ދެވަނަ ދައުރެއް ހޯއްދަވަން އުޅުއްވަނީ ގައުމަށް ކުރެއްވުނުވަރު ކުޑަކަމުންތޯ ސުވާލު ކުރެއްވިއެވެ. އިތުރު ދައުރެއްގައި ރައްޔިތުންނަށް "ތަކުލީފް" ނުޖައްސަވާ މިހާރު ލިބިވަޑައިގެންފައިވާ ދައުރު ފުރިހަމަ ކުރެއްވޭތޯ ބެއްލެވުމަށް މުނައްވަރު ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އިތުރު ދައުރެއް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާ ރިޔާސީ ރޭހަށް ނިކުންނަވަން ނިންމެވީ ގައުމަށް ހެޔޮ ބަދަލެއް ގެނެވޭނެ ބޭފުޅަކު ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާތީ ކަމަށް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
މުނައްވަރު މިހެން ވިދާޅުވީ ސެޕްޓެންބަރު ނުވަވަނަ ދުވަހު އޮންނަ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރެއްވުމަށް ފަހު މިއަދު ބޭއްވެވި ނޫސްވެރީންގެ ބައްދަލްވުމުގައެވެ. މުނައްވަރު ވިދާޅުވި ގޮތުގައި މިއަދުގެ ބައްދަލްވުމަކީ ސިޔާސަތުތައް ހާމަކުރެއްވުމާއި ރައްޔިތުންނަށް މައުލޫމާތު ދެއްވުމަށް ފެއްޓެވި ސިލްސިލާ ނޫސްވެރީންގެ ބައްދަލްވުމުގެ ފުރަތަމަ ބައްދަލްވުމެވެ.
ނޫސްވެރީންގެ ބައްދަލްވުމުގައި މުނައްވަރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމެވުމުން އެކަމަށް ފާޑުވިދާޅުވެފައެވެ. ދެވަނަ ދައުރެއް ހޯއްދަވަން އުޅުއްވަނީ ގައުމަށް ކުރެއްވުނުވަރު ކުޑަކަމުންތޯ ސުވާލު ކުރެއްވިއެވެ. އިތުރު ދައުރެއްގައި ރައްޔިތުންނަށް "ތަކުލީފް" ނުޖައްސަވާ މިހާރު ލިބިވަޑައިގެންފައިވާ ދައުރު ފުރިހަމަ ކުރެއްވޭތޯ ބެއްލެވުމަށް ގޮވާލެއްވިއެވެ.
"ސުވާލަކީ މިހާރު ކުރެއްވުނު ވަރު މަދީތޯއޭ. ކުޑައީ ތޯއޭ. ހަރަދު ކުރެއްވުނު ވަރު ކުޑައީތޯ. ނުވަތަ އިތުރު ބަޔަކަށް އަދިވެސް ބައްސަަވަން އޮތީތޯއޭ. އަޅުގަނޑު ދަންނަވާނީ މިހާރު ބެއްސެވިއްޖެޔޭ. އިނަފް އިސް އިނަފް އޭ،"
މުނައްވަރު ވަނީ ރައީސް ސޯލިހްގެ ސަރުކާރުގެ ސިޔާސަތުތަކާއި ސަރުކާރުން އަމަލު ކުރައްވަމުން ގެންދަވާ ގޮތަށް ފާޑު ވިދާޅުވެފައެވެ. ވިދާޅުވީ ކޮރަޕްޝަނަށް ދެއްވާނީ "ޒީރޯ ޓޮލަރަންސް" ކަމަށް ވިދާޅުވި ނަމަވެސް އެކަމުގެ އެއްވެސް ސިފައެއް އަމަލީ ގޮތުން ނުފެނުނު ކަމަށެވެ. ވެރިކަން ފެއްޓެވީވެސް އެފަދަ އަމަލަކުން ކަމަށް ވިދާޅުވި އެވެ.
"ޒީރޯ ޓޮލަރަންސްގެ ދަށުން ހިންގި ފުރަތަމަ ކަމަކަށް އެއްބަނޑުއެއްބަފާ ކޮއްކޮއަށް ވަޒީފާ ދިނުން ހިމެނޭ. އިސް މަގާމެއް ދެއްވަނީ. ނާއިބު ރައީސަކަށް ހުންނެވި ބޭފުޅާވެސް ހަމަ ތަކުރާރު ކުރެއްވީ އެ ޒީރޯ ޓޮލަރަންސް ސިޔާސަތު،" ރައީސްގެ ސެކްރެޓަރީ އަކަށް ކޮއްކޯފުޅު ފާތިމަތު ސޯލިހް އަދި ނާއިބު ރައީސްގެ ސެކްރެޓަރީ އަކަށް ކޮއްކޯފުޅު ނަޒްރާ ނަސީމް ހަމަޖެއްސެވި ހަމަޖެއްސެވުމަށް އިޝާރާތް ކުރައްވާ މުނައްވަރު ވިދާޅުވިއެވެ.
އަދި ވިދާޅުވީ އިންތިހާބާ ދިމާކޮށް ވަޒީފާ ދީ މުސާރަ ބޮޑު ކުރުމަކީ ރައްޔިތުންނަށް ރިޝްވަތު ދިނުން ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ދާހިލީ އަދި ހާރިޖީ މިނިވަން ކަމެއްވެސް ނެތް މިއަދު ނެތް ކަމަށް ވިދާޅުވި އެވެ.
"މި ގައުމުގައި ވާނުވާ އެއް އިބްރާހިމް މުހައްމަދު ސޯލިހަކަށް ނޭންގެ، ވަރަށް މާފު އެނގޭތޯ. ހަމަ ނޭންގޭ،"
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމެވި ނިންމެވުމާއި ގުޅޭގޮތުންވެސް މުނައްވަރު ވަރަށް ތަފްސީލްކޮށް މިއަދު ވާހަކަ ދެއްކެވި އެވެ. ވިދާޅުވީ އިންތިހާބަށް ނިކުންނެވުމަށް އިއުލާނު ކުރެއްވީ ކަމެއް ބޭނުމެއް ވެގެން ނޫން ކަމަށާ ބޭފުޅެއްގެ ރަނިންމޭޓަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަމެއްވެސް އޮވެގެން ނޫން ކަމަށެވެ.
އަދި އިންތިހާބަށް ނިކުންނަވާނެ ކަމަށް އިއުލާނު ކުރެއްވީ އެއްވެސް ސިޔާސީ ލީޑަރަކާއި މަޝްވަރާ ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާއެކު އައްޑޫއަށް ކެމްޕެއިނަށް ވަޑައިގެންނެވި ދަތުރުފުޅާ އިންތިހާބަށް ނިކުންނަވަން ނިންމެވި ނިންމެވުމާއި ގުޅުވާތީ އެ ދަތުރުގެ ތަފްސީލްވެސް މުނައްވަރު ދެއްވިއެވެ. ވިދާޅުވީ އައްޑޫއަށް ވަޑައިގަންނަވަން ޓިކެޓް ނެންގެވީ އަމިއްލަފުޅު ކަމެއްގައި ކަމަށާ އޭރު ރައީސް ނަޝީދު ވަޑައިގަންނަވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަޝީދުގެ ކެމްޕެއިންގައި ނޫޅުއްވާ ކަމަށާ ދެ ދުވަހެއްގައި އޮތް ސަޔެއްގައި ބައިވެރިވެވަޑައިގެންނެވީ ލިބިވަޑައިގެންނެވި ދައުވަތަކަށް ކަމަށެވެ.
އަދި އެ ދަތުރުގައި އިތުރު އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އިންތިހާބުގައި ވާދަނުކުރައްވާ ފަހަތަށް ޖެހިވަޑައިގަންނަވާނެ ހާލަތެއް އެބައޮތްތޯ ސުވާލު ކުރުމުން މުނައްވަރު ވިދާޅުވީ ގާބިލް މީހަކު އިންތިހާބަށް ކުރިމަތިލައްވައިފިނަމަ އެ ބޭފުޅެއްގެ ފަހަތްޕުޅަށް ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ވިދާޅުވީ އެފަދަ ބޭފުޅަކު ފެންނަން ނެތް ކަމަށެެވެ.
"އަޅުގަނޑު އެއްވެސް މީހެއްގެ ފަހަތަށް އަރާކަށް ނޫޅެން. އެއީ ފަހަތަށް އެރެން ނެރީ،"
މުނައްވަރު ތަކުރާރުކޮށް ވިދާޅުވީ އެއްވެސް ސިޔާސީ ވެރިއެއްގެ ފަހަތަށް ވަޑައިނުގަންނަވާނެ ކަަމަށާ އެދިވަޑައިގަންނަވަނީ ރައްޔިތުންގެ ތާއީދު ދެއްވުމަށެވެ.
ވެރިކަމަށް ކުރިމަތިލައްވަން ނިންމެވީ އާ ޖީލެއް އުފައްދަން ކަމަށާ އޭނާގެ ވެރިކަމެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމަށް ވަކި މިނިސްޓްރީތައް ގާއިމު ކުރައްވާނެ ކަމަށެވެ.
އަދި ސަރުކާރުގެ ހަރަދު ދެބައިކުޅަ އެއްބައި ކުޑަ ކުރައްވާނެ ކަމަށާ ބޭކާރު ހުރިހާ މިނިސްޓްރީއެއް އުވާލާނެ ކަމަށްވެސް ވިދާޅުވިއެވެ. ގާބިލް ނޫން ބަޔަކަށް ވަޒީފާ ނުދޭނެ ކަމަށާ އެކަން ހުއްޓުވާނެ ކަމަށް ވިދާޅުވިއެވެ.
އަދި ކުރައްވަން އުޅުއްވާ ކަންކަން ރައްޔިތުންނަށް ސާފުވާނެ މިންވަރުގެ ފުރިހަމަ މެނިފެސްޓޯއެއް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ.
"ވަރަށް ސާފު އެޖެންޑާއެއްގައި މި އަންނަނީ. ވަރަށް ކްލިއާ އެޖެންޑާއެއް. އެކަން އެނގޭ ވަރަށް ކުރިއަށް އޮތްތާ އަޅުގަނޑުމެން ކިޔައިވެސް ދޭނަން،"
މުނައްވަރު ވިދާޅުވީ ވަރަށް ގިނަ ބަޔަކު އޭނާއަށް ގުޅުއްވާ ހިތްވަރު ދެއްވާ ކަމަށާ ވޯޓްލާނެ ޗޮއިސްއެއް ނެތް ކަމަށް ރައްޔިތުން ބުނާ ކަމަށެވެ. އިންތިހާބަށް ނިކުންނެވީ އެފަދަ އެތައް ސަބަބުތަކެއް ހުރުމުން ކަމަށެވެ.