ކުރިން ސްޓޫޑެންޓް ލޯނު ނަގާފައިވާ ދަރިވަރުންގެ ތެރެއިން، އަމިއްލަ އިހުތިޔާރުގެ ބޭރުން ހިނގާ ކަމަކާ ގުޅިގެން، ކޯސް ފުރިހަމަ ނުވާ ދަރިވަރުންނަށް ލޯނު މުއްދަތު އިތުރު ކުރަން އެދުމުގެ ފުރުސަތު ވެސް ހުޅުވާލާފައި ވެއެވެ.
މަތީ ތަޢުލީމަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ހުޅުވީ 720 ފުރުސަތަށް ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އަންނަ އަންގާރަ ދުވަހު ހަމަވާނެ އެވެ. އެކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަނދާން ވެސް ކޮށްދީފަ އެވެ.
އެ ދުވަހުގެ މެންދުރު ފަހު 1:30 އާ ހަމައަށް ހުށަހެޅޭނެ އެވެ. ލޯނަށް އެދި ހުށަހަޅަންޖެހޭނީ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ޕޯޓަލް މެދުވެރި ކޮށެވެ.
ސަރުކާރުގެ ސްޓޫޑަންޓު ލޯން ސްކީމުގެ ދަށުން، ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް 720 ފުރުސަތަށް ހުޅުވާލީ މިދިއަ ފެބުރުއަރީ 15 ވަނަ ދުވަހު އެވެ. އެ ފުރުސަތުތައް އިއުލާން ކުރައްވަމުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އޭރު ވިދާޅުވީ ކުރީގެ އަހަރު ފަދައިން މިއަހަރު ވެސް އިދާރީ ފީގެ ގޮތުގައި ލޯނުގެ އެއް ޕަސެންޓް ނަގަން ނިންމާފައިވާ ކަމަށެވެ.
"ދަރިވަރުން ލޯނު ނަގާއިރު ލޯނަށް އަރާ ޖުމްލަ އަދަދު އެނގޭނެ. އަދި އެ އަދަދު ފަހުން ބަދަލެއް ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ލޯނު ފުރުސަތުތައް ހުޅުވާލާފައި އޮތީ ޑިޕްލޮމާއިން ފެށިގެން، ޕީއެޗްޑީ ފެންވަރާ ހަމައަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް، ޑިޕްލޮމާ ފެންވަރަށް ކިޔެވުމަށް ހާއްސަ ފުރުސަތުތަކެއް ހުޅުވާލާފައި ވެސް ވެއެވެ. މީގެ އިތުރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގުރާމުގައި ކިޔަވަމުންދާ ދަރިވަރުންނަށް އިތުރު ހަރަދުތައް ހަމަޖެއްސުމަށްޓަކައި ލޯނަށް ކުރިމަތިލެވެ އެވެ. މި އަހަރު އެ ލޯނަށް ހުރިހާ ދާއިރާއެއްގެ ކޯސްތައް ހަދަމުންދާ ދަރިވަރުންނަށް ވެސް ކުރިމަތިލެވެ އެވެ.
މި އަހަރުގެ ލޯނަށް ހުޅުވާލިއިރު، އާންމުކޮށް ޑިމާންޑު ބޮޑު ތިން ދާއިރާއެއްގެ ކޯސްތަކަށް ވަނީ ފުރުސަތު އިތުރުކޮށްފަ އެވެ. އެއީ:
ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް 15 ފުރުސަތެއް ވެސް ހުޅުވާލާފައި ވެއެވެ. އެ ފުރުސަތުތަކަކީ ޕްރައިވެޓް ކޮލެޖުތައް ބާރުވެރި ކުރުވުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. އެ ފުރުސަތުތަކަށް ކުރިމަތިލެވޭނީ ޕްރައިވެޓް ކޮލެޖެއްގެ އެންޑޯސްމަންޓާއެކު އެވެ.
ކުރިން ސްޓޫޑެންޓް ލޯނު ނަގާފައިވާ ދަރިވަރުންގެ ތެރެއިން، އަމިއްލަ އިހުތިޔާރުގެ ބޭރުން ހިނގާ ކަމަކާ ގުޅިގެން، ކޯސް ފުރިހަމަ ނުވާ ދަރިވަރުންނަށް ލޯނު މުއްދަތު އިތުރު ކުރަން އެދުމުގެ ފުރުސަތު ވެސް ހުޅުވާލާފައި ވެއެވެ. އެ ލޯނުގެ އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.