނިންމާ ރޮނގަށް ކަމަށާ އެކަމުގެ ލުއިފަސޭހަކަން ލިބުމަށްވެސް ދެން މާގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށް ވިދާޅުވިއެވެ. އެ މަޝްރޫއަކީ ވެސް އަސާސީ ހިދުމަތްތަކާ އެކު އުފެދިގެން އަންނަ އިތުރު ވަޒީފާތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
" ދެން އެންމެ އަވަހަށް މި ރަށަށް އަންނާނެ އެއް ބަދަލަކީ އެއާޕޯޓާ ގުޅުވައިދޭ ދާއިމީ ކޯޒްވޭ. އެ މަސައްކަތް ނިމުމާއެކު ބަނދަރު ސަރަހައްދުން އެއާޕޯޓަށް ގެންގޮސްދޭނެ ތާރު މަގުގެ މަސައްކަތް ވެސް މާލަސްތަކެއް ނުވެ ފެށިގެން ދާނެ. މި އެއާޕޯޓްގެ ލުއިފަސޭހަކަން ފުރިހަމައަށް ލިބެން ފަށާނީ އޭރުން،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެތެރޭގެ ދަތުރުފަތުރުގައި ރައްޔިތުންނަށް ދުރު ގާތް ކޮށްދޭން ޖެހޭނެ ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާ މިންގަނޑެއް އެބައޮތް ކަމަށް ވިދާޅުވިއެވެ. އެއީ ކޮންމެ ރަށަކުން ވެސް ފުރައިގެން އެންމެ ގިނަވެގެން 20-30 މިނިޓުން ދެވޭ ހިސާބުގައި ވައިގެ ބަނދަރެއް އޮތުން ކަމަށް ވިދާޅުވިއެވެ.
ފަރެސްމާތޮޑާ އެއާޕޯޓާއެކު އެންމެ ރަށެއް ފިޔަވައި މުޅި ހުވަދުއަތޮޅު އެ މިންގަނޑަށް ފެތި ބަރާބަރުވީ ކަމަށް ވިދާޅުވިއެވެ.
" ވާދޫ ރައްޔިތުން މީގެ ކުރިން ކުރަމުން އައި އެއް ގަޑިއިރުގެ ދަތުރު އެންމެ 15 މިނިޓަށް ކުރު ވެއްޖެ. ފިޔޯރީ މީހުންގެ 50 މިނިޓްގެ ދަތުރު 10 މިނިޓަށް، އަދި ރަތަފަންދޫ މީހުން 45 މިނިޓުން ކުރި ދަތުރު 20 މިނިޓަށް ކުރު ވެއްޖެ. އަދި މި ރަށުގެ ރައްޔިތުން އެއް ގަޑިއިރުން ކުރި ދަތުރު ނިސްބަތުން ބަލާނަމަ އެ ކުރުވީ ގާތްގަނޑަކަށް ގެއާއި ބަދިގެއާ ދެމެދުގެ ދުރުމިނަކަށް،"
އެމަނިކުފާނު ވަނީއެހެން އަތޮޅުތައް ވެސް އެ މިންގަނޑަށް ފައްތަވާނެ ކަަމަށް ވިދާޅުވެފައެވެ. އެ ގޮތުން އުތުރުގެ ދެ އަތޮޅެއްގަޔާއި ދެކުނުގެ ދެ އަތޮޅެއްގައި ހަތަރު ވައިގެ ބަނދަރެއް ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އިން ވަރަށް ހަލުވިކަމާއެކު މިހާރުވެސް ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މ. މުއްޔާއި ފ. މަގޫދޫ އަދި ރ. އަލިފުށީގައި ގާއިމުކުރާ ވައިގެ ބަނދަރުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިމި ހިދުމަތް ދޭން ފެށޭނެ ކަމަށެވެ. އަދި ނ. މާފަރު ވައިގެ ބަނދަރު އިތުރަށް ތަރައްގީކޮށް ފެންވަރު މަތިކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ވެސް މި އަންނަ އަހަރުގެ ކުރީކޮޅުގައި ނިންމައި ހިދުމަތް ދޭން ފެށޭނެ ކަމަށެވެ.
މީގެ އިތުރުން ހަތަރު ރަށެއްގައި ވައިގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އެއީ ހދ. މަކުނުދޫ އާއި ށ. ބިލެތްފަހީގެ އިތުރުން ބ. ތުޅާދޫ، އަދި ތ. ވިލުފުށީގައި ގާއިމުކުރާ ވައިގެ ބަނދަރުތައް ކަމަށް ވިދާޅުވިއެވެ.
"އެ ހަތަރު ވައިގެ ބަނދަރަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު އޮތީ ބީލަމުގެ އެންމެ ފަހު މަރުހަލާގައި. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އެކަންވެސް ބަޔަކާ ހަވާލު ކުރެވިގެން ދާނެ. ރ. އަތޮޅު ދެކުނު ބިތުގައި ތަރައްގީ ކުރަން ނިންމި އެއާޕޯޓާ ގުޅޭ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް އެބަ ކުރިއަށް ދޭ،"
މި ވައިގެ ބަނދަރުތައް ގާއިމުކޮށް ނިމޭއިރު އެތެރޭގެ އުދުހުންތަކުގެ ވިއުގަ ވަރަށް ބޮޑަށް ގެތި ލާމެހިގެންދާނެ ކަމަށާ އަދި އެއީ ވަޒީފާގެ އިތުރު ފުރުސަތުތައް އުފެދި އިގްތިސާދީ ހަރަކާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ދިރުމަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރުމަށް ލިބޭ ރަނުގެ ފުރުސަތުތަކަށްވެސް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.