މުއާމަލާތް ނުކުރާ ސީބީއެމް އިން ފިޝަރީޒް މިނިސްޓަރުގެ އެކައުންޓެއް އުވާލަނީ

ސީބީއެމްގެ ޑޯމަންޓް އެކައުންޓުގެ ލިސްޓުގައި 90 ފަރާތެއް ހިމެނެ އެވެ. ޑޯމަންޓް އެކައުންޓުގެ ލިސްޓަށް ނަން އަރުވަނީ އެކައުންޓުން މުއާމަލާތް ނުކޮށް ފަސް އަހަރުވުމުން އެކައުންޓް އުވާލުމަށެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން - ރައީސް އޮފީސް

މުއާމަލާތް ނުކުރާތާ ގިނަ ދުވަސް ވެގެން ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އިން އުވާލަން ނިންމާފައިވާ ޑޯމަންޓް އެކައުންޓުގެ ލިސްޓުގައި ރާއްޖޭގެ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންގެ އެކައުންޓެއް ވެސް ހިމެނެ އެވެ. 

ސީބީއެމް އިން ވަނީ ހުޅުވައިފައިވާ، އެއްވެސް މުއާމަލާތެއް ނުކުރާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އެކައުންޓްތަކެއް އުވާލަން ނިންމައި ފަހު ފުރުސަތެއްގެ ގޮތުން އެކައުންޓުތަކުގެ ވެރިންނަށް އެކަން އަންގަން އާންމުކޮށް އެކައުންޓުގެ ވެރިން ހިމެނޭހެން އިއުލާނެއް ނެރެފަ އެވެ. 

ސީބީއެމްގެ މި ލިސްޓުގައި ރާއްޖޭގެ ބައެއް ފައިސާވެރިންނާއި ވިޔަފާރިވެރިން ބައެއް ވިޔަފާރި ކުންފުނިތައް ވެސް ހިމެނެ އެވެ. މި ލިސްޓުގައި ހިމެނޭ އެންމެ މަޝްހޫރު އެއް ފަރާތަކީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. 

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސަރުކާރުގެ ތަމްސީލް ކުރައްވާ ހުސެއިންގެ ނަންފުޅުގެ އިތުރުން މި ލިސްޓުގައި ފިޝަރީޒް މިނިސްޓަރު އުޅުއްވާ ގެކޮޅު ކަމަށްވާ ހުޅުމާލެ ، 10095 ނަމްބަރު ވެސް ހިމަނާފައިވެ އެވެ. 

ސީބީއެމްގެ ލިސްޓުގައި 90 އަށްވުރެ ގިނަ އެކައުންޓް ހިމެނެ އެވެ. އެ ބޭންކުން ބުނެފައިވާ ގޮތުން މި އެކައުންޓްތަކުން އެއްވެސް މުއާމަލާތެއް އެކައުންޓުގެ ވެރިފަރާތުން ކޮށްފައި ނުވާކަމަށް ސީބީއެމްގެ ރިކޯޑުތަކުން ދައްކާ ހުރިހާ އެކައުންޓްތަކުގެ ވެރިފަރާތްތަކަށް އެކައުންޓްތަކާމެދު އަމަލު ކުރަންވީ ގޮތެއް އެ ބޭންކަށް އަންގައިދިނުމަށް ސިޓީވެސް ފޮނުވާފައިވާނެ ކަމަށެވެ. 

ޑޯމަންޓް އެކައުންޓަކީ ކޮބާ؟ - ޑޯމަންޓް އެކައުންޓް ކަނޑައަޅަނީ ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގެ 35 މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން، ވިދިވިދިގެން ފަސް އަހަރުދުވަސް ވަންދެން، އެކައުންޓެއްގެ ވެރިފަރާތުން އެ އެކައުންޓަކުން އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނަމަ، ނުވަތަ ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވައިފައި ނުވާނަމަ އެވެ. މިގޮތުން، އެ އެކައުންޓުގެ ވެރި ފަރާތްތަކަށް ސިޓީއިން ވެސް އެކަން އަންގަން ޖެހެ އެވެ.

މިގޮތަށް އެންގުމަށްފަހު، ކަސްޓަމަރުންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބިއްޖެނަމަ، އެ ފަރާތްތަކުގެ މައުލޫމާތު، ދިވެހި ނޫސްތަކާއި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ޖެހެ އެވެ. މި މައުލޫމާތު ޝާއިއުކުރެވޭތާ ދެ މަސް ހަމަވުމުން، މި ފަދަ އެކައުންޓްތައް ބަންދު ކުރުމަށްފަހު އެ އެކައުންޓްތަކުގައިވާ ފައިސާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހަވާލު ކުރުމަށް ގާނޫނުގައި ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.