ޔޯގާ ހަމަނުޖެހުން ހިންގީ ދީނީ ހަރުކަށި ވިސްނުމެއްގައި: ދައުލަތް

ޖޫން 21 ގެ ޔޯގާ އިވެންޓް ތެރެއިން އައި ހަމަނުޖެހުމަކީ ދީނީ ވަކި ޝިއާރެއްގެ ތެރެއިން އުފެދިގެން އައި ހަމަނުޖެހުމެއް ކަމަށް ހެކިތަކުން އެނގޭ ކަމަށް ދައުލަތުން ވަނީ ކޯޓުގައި ބުނެފަ އެވެ.

ޝައިހު ފަޒުލޫނާ އަދި ޝައިހު ނިޝާން

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރަން ޖޫން 21 ގައި ބޭއްވި އިވެންޓަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައި ވަނީ ދީނީ ހަރުކަށި ފިކުރުގެ ވިސްނުމެއްގައި ކަމަށް ދައުލަތުން މިއަދު ހައިކޯޓުގައި ބުނެފި އެވެ.

ހައިކޯޓް / އެޕީލް ކޯޓްގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ޔޯގާ ހަރަކާތަށް ހުރަސް އަޅައި، ހިންގި ހަމަނުޖެހުން ރާވައި އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުކުރާ ޝައިހް އާދަމް ނިޝާން ބިން އަލީ އަދި ޝައިހް ފަޒްލޫން މުހައްމަދުގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާ ބަންދު މުރާޖާ ކޯޓު އަމުރުތަކުގެ މައްސަލަ އެވެ.

ދެ ބޭފުޅުންގެ މައްސަލަ ވަކިވަކިން ކުރިއަށް ގެންދިޔަ ނަމަވެސް ހުށަހަޅާފައި ވަނީ ގާތްގަނޑަކަށް އިސްތިއުނާފީ އެއް ނުކުތާތަކެކެވެ. ފުރަތަމަ ކަމަކަށް ފާހަގަކޮށްފައި ވަނީ ދެ ބޭފުޅުން ހައްޔަރު ކުރަމުން ފުލުހުން ގާނޫނީ އިންޒާރު ދެމުން އުފުލާފައިވާ ތުހުމަތުތަކަށްވުރެ އިތުރު ކަންކަން ކޯޓަށް ހުށަހަޅާފައިވާ ބަންދު ފޯމުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ހަމަނުޖެހުން ހިންގަން ރާވައި، ހިތްވަރުދީ ބައިވެރިވެ، އެތަނުގައި ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ފުލުހުންގެ ދައުރަށް ހުރަސް އަޅައި އަދި އާންމުގެ މެދުގައި ބިރުވެރިކަން އުފެއްދުން ފަދަ އިތުރު ކަންކަން ހިމަނާފައިވާ ކަމަށް ވަކީލުން ފާހަގަކުރައްވާފައިވެ އެވެ.

މިކަމާ ގުޅިގެން ދައުލަތުން ބުނެފައި ވަނީ މީހަކު ހައްޔަރުކުރުމަށް ފަހު މައްސަލަ ތަހުގީގު ކުރަމުންދާ ވަރަކަށް އިތުރު ކަންކަން ހާމަވެ، އިތުރު ތުހުމަތުތައް އުފުލޭނެ ކަމަށެވެ.

އަނެއް ކަމަކަށް ފާހަގަކުރެއްވީ ބަންދުގައި ބެހެއްޓޭވަރުގެ އެކަށީގެންވާ ހެކި ލިބިފައި ނުވާކަމަށެވެ. އެކަމަކު ދައުލަތުން ބުނެފައި ވަނީ ދެބޭފުޅުން މި ހަރަކާތަށް ހިތްވަރުދީ އެކަމަށް ގޮވާލައި ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓްތަކާއި އަދި އެދުވަހު ގަލޮޅު ދަނޑު ކުރިމަތީގައި ދެއްކި ވާހަކަތަކުގެ ސްކްރިޕްޓާއި ފޮޓޯ އަދި ވީޑިއޯފަދަ ތަކެތި ހެކީގެ ގޮތުގައި ހުށަހަޅާފައިވާނެ ކަމަށެވެ. ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ލިބިފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ދައުލަތުން ބުނެފައި ވަނީ މި ދެބޭފުޅުންގެ ފަރާތްޕުޅުން މުޖުތަމައަށް ނުރައްކާވުމުގެ އިހުތިމާލް އޮތް ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ރަނގަޅަށް ކަމަށެވެ. ޔޯގާ ދުވަހު ހަމަނުޖެހުން ހިންގަން ބެދުވެރިވި ސަބަބަކީ ދެ ބޭފުޅުން އެތަނުގައި ދެއްކި ވާހަކަތަކެއްގެ ސަބަބުން ކަމަށް ދައުލަތުން ބުނެ އެވެ. ޔޯގާ އަކީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ ކަމަކަށްވާއިރު، މި ބޭފުޅުން މަސައްކަތްކުރެއްވީ އެންމެ ހަރުކަށި ހުކުމް ބުނެދޭން ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފަ އެވެ.

ޔޯގާ ދުވަހު ހިންގާފައިވާ ހަމަނުޖެހުމަކީ ދީނީ ވަކި ޝިއާރެއްގެ ތެރެއިން އުފެދިގެން އައި ހަމަނުޖެހުމެއް ކަމަށް ހެކިތަކުން އެނގޭ ދައުލަތުން ވަނީ ކޯޓުގައި ބުނެފަ އެވެ.

މި ދެ މައްސަލައިގައި ދެ ފަރާތުން ތަފްސީލީ ގޮތެއްގައި ވާހަކަދެއްކި ނަމަވެސް ދައުލަތުން ބުނެފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު ފަޒްލޫން ދޫކޮށްލާފައިވާތީ އެބޭފުޅާގެ ފަރާތްޕުޅުން އިސްތިއުނާފް ކޮށްފައިވާ ކޯޓު އަމުރުތަކުގެ ބޭނުން މިހާރު ކެނޑިފައިވާ ކަމަށެވެ. މި މައްސަލަތަކުގެ އަޑުއެހުންތައް މިއަދު ކޯޓުގައި ވަނީ ނިންމާލައިފަ އެވެ. ދެން އޮންނާނީ ދެ މައްސަލައިގައި ވެސް ހުކުމް އިއްވުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.