އެސްތިމާރަކީ އިމާރާތް ކުރުމާއި، ރެއަލް އެސްޓޭޓުގެ އިތުރުން ސިއްހީ ދާއިރާ އާއި، ދަނޑުވެރިކަމުގެ ދާއިރާގައި ވެސް ހަރަކާތްތެރިވާ ކުންފުންޏެކެވެ.
ވޯލްޑޯފް އެސްޓޯރިއާ އިތާފުށީގެ ކާމިޔާބީއަށް ފަހު، ރާއްޖެއަކީ އިންވެސްޓް ކުރަން ރަނގަޅު ގައުމެއްކަން ރަނގަޅަށް އެނގިއްޖެ ކަމަށާއި، އެހެން ކަމުން ރާއްޖޭގައި އިތުރު ބޮޑެތި މަޝްރޫއުތަކެއް ހިންގަން ވިސްނަވާކަމަށް އެ ރިސޯޓުގެ އޯނަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ގަތަރުގެ ޕަވާ އިންޓަނޭޝަލް ހޯލްޑިންސް ގްރޫޕުގެ ސީއީއޯ ރަމީޒް އަލް ޚައްޔާތު ވިދާޅުވެއްޖެ އެވެ.
އެ ގުރޫޕުގެ ސަބްސިޑަރީ ކުންފުނި، އެސްތިމާރުން މިހާރު ވެސް އަންނަނީ މާލެއަތޮޅު ދެކުނުބުރީގެ އިތުރުފަޅެއްގައި އަލްޓްރާ ލަގްޒަރީ ބްރޭންޑް، ރޯސްވޫޑްގެ ރިސޯޓެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. ރޭ އިތާފުށީގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރަމީޒް ވިދާޅުވީ އާ މަޝްރޫއުގެ ޖުމްލަ އަގު 343 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.2 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އިތާފުށީގެ ތަޖުރިބާއިން ފާހަގަވި ކަމަކީ ރާއްޖެއަށް ކުރާ އިންވެސްޓްމެންޓްތަކުގެ ރިޓާން ރަނގަޅު ކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ ރާއްޖޭގައި ކުރާ އިންވެސްޓްމެންޓުން ރަނގަޅު އެއްޗެއް އަނބުރާ ލިބޭކަން. މިއީ [އިންވެސްޓުކުރަން] ވަރަށް ރަނގަޅު ގައުމެއް" ރަމީޒް ވިދާޅުވި އެވެ.
ރަމީޒް ވިދާޅުވި ގޮތުގައި ރާއްޖެއަކީ ލަގްޒަރީ މަންޒިލެކެވެ. ދުނިޔޭގެ އިގްތިސޯދަށް އަންނަ ލޮޅުންތަކުގެ އަސަރު ވިޔަފާރިއަށް ކުރާ މިންވަރު ރާއްޖޭގައި ކުޑަ އެވެ. އަދި ދިވެހި ސަރުކާރުން ކޮވިޑު މެނޭޖުކުރި ގޮތަށް ތައުރީފު ކުރައްވާ އޭނާ ވިދާޅުވި ގޮތުގައި އެއީ ރާއްޖޭގެ ސަރުކާރުގެ ސިޔާސަތުތައް ވިޔަފާރިއަށް ފަހިކަން ހާމަވި ކަމެކެވެ.
"އަހަރެމެންގެ ޕޯޓްފޯލިއޯގައި އަދި ބައިވަރު ބްރޭންޑުތައް އެބަހުރި ރާއްޖެއަށް ގެންނަން ވެސް ބޭނުންވާ، ކުރިއަށް އޮތް ތިނެއް ނުވަތަ ފަސްއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ތިނެއް ނުވަތަ ހަތަރު އިތުރު ޕްރޮޖެކްޓް އަޅުގަނޑުމެން ފަށާނަން" އޭނާ ވިދާޅުވި އެވެ.
އެސްތިމާރަކީ އިމާރާތް ކުރުމާއި، ރެއަލް އެސްޓޭޓުގެ އިތުރުން ސިއްހީ ދާއިރާ އާއި، ދަނޑުވެރިކަމުގެ ދާއިރާގައި ވެސް ހަރަކާތްތެރިވާ ކުންފުންޏެކެވެ. ރަމީޒް ވިދާޅުވީ ރާއްޖޭގައި ވެސް ފަތުރުވެރިކަން ފިޔަވާ އިތުރު ދާއިރާތަކަށް އިންވެސްޓް ކުރުމަކީ ކުރިއަށް އޮތް ތަނުގައި ނެތް ކަމެއް ނޫން ކަމަށެވެ.
ގަތަރުގެ ކުންފުންޏާއެކު، އިތާފުށީގެ ޕާޓްނަރެއްގެ ގޮތުގައި ހުންނަވާ، ރާއްޖޭގެ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ވެސް ޕްރެސް ކޮންފަރެންސަގައި ވާހަކަފުޅު ދެއްކެވި އެވެ. އޭނާ ވިދާޅުވީ މިހާރު ވެސް އެ ކުންފުނީގެ ބޮޑު ދެ މަޝްރޫއެއް އިއުލާނު ކުރަން ތައްޔާރުވަމުން ގެންދާ ކަމަށެވެ.